ސިވިލް ކޯޓުގެ އިސްގާޒީ އަބްދުﷲ އަލީއާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.

ޖޭއެސްސީން ބުނީ ގާޒީ އަބްދުﷲއަށް މެދުގައި ފިޔަވަޅު އެޅުމަށް ނިންމާފައި ވަނީ ސިވިލް ކޯޓުގެ ގަޒިއްޔާ ބާތިލުކުރި މައްސަލައާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ޖޭއެސްސީން ނެރެފައިވާ ބަޔާނެއްފައި ބުނެފައިވަނީ ސިވިލް ކޯޓުގެ ގަޒިއްޔާއިން ބަލާ މައްސަލައަކަށް މީހަކު ހާޒިރުވުމަށްޓަކައި އޭނާއަށް އަމުރު ލިބުނު އިރު، މެޖިސްޓްރޭޓް ކޯޓަކުން ބަލާ މައްސަލައާ ގުޅިގެން ހަމަ އެ މީހާއަށް، އެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބިފައިވާތީ، ފަހުގެ ތާރީހަކަށް ސިވިލް ކޯޓުގެ މައްސަލަ ހަމަޖައްސައިދިނުން އެދި އެ ކޯޓަށް ހުށަހަޅާފައިވަނިކޮށް ސިވިލް ކޯޓުގެ ގަޒިއްޔާ އިސްގާޒީ އަބްދުﷲ ބާތިލުކުރި ކަމަށެވެ.

އެ އަމަލަކީ އަދުލު އިންސާފު ގާއިމުކުރާ ދާއިރާގެ ހައިބަތާއި އިތުބާރު ގެއްލޭފަދަ އަދި ފަނޑިޔާރުގޭގެ ވާޖިބު އަދާކުރުމުގައި ތައައްސަބެއް އޮތްކަން ފެންނާން އޮތް އަދި ފަނޑިޔާރުގޭގެ އަދުލުވެރިކަމާމެދު ސުވާލު އުފެދިދާ ގޮތުގެ މަތިން ކޮށްފައިވާ އަމަލެއްކަން އަބްދުﷲގެ ބަހުންނާއި ލިޔެކިޔުންތަކުން މައްސަލަ ތަހުގީގަށް ސާބިތުވާ ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ

ޖޭއެސްސީން ބުނެފައިވަނީ އިސްގާޒީ އަބްދުﷲގެ މި އަމަލަކީ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކޮށްފައިވާ އަމަލަކަށް ވާތީ، އިސް ގާޒީއަށް ނަސޭހަތް ދިނުމާއެކު ޖޭއެސްސީން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ފެންނަ ކަމަށް ނިންމާފައިވާ ކަމަށެވެ.

މިހާރަކަށް އައިސް ޖޭއެސްސީއިން އަންނަނީ ގާޒީނާ ގުޅޭ ގޮތުން އެކި މައްސަލަތައް ބަލާ ފިޔަވަޅުތައް އަޅަމުންނެވެ. އަދި ބައެއް ގާޒީ ވަކިކުރުމަށް މަޖިލީހަށް ފޮނުއްވައި ގާޒީއިން މަޖިލީހުން ވަކިކޮށްފައިވެ އެވެ.