ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ފަސް އަހަރުވަންދެން ކޮށްގެން އުޅުނު ކައިވެނި ސައްހަ ނޫން ކަމަށް ކޯޓުން އިއްޔެ ކަނޑައަޅައި އެ ދެމަފިރިން ހަތް އަހަރަށް ޖަލަށްލާން ހުކުމްކުރުމާ އެކު ބޮޑު އަދަދަކުން ޖޫރިމަނާ ވެސް ކޮށްފި އެވެ.

އިމްރާން ޚާން، 71، އާއި އޭނާގެ އަންހެނުން ބުޝްރާ ޚާން ޖެނުއަރީ 2018 ގައި ކުރި ކައިވެނި ސައްހަ ނޫން ކަމަށް ކަނޑައަޅާފައި ވަނީ އެ ކައިވެނިކޮށްފައި ވަނީ އިއްދައިގެ ތިން މަސް ދުވަހުގެ މުއްދަތު ހަމަނުކޮށް ކަމަށްވާތީ އެވެ. މި މައްސަލަ ކޯޓުން ހުށަހެޅީ ބުޝްރާ 30 އަހަރު ވަންދެން ކައިވެނިކޮށްގެން އުޅުނު އޭނާގެ ކުރީގެ ފިރިމީހާ އެވެ.

ޖަލު ހުކުމާ އެކު އިމްރާންގެ ދެމަފިރިން ވަނީ ކޮންމެ މީހަކު 500،000 ރުޕީސް (1،800 ޑޮލަރު) އިން ޖޫރިމަނާކޮށްފަ އެވެ.

އިމްރާން އާއި ބުޝްރާ ޖެނުއަރީ 2018 ގައި ކައިވެނިކޮށްފައި ވަނީ ސިއްރުން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އޭގެ މަސްތަކެއް ފަހުން އިމްރާން ވަނީ ބޮޑުވަޒީރުކަމުގެ މަގާމަށް ހޮވިވަޑައިގެންފަ އެވެ. ނަމަވެސް 2022 ވަނަ އަހަރު ވަނީ އިތުބާރު ނެތް ކަމަށް ޕާލަމެންޓުން ފާސްކޮށް ބޮޑުވަޒީރުކަމުން އިމްރާން ދުރުކޮށްފަ އެވެ.

ރާވަލްޕިންޑީގެ ޖަލުގައި މިހާރު ވެސް ހުންނެވި އިމްރާންގެ ހުކުމް ޖަލުގައި ތަންފީޒް ކުރަން ޖެހޭއިރު އޭނާގެ އަންހެނުންނަށް ވަނީ އިސްލާމްއާބާދުގެ ފަރުބަދަމަތީގެ އަގުބޮޑު ގޭގައި ހުކުމް ތަންފީޒް ކުރުމުގެ ހުއްދަ ދީފަ އެވެ.

މިއީ އަންނަ ބުރާސްފަތި ދުވަހު ޕާކިސްތާނުގައި އާއްމު އިންތިޚާބު ބާއްވަން ތައްޔާރުވަމުންދާ އިރު އިމްރާން ޚާން އަށް ކުރިމަތިވި ތިން ވަނަ ޖަލު ހުކުމެވެ. އިންތިޚާބުގައި އިމްރާން ވާދަކުރުން ވަނީ މަނާކޮށްފަ އެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން 10 އަހަރަށް ޖަލަށް

ދައުލަތުގެ ސިއްރުތަކެއް އާއްމުކުރިކަމުގެ ކުށުގައި އިމްރާންގެ މައްޗަށް މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ވަނީ 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އަދި މިދިޔަ ބުދަ ދުވަހު ވަނީ ސަރުކާރަށް ލިބިފައިވާ ހަދިޔާތަކެއް ބޭނުންކުރި ކަމުގެ ކުށުގައި އިމްރާން އާއި އޭނާގެ އަންހެނުން 14 އަހަރަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ. މި ހުރިހާ ހުކުމެއް އިމާރާންގެ މައްޗަށް އިއްވާފައި ވަނީ މިދިޔަ އޮގަސްޓުން ފެށިގެން ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރަމުން ދަނިކޮށެވެ. އެހެންވެ މުޅި ޖުމްލަ އިމްރާން ޚާންގެ މައްޗަށް މިހާރު ވަނީ 34 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. މި ހުރިހާ ހުކުމެއް ތަންފީޒް ކުރަމުން ދާނީ އެކުއެކީގައި ކަމެއް ނުވަތަ ވަކިވަކިން ކަމެއް އަދި ނޭނގެ އެވެ. މީގެ އިތުރުން ސަރުކާރުގެ މަގާމެއް އަދާކުރުން 10 އަހަރަށް އިމްރާނަށް ވަނީ މަނާކޮށްފަ އެވެ.

މިއީ އިމްރާން ކުރި ތިންވަނަ ކައިވެންޏެެވެ. ޕާކިސްތާނުގެ ކުރިކެޓުގައި އެންމެ ވިދާލި އިމްރާން 1990 ގެ އަހަރުތަކުގައި އުޅެފައި ވަނީ ޕްލޭބޯއީ ދިރިއުޅުމެކެވެ. މުޅި ދުނިޔޭގައި އޭނާއަށް ލިބިފައިވާ މަޝްހޫރުކަމާ އެކު އިމްރާން އެންމެ ފުރަތަމަ ކައިވެނިކުރީ އިނގިރޭސިވިލާތުގެ ބިލިއަނަރު ޖޭމްސް ގޯލްޑްސްމިތުގެ ޖެމީމާ ގޯލްޑްސްމިތާ އެވެ. ނުވަ އަހަރަށް ފަހު އެ ކައިވެނި ރޫޅުނެވެ. އޭގެ ފަހުން 2015 ގައި އިމްރާން ކައިވެނިކުރީ ބީބީސީގެ ނޫސްވެރިއެއް ކަމަށްވާ ރީހާމް ނައްޔާރު ޚާން އެވެ. އެ ކައިވެންޏަށް އަހަރެއް ވެސް ނުވެ އެވެ.