ގާޒާ އަށް ވަދެގަނެ އެ ތަން ހިފުމަށް ތައްޔާރު ވެއްޖެ ކަމުގައި އިޒުރޭލުގެ އަޝްކަރީން ބުނެފި އެވެ.

މެދުކެނޑުމެއް ނެތި އިޒުރޭލުން ބޮން އަޅަމުން އަންނަ ގާޒާގައި ކާބޯތަކެއްޗާއި ފެން ހުސްވެފައިވާއިރު އިޒުރޭލު ސިފައިން ވަނީ އެ ސަރަހައްދަށް ވަދެނުކުމެ ވެވޭނެ ހުރިހާ މަގެއް ބަންދު ކޮށްފަ އެވެ.

އިޒުރޭލުން ގާޒާ ހިފުމަށް ތައްޔާރު ވެއްޖެ ކަމުގައި ބުނާއިރު ވެސް ވައިގެ ޒަރީޢާ އިން ދޭ ހަމަލާތައް ހުއްޓުމަކަށް ނާދެ އެވެ. މި ހަމަލާތަކުގައި ރޭ ވަނީ ގާޒާގައި ހުރި އޮތޯޑޮކްސް ފައްޅިއަކަށް ވެސް ބޮން އަޅައިފަ އެވެ. ފައްޅިތަކާއި މިސްކިތްތަކާއި ހޮސްޕިޓަލްތަކަށް ބޮން އެޅުން ދޫނިޔޭގެ ގިނަ ބަޔަކު ކުށްވެރިކުރި ކަމުގައި ވިޔަސް އެމެރިކާ އާއި ހުޅަނގުގެ ބާރުގަދަ ގައުމުތަކުން ގެންދަނީ އެ މީހުންގެ ހިފެހެއްޓުމެއް ނެތް ތާއީދު އިޒުރޭލަށް އޮތްކަން އަންގަމުންނެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ފައްޅިއަށް ހަމަލާ ދިނުން ކުށްވެރި ކުރައްވަމުން ވެސް އިޒުރޭލަށް އޮތް ތާއީދު އޮތްގޮތަށް އޮތްކަން ހާމަކުރައްވައިފަ އެވެ.

އިޒުރޭލުން ބިންމަތީގެ ހަމަލަތައް ފަށަން ތައްޔާރުވެފައިވާއިރު އެ ގައުމުގެ ލުބުނާން ބޯޑަރު ކައިރީގައި ދިރިއުޅޭ ރައްޔިތުން އެހެން ހިސާބުތަކަށް ބަދަލު ކުރުމުގެ މަސްއަކަތް ކުރިޔަށް އެބަދެ އެވެ. ބޭނުމަކީ ބިންމަތީގެ ހަނގުރާމަ ދާގޮތަކުން ލުބުނާންގެ ހިޒުބުﷲ ހަނގުރާމައިގެ ތެރެއަށް ވަދެއްޖެ ނަމަ އިޒުރޭލުގެ ރައްޔިތުންނަށް ގެއްލުން ނުވާނެ ގޮތް ހެދުމެވެ.

ފާއިތުވެ ދިޔަ ދެ ހަފުތާގައި އިޒުރޭލާއި ހިޒުބުﷲ ގެންދަނީ ހަމަލާތައް ބަދަލު ކުރަމުންނެވެ. ހިޒުބުﷲ ވަނީ އިޒުރޭލުން ގާޒާ ހިފަން އުޅޭފި ނަމަ އެ ޖަމާއަތުން ހަނގުރާމައިގެ ތެރެއަށް ވަންނާނެ ކަމުގެ އިންޒާރު ދީފަ އެވެ.