މިހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ މިހާތަނަށް އެންމެ ގިނަ މަސައްކަތްތައް ކުރެވުނު މަޖިލިސް ކަމަށާއި ދިވެހިރާއްޖޭގައި ހިނގާފައި އޮންނާނެ އެންމެ ޑިމޮކްރެޓިކް މަޖިލިސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން މިއަދު އިސްތިއުފާ ދެއްވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ މިހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ މިހާތަނަށް އެންމެ ގިނަ މަސައްކަތް ކުރެވިފައިވާ މަޖިލިސް ކަމަށެވެ. މިމަޖިލީހުގެ ރިޔާސަތުގައި އިންނަވަން ފުރުސަތު ލިބުނުކަމީ އުފާކުރައްވާ ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީން ހަރަކާތްތައް ހިންގަމުން ގެންދިޔައީ މެޖޯރިޓީ ޕާޓީގެ އަގުލަބިއްޔަތު ބޭނުންކޮށްގެން ކަންކަން ދިގު ދަންމަވަމުން ކަމަށާއި ދަ ޑިމޮކްރެޓްސް އަށް ޖެހުނީ އެމްޑީޕީން މެޖޯރިޓީ ބޭނުންކޮށްގެން ކުރަމުން ގެންދިޔަ ކަންކަން ހުއްޓުވަން ކަމަށް ނަޝީދު ވިދާޅުވި އެވެ.

މިދިޔަ ފަސް އަހަރަކީ ސަރުކާރުވެސް ޖަވާބުދާރީ ކުރުވާ ރައްޔިތުންގެ ނަޒަރަށް ކަންކަން ގެނެވުނު ފަސް އަހަރު ކަމަށް ނަޝީދު ވިދާޅުވި އެވެ.

މިއަހަރަކީވެސް މަޖިލީހުގައި އެންމެ ގިނަ މަސައްކަތްތައް ކުރެވުނު އަހަރު އާ ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށުނީއްސުރެ މިހާ ގިނަ މަސައްކަތް ކުރެވުނު މަޖިލީހެއް ނުދޭ، މިމަޖިލީހަކީ ތިބޭފުޅުން ތައައްސަބެއް ނެތި ބައްލަވައިފި ނަމަ މިއީ ދިވެހިރާއްޖޭގައި މިހަތަނަށް ހިނގާފައި އޮންނާނެ އެންމެ ޑިމޮކްރެޓިކް މަޖިލިސް" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އާ ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށުނު ފަހުން މިކުރިމަތިލީ ހަތަރުވަނަ ރިޔާސީ އިންތިހާބާ ކަމަށާ ކޮންމެ ފަހަރަކުވެސް ރައްޔިތުންގެ މަޖިލިސް ރިޔާސީ އިންތިހާބަށް ދާއިރު ބަހުއްޓޭ ކަމަށެވެ.

މި ރައްޔިތުންގެ މަޖިލީހަކީ އެކަންކަމުންވެސް އަރައިގަނެ މަޖިލިސް ބަންދު ނުކޮށް މަޖިލީހުގެ ތެރެއަށް ސިފައިން ނުގެނެސް ރީތިކޮށް ކުރިއަށް ގެންދެވުނު މަޖިލީހެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ މިދައުރަކީވެސް އެންމެ ގިނަ މަސައްކަތްތައް ކުރެވުނު އަހަރު ކަމަށް ނަޝީދު ވިދާޅުވި އިރު މިދިޔަ ޖޫން މަހުން ފެށިގެން މަޖީލީހުގެ މަސައްކަތްތައް ވަނީ ހުއްޓިފަ އެވެ.

އެމްޑީޕީން ނަޝިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމައި އެކު މަޖިލީހުގެ ގިނަ ޖަލްސާތައް އަދާ ހަމައަށް ނުބޭއްވި އޮތީ ހުއްޓިފަ އެވެ.