ބ. އަތޮޅު އިސް މެޖިސްޓްރޭޓް އަހްމަދު ލަތީފުގެ މައްޗަށް ހުށަހަޅާފައިވާ ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.

ލަތީފާ ގުޅިގެން ޖޭއެސްސީ އިން ބަލަމުން ގެންދިޔަ މައްސަލަ އަކީ، ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ޖިނާއީ މައްސަލަތަކެއްގެ ހަސްމަކާއި އޮތް ގުޅުމެއްގެ ސަބަބުން އެ މައްސަލަތަކުން، ތަނާޒުލްވި މައްސަލަ އެވެ.

މި މައްސަލައާ ގުޅިގެން ލަތީފަށް ޖޭއެސްސީ އިން ވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ނޯޓިސް ދީފަ އެވެ.

ލަތީފުގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުނުވި ނަމަވެސް، ޖޭއެސްސީން ބުނީ، ހަމަ އެ ހަސްމާ ގުޅޭގޮތުން ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ބަންދާ މެދު ގޮތެއް ނިންމުމުގެ މައްސަލައެއް އިސް މެޖިސްޓްރޭޓް ލަތީފް ވަނީ ބައްލަވާފައި ކަމަށާއި، ލަތީފު އެ މައްސަލަ ބައްލަވާފައި ވަނީ ކަނޑައެޅިގެން ގާނޫނާ ހިލާފަށް ކަމަށެވެ.

އަދި މިއީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ބައްލަވައި، ގޮތެއް ނިންމަވާފައިވާ މައްސަލައެއް ކަމަށް ވާތީ، ޖޭއެސްސީގެ ގާނޫނުގެ ދަށުން، އިސް މެޖިސްޓްރޭޓް ލަތީފު މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަކަށް މަގާމުން ސަސްޕެންޑު ކޮށްފައި ވާ ކަމަށްވެސް، ޖޭއެސްސީން ބުދަ ދުވަހު ނިންމި ނިންމުމުގައިވެ އެވެ.

އެހެންކަމުން، ބ. ޖުޑީޝަލް ދާއިރާ ހިންގުން ވަގުތީގޮތުން ބ. ކަމަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުޖާއުއާ ހާވާލުކުރެވިފައި ވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ.