ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު، މާލޭގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންނެވި އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމަށް މަރުހަބާ ދަންނަވައިފި އެވެ.

ނަޝީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގެ މޭޔަރަކު ހޮވުމަށް އިއްޔެ ބޭއްވި ބައި އިލެކްޝަން އާޒިމް ކާމިޔާބު ކުރެއްވުމާ ގުޅިގެން އޭނާ އަށް މަރުހަބާ ދަންނަވާ ކަމަށެވެ. ނަޝީދު ވިދާޅުވީ މި ފަހުން މާލޭގައި ފެންބޮޑުވާ މައްސަލައިގެ އަސްލު އާ މޭޔަރު ހޯއްދަވައި ގުދުރަތީ ނިޒާމުގެ ތެރެއިން އެކަމަށް ހައްލެއް ގެނެސްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ނަޝީދު މީގެކުރިން ވިދާޅުވެފައި ވަނީ މާލޭގައި މިހާރު ގާއިމުކޮށްފައިވާ ސްޓޯމް ވޯޓާ ޑްރެއިނޭޖް ސިސްޓަމުތައް ކުރިއަށް އޮތް ތަނުގައި ވެސް ފެއިލުވުން އެކަށީގެންވާ ކަމަށާއި ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރެވޭނީ ގުދުރަތީ ނިޒާމުގެ ތެރެއިން ކުޅިތަކާއި ވެވުތައް ގެނައީމަ ކަމަށެވެ. މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން ގުދުރަތީ ކަންކަން ހިމެނޭހެން އާ ޑިޒައިންތަކުގެ ފެން ހިންދާ ނިޒާމު ބޭނުންވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މާލެ އަށް މި ފަހުން ދެ ދުވަހެއްގައި ކުރި ވިއްސާރައިގައި ފެން ބޮޑުވެ މާލޭގެ ބައެއް ގެތަކަށް ވަނީ ގެއްލުން ލިބިފަ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި މާލޭގެ މޭޔަރަކަށް އިންތިހާބުވެވަޑައިގަތީ އެމްޑީޕީގެ ޓިކެޓުގައި ނުކުންނެވި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމެވެ. އޭނާއާ ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އާޒިމާ އެވެ. އާޒިމަށް 7،621 ވޯޓު ލިބިވަޑައިގެންނެވި އިރު، އޭނާ އާ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު އައިޝަތު އާޒިމާ ޝަކޫރަށް ލިބިވަޑައިގަތީ 5،031 ވޯޓެވެ.