އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެމްއެންޕީގެ ކެންޑިޑޭޓު، ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އަންނަ ސެޕްޓެންބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްމަށް ކެންޑިޑެސީ ފޯމު މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅަން ނިންމައިފި އެވެ.
ރައީސް ސޯލިހުގެ ފޯމު ހުށަހަޅާނީ މިއަދު ހެނދުނު 9:00 ގަ އެވެ. އަދި ނާޒިމްގެ ފޯމް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ ހެނދުނު 10:00 ގަ އެވެ. މި ދެ ކެންޑިޑޭޓުންގެ ފޯމު ހުށަހެޅުން ވެސް ކުރިއަށްދާނީ ދަރުބާރުގޭގައި ހުންނަ އިންތިހާބީ މައި މަރުކަޒުގަ އެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހްގެ ރަނިންމޭޓަކަށް ހަމަޖައްސާފައި ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. ނާޒިމްގެ ރަނިންމޭޓަކީ ޑރ. އަހުމަދު އަދީލް ނަސީރެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ މުއްދަތު މާދަމާގެ މެންދުރުފަހު 2:00 އަށް ހަމަވާއިރު މިހާތަނަށް ފޯމު ހުށަހެޅީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ކުރީގެ ރައީސް ޔާމީނެވެ. ނަމަވެސް އެމަނިކުފާނު މަނީލޯންޑަރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދަވާތީ އީސީއިން ވަނީ ޔާމީނުގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމާފަ އެވެ.
އެ މައްސަލަ ޔާމީނުގެ ފަރާތުން ސުޕްރީމް ކޯޓަށް ވައްދާފައިވާއިރު މައްސަލާގެ ހުކުމް އިއްވުން މިއަދު ހެނދުނު 10:00 ގައި އޮންނާނެ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މާދަމާ ދޭއް ޖަހާއިރު ހަމަވާނެއެވެ.
މިހާތަނަށް އައިއިރު، ކެންޑިޑެސީ ފޯމް ހުށަހެޅުއްވީ ޕީޕީއެމްގެ ކެންޑިޑޭޓު އަދި ކުރީގެ ރައީސް ޔާމީން އެކަންޏެވެ. އެކަމަކު، އެމަނިކުފާނުގެ ކެންޑިޑެސީއާ މެދުގައި ސުވާލު އުފެދިފައިވާތީ އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ.