ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރެއްގެ ގޮތުގައި މުހައްމަދު ސަމީރު މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަގާމަށް އައްޔަން ކުރެއްވި ސަމީރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކުރިފުޅުމަތީގައި މަގާމުގެ ހުވާ ކުރައްވައި، ފަތްކޮޅާ ހަވާލުވެ ވަޑައިގެންފަ އެވެ.

ސަމީރަށް ހުވައި ލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ސަމީރު ކުރިން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އަމިއްލަ ލޯ ފާމްތަކުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.

ރައީސްގެ މެމްބަރެއްގެ ގޮތުގައި ޖޭއެސްސީގައި އެންމެ ފަހުން ހުންނެވި މަސްތޫރު ހުސްނީ ވަނީ މިދިޔަ ހަފްތާގައި މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ރައީސް މިއަދު ވަނީ އާ ބަންޑާރަ ނައިބު އަހްމަދު އުޝާމް ވެސް ޖޭއެސްސީއަށް އައްޔަންކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވައިފަ އެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ޖޭއެސްސީގައި ރައީސްގެ މެމްބަރެއްގެ އިތުރުން ބަންޑާރަ ނައިބާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސާއި އާންމުންގެ ތެރެއިން މެމްބަރަކާއި ވަކީލުންގެ ތެރެއިން މެމްބަރެއް އަދި ކްރިމިނަލް ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓުގެ މެމްބަރެއް ތިއްބަވަން ޖެހޭނެ އެވެ.