ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު، ޔުގަންޑާގެ ކެމްޕާލާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

މިދިޔަ މަހުގެ 17 އިން 23 ގެ ނިޔަލަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ޔުގެންޑާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ރައީސް އޮފީހުން މިއަދު ވަނީ އާންމުކޮށްފަ އެވެ.

ދަތުރަކީ އެ ގައުމުގައި ބޭއްވި ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓުގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައާއި "ގްރޫޕް އޮފް 77 އެންޑް ޗައިނާ (ޖީ77)ގެ ދަށުން ބޭއްވި ތިންވަނަ ސައުތް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރެކެވެ.

ރައީސް އޮފީހުން މިއަދު އާންމުކޮށްފައިވާ އެ ދަތުރުފުޅުގެ ހަރަދުގެ ތަފުސީލަށް ބަލާއިރު އެ ދަތުރަށް ވަނީ 983،000ރ. ހަރަދުވެފަ އެވެ. އަދި ޔުގަންޑާ ސަރުކާރުން ދެ ބޭފުޅެއްގެ އެކޮމަޑޭޝަން ހަރަދު ހަމަޖައްސައި ދެއްވި ކަމަށް ބުނެފައިވެ އެވެ.

ޓިކެޓު ހަރަދު:

  • 3 ބިޒްނަސް ކްލާސް ޓިކެޓް: 346،657.02ރ.
  • 7 އިކޮނޮމީ ކްލާސް ޓިކެޓް: 304190.34ރ.

އެހެނިހެން ހަރަދު:

  • 10 ބޭފުޅުންގެ ޕޮކެޓް މަނީއަށް: 95،232ރ.
  • ފަރިއްކޮޅަށް: 48،736.74ރ.
  • ސްޓޮޕްއޯވާއަށް: 18،494ރ.
  • އިންސިޑެންޓަލްއަށް: 441.27ރ.
  • އެކަމަޑޭޝަން: 169،280.76ރ.

ރައީސް އޮފީހުން ބުނީ އެ ދަތުރުގައި ބައިވެރިވި 10 ބޭފުޅުންގެ ތެރެއިން ދެ ބޭފުޅެއްގެ މެހެމާންދާރީ އެ ގައުމުގެ ސަރުކާރުން ހަމަޖައްސާދެއްވާފައިވާ ކަމަށެވެ. އަދި އިތުރު ދެ ބޭފުޅުންގެ އެކޮމެޑޭޝަން ހަރަދު ވެސް އެ ގައުމުގެ ސަރުކާރުން ހަމަޖައްސާދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް މުއިއްޒު ވަނީ އެ މަނިކުފާނާއި އެމަނިކުފާނުގެ ނައިބު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުގެ ހަރަދުތައް އެދަތުރެއް ނިންމަވައި ވަޑައިގަންނަވާތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.