ޕީޕީއެމް ޕީއެންސީގެ ހަރަކާތްތައް ވަރުގަދަ ކުރުމަށްޓަކައި ރަށު ސްޓިއަރިން ކޮމިޓީތަކެއް އެކުލަވާލުމަށް އެތެރޭގެ އިންތިޚާބެއް ބާއްވަން ނިންމައިފި އެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އަންނަ މަހު 16ގައި ބާއްވާ އިންތިޚާބުގެ އެންމެބޮޑު ބޭނުމަކީ އަތޮޅު ތެރޭގަ އާއި މުޅި ރާއްޖޭގައި ޕީޕީއެމް ޕީއެންސީގެ ހަރަކާތްތައް ފުޅާކޮށް ހިންގުން ކަމަށެވެ.

އެ ނޫސްކޮންފަރެންސްގައި އިންތިޚާބީ ކޮމިޓީގެ މެމްބަރު އަދި ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ އިންތިޚާބު ބާއްވަން ހަމަޖެހިފައި ވަނީ ރަށްރަށުގެ އާބާދީތަކަށް ބަލައި ފަސް މެމްބަރުން ފެށިގެން 11 މެމްބަރުންނާ ހަމަޔަށް އިންތިހާބުކުރަން ކަމަށެވެ. އަދި އިންތިޚާބު ކުރަން ޖެހޭ މެމްބަރުންގެ އަދަދު ކަނޑައެޅިގެންދާނީ އާބާދީގެ ނިސްބަތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ އަލަށް ބާއްވާ އިންތިޚާބަކީ ރަށްރަށުގެ ސްޓިއަރިން ކޮމިޓީއެކުލަވާލުމަށް ބާއްވާ އިންތިޚާބެއް ކަމަށެވެ. އަދި އޭގެ ފަހުން ސްޓިއަރިން ކޮމިޓީގެ ރައީސް އިންތިޚާބު ކުރުމަށް އިންތިޚާބްވި މެމްބަރުންގެ ތެރެއިން ކުރިމަތިލާ ބޭފުޅުންގެ މެދުގައި އާންމު މެމްބަރުންގެ ވޯޓެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ ޕީޕީއެމްގެ އެތެރޭގެ އިންތިޚާބުގައި ޒުވާނުންނާއި އަންހެނުންނަށް ޚާއްސަ ސްލޮޓެއް ކަނޑައެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.