އަންނަ މަހު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބާއި ގުޅިގެން 34 މީހުންގެ ރިކޯޑް މިހާތަނަށް އައިރު ސާފުކުރުމަށް ހުށައަޅާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ ރިޔާސީ އިންތިހާބަށް ރެކޯޑް ސާފުކުރުމަށް ހުށައެޅި މީހުންގެ ތެރެއިން 32 މީހެއްގެ ރެކޯޑް ސާފުކޮށް މިއަދު އިރޮއޮއްސުމުގެ ކުރިން ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ނުނިމި އޮތް 2 ފޯމް ވީ އެންމެ އަވަހަކަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.

ރެކޯޑް ސާފު ކުރެވެނީ އޮޓޮމޭޓަޑް ސެންޓްރަލް ޑޭޓާ ބޭސްއަކުން ކަމުގައި ނުވާތީ މުޅި ރާއްޖޭގެ ހުރިހާ ކޯޓަކުން ވަކިވަކީން ރެކޯޑް ސާފުކުރުމަކީ ވަގުތު ހޭދަވާ ކަމަށް އެއިދާރާއިން ބުނެ އެވެ.

އަދި ރިޔާސީ އިންތިހާބަށް ރެކޯޑް ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން މިއަދު ފޯމު ހުށަހަޅާނަމަ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ސުންގަޑިއަށް ނުނިމޭނެކަމަށްވެސް އެއިދާރާއިން ބުނެ އެވެ.

އަންނަ މަހުގެ ނުވަ ވަނަދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނަން ހުށައެޅުމުގެ ފުރުސަތު މިއަދު މެންދުރު 14:00 އަށް ހަމަވާނެ އެވެ. މިހާތަނަށް ކެންޑިޑަސީ ފޯމް ހުށައަޅާފައިވަނީ ހަތަރު ފަރާތަކުންނެވެ. އެއީ ވެރިކަން ކުރާ އެމްޑީޕީއާއި ޕީޕީއެމާއި އެމްއެންޕީގެ އިތުރުން ދަޑިކޮމްރެޓްސް އެވެ. މީގެތެރެއިން ޕީޕީއެމުން ހުށައެޅި ރައީސް ޔާމީންގެ ފޯމު ބަލައި ނުގަތުމަށް އެ ކޮމިޝަނުން ވަނީ ނިންމަވާފަ އެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝަރުތެއް ރައީސް ޔާމީންގެ ކިބައިގައި އުނިވާކަމަށް އީސީން ނިންމެވި ނިންމެވުމަށް ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކުރައްވާފަ އެވެ.