ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރާ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމެއް މިއަދަށް ތާވަލްކޮށްފި އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ 22 ވަޒީރުންނަށް ރުހުން ދިނުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ނިންމުމަށް ފަހު މަޖިލީހުގެ ތަޅުމަށް ފޮނުވި އެވެ. އެހެންނަމަވެސް ވުޒާރާތަކުގެ މެންޑޭޓު ފާސްނުކުރާތީ ކަމަށްބުނެ، މަޖިލީހުން ނިންމީ އެ މައްސަލަ އަނބުރާ ކޮމެޓީއަށް ފޮނުވާށެވެ. މި މައްސަލަ އަނބުރާ ކޮމެޓީއަށް ފޮނުވާލީ މިމަހުގެ 18 ގަ އެވެ.

އެހެންކަމުން ކޮމެޓީއަށް އަނބުރާ ފޮނުވާލި ރިޕޯޓާމެދު ގޮތެއް ނިންމުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ ބައްދަލުވުމެއް މިމަހުގެ 23 ވަނަ ދުވަހަށް ވެސް އެޖެންޑާކުރި އެވެ. ނަމަވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން އެ ދުވަހުގެ ބައްދަލުވުން ވަނީ ކެންސަލްކޮށްފަ އެވެ.

ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލައިގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީގެ ބައްދަލުވުމެއް އަނެއްކާވެސް މިއަދު ހެނދުނު 11 ޖަހާއިރަށް މިވަނީ އެޖެންޑާކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރު 3 ފަހަރެއްގެ މަތިން އިތުރުކުރުމަށްފަހު، ވަޒީރުންނަށް ރުހުން ނުދީ މިދިޔަ ބުރާސްފަތި ދުވަހު ވަނީ މިއަހަރުގެ ފަހު ދައުރުގެ އެންމެ ފަހު ޖަލްސާ ނިންމުމަށްފަހު، މަޖިލިސް ޗުއްޓީއަށް ގޮސްފަ އެވެ.