ޖިސްމާނީ ގޮތުންނާ ބައޮލޮޖިކަލް ގޮތުން އަންހެން ކުދިންނާ ފިރިހެން ކުދިންގެ ހަށިގަނޑަށް އަންނަ ބަދަލުތަކާ ގުޅޭ ސައްހަ މައުލޫމާތު ކުދިންނަށް ފޯރުކޮށްދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެ އެވެ.

ފަސްޓް ލޭޑީ ފަޒްނާ މިހެން ވިދާޅުވީ "މެންސްޓްރުއަލް ހެލްތު އެޑިއުކޭޝަން އެންޑް ސަސްޓެއިނަބަލް ޕީރިއަޑް" އާ ގުޅޭ ގޮތުން ބޭއްވި ވެބިނާއެއްގައި ބައިވެރިވެވަޑައިގެން ޕެނަލް ޑިސްކަަޝަންގައި ވާހަކަފުޅުދައްކަވަމުންނެވެ.

އުފަންވެނި ސިއްހަތާ ގުޅުންހުރި ކަމަކަށް ވާތީ މި ކަމުން ދިމާވެދަނެ ކަންކަމަށްޓަކާ ކުއްޖާގެ އުމުރާ ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ މުހިންމުކަން އެކަމަނާ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. ހަމަ އެހެންމެ މެންސްޓްރުއޭޝަންއަކީ އަމިއްލަ ސާފު ތާހިރުކަމާ ތިމާވެށީގެ ސާފުތާހިރުކަމާ ވެސް ގުޅިފައިވާ ކަމަކަށް ވާތީ ޕީރިއަޑްވުމުން ކަންކުރަންވީ ގޮތް ވެސް ކިޔާދޭން ޖެހޭކަން އެ ކަމަނާ ފާހަގަކުރެއްވި އެވެ.

މިކަމާ ގުޅިގެން ހުރި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން މެޑަމް ފަޒްނާ ވިދާޅުވީ ކުއްޖާގެ އުމުރާ އެ މުޖުތަމައެއްގެ މާހައުލާ ގުޅޭގޮތުން ކަންކަން ކުރުމުގައި ދަތިތައް ދިމާވާކަމަށެވެ. ހަމަ އެހެންމެ ޕިއުބަޓީގެ ވާހަކަ ދައްކަން ރަނގަޅީ ހެލްތް އެޑުކޭޝަންގެ ތެރެއިން ކަމަށް ތަޖުރިބާ ކާރުން ވިދާޅުވާ ކަމަށާއި، އަދި މުޅި މުޖުތަމަޢަށް ފައިދާވާގޮތަށް މިކަން ކުރެވޭނީ ބެލެނިވެރިންގެ ރުހުމާ އެއްބާރުލުމާއެކު ސްކޫލް ކަރިކިއުލަމްގެ ތެރެއިންކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް އެކަމަނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޕީރިއަޑް ޓެބޫއަށް އެޑްރެސް ކުރެވޭނެ ގޮތްތަކަށް އެކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވާ ލެއްވި އެވެ. އަދި، މިފަދަ ކަންކަމަށް ވަކާލާތުކޮށް އުސޫލުތައް ކަޑައަޅާއިރު، އެކި ކަންކަމަށް ބޭނުން ކުރާނެ އެކަށިގެންވާ ދިވެހި ބަސް ހުންނަން ޖެހޭކަން އެކަމަނާ ވަނީ ފާހަގަކުރައްވާފަ އެވެ.

ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަންއާއި، ޒީރޯ ވޭސްޓް މޯލްޑިވްސް ގުޅިގެން ޔުނައިޓްޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ) ގެ އެއްބާރުލުމާއިއެކު ހޮނިހިރު ދުވަހުގެ ރޭ ކުރިޔަށްގެންދިޔަ މި ވެބިނާގައި ސަރުކާރުގެ ޕޮލިސީ ލެވެލްގެ ބޭފުޅުންނާއި، ސިއްހީ ދާއިރާ ތަމްސީލުކުރައްވާ ބޭފުޅުންނާއި، މަދަނީ ޖަމިއްޔާ ޖަމާއަތްތަކުގެ ބޭފުޅުންނާއި، މި ދާއިރާއިން ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރައްވާ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

"މެންސްޓްރުއަލް ހެލްތު ޑޭ" ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ މެއި މަހުގެ 28 ވަނަ ދުވަހެވެ.