ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި އެމްޑީޕީގެ މެންބަރުންގެ ވޯޓުން އެކަނި ރައީސާއި ނައިބު ރައީސްގެ މަގާމުން ވަކިކުރެވޭ ގޮތަށް މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހު ފާސްކޮށްފި އެވެ.

މަޖިލީހުގެ މިހާރުގެ ޖުމްލަ އަދަދަކީ 80 މެންބަރު ކަމަށް ކަނޑައެޅުމަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ.

މަޖިލީހުގެ ގަވައިދަށް އެމްޑީޕީގެ ފަރާތުން ހުށަހެޅި އެ އިސްލާހު އާންމު ކޮމިޓީން ފާސްކޮށްފައިވާ ގޮތަށް ފާސް ކުރުމަށް މިއަދުގެ ޖަލްސާގައި ވަނީ ވޯޓު ނަގާފަ އެވެ.

ނެގި ވޯޓުންނެވެ. އެއިސްލާހަށް ތާއީދުކޮށް 42 މެމްބަރު ވޯޓު ވަނީ ދީފަ އެވެ. އަދި ނުފެންނަ ކަމަށް 21 މެންބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ. މި އިސްލާހު ފާސްވުމުން އެހެން ޕާޓީއެއްގެ އެހީތެރިކަަމަކާ ނުލައި އެމްޑީޕީގެ މެންބަރުންނަށް ރައީސާއި އާއި ނައިބު ރައީސް މަގާމުން ދުރުކުރެވޭނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން.. މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް

ކޮމިޓީން ފާސްކުރި އިސްލާހުގައި ވާގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމަށް މަޖިލީހަށް ގަރާރެއް ލިބޭތާ ދެ ދުވަހުގެ ތެރޭގައި ނޯޓިސް ފޮނުވައި، ނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަސް ދިނުމަށްފަހު އެ މައްސަލަ ކުރިއަށް ގެންދިއުމަށް ޖަލްސާ ބާއްވަންޖެހެ އެވެ.

އެފަދަ ގަރާރެއްގެ ބަހުސްގެ ވަގުތު ތިން ގަޑިއިރު ކަމަށް ކަނޑައަޅައި، ދިފާއުގައި ވާހަކެއްދުމަށް ރައީސާއި ނައިބު ރައީސަށް ދޭން ނިންމާފައިވަނީ 30 މިނެޓެވެ. އަދި ތުހުމަތުތަކުން ދިފާއުވުމަށް ގިނަވެގެން ތިން ވަކީލުން ގެންދެވޭނެ ކަމަށް ހިމަނާފައިވެ އެވެ. އަދި ކޮމިޓީގައި ކޮމިޓީ މަރުހަލާގައިވެސް ޖަވާބުދާރީވާން ފުރުސަތު ލިބޭނެ އެވެ.

އެ ގަރާރު މަޖިލީހުގައި ކުރިއަށް ގެންދަން ފާސްވުމުން، އެކުލަވާލަން ޖެހޭ ކޮމިޓީގެ މެންބަރުންގެ އަދަދު ވެސް އާ އިސްލާހުގައި ވަނީ ހަތް މެންބަރުންނަށް މަދުކޮށްފަ އެވެ. އަދި ކުރިން ގަވާއިދުގައި އޮތް ގޮތާ ހިލާފަށް، އާ އިސްލާހުގައި ވާގޮތުން ކޮމިޓީގައި ހުރިހާ ޕާޓީއެއްގެ މެންބަރުން ހިމެނުން ލާޒިމެއް ނޫނެވެ.