ފުރަތަމަ ފަހަރަށް އަތޮޅުތެރޭގައި ލެޕަރޮސްކޯޕިކް ސާރޖަރީ (އޮޕަރޭޝަން) ތައް ފެށުމަށް ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފަށައިފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ބުނީ އެހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ގުޅިގެން ކުޅުދުއްފުށީގައި ލެޕަރޮސްކޯޕިކް ސާރޖަރީތައް އަންނަ މަހުގެ ހަ ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން މިސާރޖަރީއަށް ބޭނުންވާ މެޝިނަރީސް މިހާރުވަނީ ކުޅުދުއްފުށި ސިޓީއަށް ގެނެވި މިހާރު ކުރިޔަށްދަނީ އިންސްޓޮލޭޝަންގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

ޕްލާސްޓިކް ސާރޖަރީގެ ދާއިރާގެ ފުރަތަމަ ސަބް ސްޕެޝަލިސްޓް ކަމުގައިވާ ޑރ. މުޙައްމަދު ވަޙީދު އަދި ލެޕަރޮސްކޯޕިކް ސާޖަރީތަކުގެ ތަޖުރިބާކާރު ޑޮކްޓަރު، ޖެނެރަލް ސާޖަން، ލީޑް ނަންގަވައިގެން މި ސާރޖަރީތައް ކުރިޔަށް ގެންދެއްވުމުގައި އަންނަ މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ނުވަ ވަނަ ދުވަހުގެ ނިޔަލަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާނެ އެވެ.

ލެޕަރޮސްކޯޕިކް ސާޖަރީ އަކީ ބަނޑުގައި ކުޑަ ލޯވަޅެއް ނުވަތަ ލޯވަޅުތަކެއް އަޅައިގެން ކެމެރާގެ ޒަރީއާއިން ބަލައިގެން، ކުދި އޮޕަރޭޝަން ޓޫލްސް ބޭނުންކޮށްގެން ކުރެވޭ ހަށިގަނޑަށް ލުއި އޮޕަރޭޝަންތަކެކެވެ. ކީހޯލް ސާޖަރީގެ ނަމުން ވެސް ނަންދެވިފައިވާ މި އޮޕަރޭޝަންތަކަށްފަހު ބަލި މީހާ ހޮސްޕިޓަލްގައި މަޑުކުރަންޖެހޭ މިންވަރު އަދި ފާރުތައް ފަސޭހަވުމަށް ނަގާ މުއްދަތު، އާންމު އޮޕަރޭޝަންތަކާއި ބަލާއިރު ބޮޑުތަނުން ކުޑަކަން ފާހަގަކުރެވެ އެވެ. މިގޮތުން މިފަދަ އޮޕަރޭޝަންތަކަށްފަހު ދުވަހުން ދުވަހަށް ވެސް ބަލިމީހާ ހޮސްޕިޓަލުން ޑިސްޗާޖްކުރުވެ އެވެ.

ލެޕަރޮސްކޯޕިކް ސާޖަރީތައް އާންމު ގޮތެއްގައި ހެދެނީ އަންހެނުން ދަރިމައިވުމުގެ ނިޒާމު، ގޭސް އަދި ކުޑަކަމުދާ ނިޒާމަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދުށެވެ. މި ސާޖަރީތަކަކީ ވީހާ ވެސް ކުޑަކޮށް ހަށިގަނޑު ކަފައިގެން ހަދާ ސާޖަރީތަކެއް ކަމުން، ބަލިމީހާ ހޮސްޕިޓަލްގެއި ހޭދަކުރާ ވަގުތު މަދުވެ، ތަހައްމަލް ކުރަން ޖެހޭ ވޭން ކުޑަވެ އަދި ހަށިގަނޑު ކެފުމުގެ ސަބަބުން ލާ ލަކުނު ކުޑަވެ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރީޖަނަލް ހޮސްޕިޓަލްތައް ބާރުވެރިކޮށް، ސިއްހީ ނިޒާމު ފައްކާކޮށް، ފުޅާކުރުމަކީ މި ސަރުކާރުގެ މުހިންމު ވަޢުދަކަށްވާއިރު، ލެޕަރޮސްކޯޕިން ސާރޖަރީތައް ފެށިގެން ދިއުމަކީ މި ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ. އަދި ރާއްޖޭގެ މައި ހޮސްޕިޓަލަށްކުރާ ބާރު ކުޑަވެ، ރައްޔިތުންގެ ތަކުލީފު ކުޑަވެ، މިފަދަ ހިދުމަތްތައް ހޯދުމަށް އާންމު ރައްޔިތުންކުރާ ހޭދަ ބޮޑުތަނުން ކުޑަވެގެންދާނެ އެވެ.

ފާއިތުވީ، ހަތަރު އަހަރެއްހާ ދުވުހުގެ ތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ ބޮޑެތި ކުރިއެންތަކެއް ހޯދާފައެވެ. މިގޮތުން ޑަކްޓަރުންނާއި ނަރުހުންގެ އަދަދު ބޮޑުތަނުން އިތުރުކުރެވި، އެމް.އާރު.އައި އަދި ތެރަޕިއުޓިކް ފަދަ ރައްޔިތުން ނުހަނު ބޭނުންވެފައިވާ ހިދުމަތްތައް ފެށި، ސިއްހީ ހިދުމަތް ހޯދުމަށް މާލެ ދާންޖެހޭ ޖެހުން ވަރަށް ބޮޑަށް މަދުކުރެވިފައިވާކަން ފާހަގަކޮށްލެވެ އެވެ.