ހައިކޯޓާއި ކްރިމިނަލް ކޯޓުން ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރިސެސްއަށް ދާން ނިންމައިފި އެވެ.

ހައިކޯޓާއި ކްރިމިނަލް ކޯޓުން ބުނީ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ކޯޓު ރިސެސްއަށް ދިޔުމަށް ގާޒީންގެ އާންމު މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

ރިސެސްއަށް ދިޔަ ނަމަވެސް، ބައެއް މައްސަލަތައް ކުރިއަށް ގެންދާނެ ކަމަށް އެ ދެ ކޯޓުން ބުނެ އެވެ. އެގޮތުން، ކްރިމިނަލް ކޯޓުގައި ޖިނާއީ ބޮޑެތި މައްސަލަތަކާއި، ބަންދާއިމެދު ގޮތެއް ނިންމުމާއި، ކޯޓު އަމުރު ދޫކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ބުނެފައިވެ އެވެ. އަދި ހައިކޯޓުގައި ގާނޫނުގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ކަނޑައެޅިފައިވާ ބާވަތްތަކުގެ މައްސަލަތަކާއި، ހުކުމް ކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލީސްތަކާއި، އަވަސް ތަބީއަތުގެ މައްސަލަތަކާއި، އަވަސްކޮށް ހިންގަންޖެހޭ ކަމަށް މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗަށް އެއްބަސްވެވޭ މައްސަލަތައް މި މުއްދަތުގެ ތެރޭގައި ބަލާނެ ކަަމަށް އެ ކޯޓުން ބުނެފައިވެ އެވެ.

އާއްމުކޮށް ރިސެސްގެ މުއްދަތުގައި ކޯޓަށް ޝަރީއަތްތައް ނުބާއްވަ އެވެ. ނަމަވެސް މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް ކުރިއަށްދެ އެވެ.