ހައިކޯޓުގެ ފަނޑިޔާރުކަން އެގާރަ އަހަރު ކުރައްވާފައިވާ ފަނޑިޔާރު ޝުއައިބު ޒަކަރިއްޔާ ރިޓަޔާ ކުރައްވަން ނިންމަވައިފި އެވެ.

ހައިކޯޓުން ބުނީ ފަނޑިޔާރު ޝުއައިބު ޒަކަރިއްޔާ އެ ކޯޓުގައި 11 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވުމަށް ފަހު ފަނޑިޔާރު ޝުއައިބު މާދަމާ އިން ފެށިގެން ފަނޑިޔާރުގެ މަގާމުން ރިޓަޔާ ކުރައްވާނެ ކަމަށެވެ.

ގދ. ހޯނޑެއްދު އަށް އުފަން ޝުއައިބު އެ ކޯޓްގެ ފަނޑިޔާރު ކަމަށް އައްޔަންކުރީ މާޗް 26، 2011 ގަ އެވެ.

އެ ކޯޓުން ވަނީ ފަނޑިޔާރުކަމުގެ މަގާމުގައި ޝުއައިބު ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.

ފަނޑިޔާރު ޝުއައިބު ޒަކަރިއްޔާ ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި ޖަސްޓިސް މިނިސްޓްރީގެ ލީގަލް އޮފިސަރުކަމާއި، ހާއްސަ ގާޒީކަމާއި، ފެމިލީ ކޯޓުގެ ގާޒީކަމާއި މަދަނީ ކޯޓާއި ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސް ގާޒީކަން ހިމެނެ އެވެ. ފަނޑިޔާރު ޝުއައިބަކީ 1977 ވަނަ އަހަރު ގާނޫނާއި ޝަރީއަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އޮފް ކޮމްޕަރޭޓިވް ލޯވެސް ހައްދަވައިފައިވެ އެވެ.

ފަނޑިޔާރު ޝުއައިބު ރިޓަޔާ ކުރައްވަން ނިންމަވާފައިވާކަން ހާމަކޮށްފައިވަނިކޮށް ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުގައި ހުންނެވި ހާތިފް ހިލްމީ ވެސް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފަ އެވެ. އެހެންވެ، އެ ކޯޓުގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ފަނޑިޔާރު ހުސެއިން ޝަހީދާ އެވެ.