އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާ ކުރުމާމެދު ގޮތެއް އަންނަ ހަފްތާ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިއްޔެ ވަނީ މިނިސްޓަރު މަހްލޫފުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހަށް ފޮނުއްވާފަ އެވެ.

މިކަމާ ގުޅިގެން ޕީޖީ އޮފީހުން ބުނީ މިނިސްޓަރު މަހްލޫފުގެ މައްޗަށް ދައުވާ ކުރުމާ މެދުގައި ގޮތެއް އެންމެ ލަސްވެގެން އަންނަ ހަފްތާ ތެރޭގައި ނިމިގެންދާނެ ކަމަށެވެ.

މިނިސްޓަރ މަޚްލޫފްގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވުމުގެ އެ މައްސަލާގައި ވަކިގޮތެއް ނިންމަވަންދެން މިނިސްޓަރު މަޚްލޫފް މަސައްކަތުން އެކަހެރިވުމަށް ރައީސް ވަނީ އަންގަވާފައިވާފަ އެވެ.

މިނިސްޓަރު މަހްލޫފު. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި އޭސީސިއިން ވަނި ޕީޖީއަށް ދައުވާ ކުރުމަށް ފޮނުވާފައި.

މަހުލޫފްގެ މައްޗަށް ދައުވާކުރަން ފޮނުވާފައި މިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިވާތީ އެމައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.

އޭސީސީއިން ބުނީ އެ މައްސަލައިގެ ތަހުގީގަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އޭނާ ހުރެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33،000 ޑޮލަރު މަހުލޫފަށް ލިބިފައިވާކަން ތަހުގީގުން އެނގޭ ކަމަށެވެ. އެގޮތުން، އެ ބިލް ފާސްކުރުމަށް ވޯޓް ދިނުމުގެ ގޮތުން އޮގަސްޓް 27، 2014 ގައި މަހުލޫފް ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެފައި ވަނީ މެލޭޝިޔާއިން ސީދާ މަޖިލީހުގެ ވޯޓަށް ކަމާއި، ރައްޔިތުންގެ މަޖިލީހުގައި އޭނާ އެ ބިލަށް ވޯޓު ދީފައި ވަނީ ސަރުކާރާ އެއްކޮޅަށް ބިލް ފާސްކުރުމަށްކަމާއި، އެސްއޯއެފްގެ ޗެކަކުން މަހުލޫފުގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާކަން ތަހުގީގުން އެނގެންއޮތްއިރު، އެ ވޯޓަށްފަހު ކުރީގެ ނައިބު އަހުމަދު އަދީބު އާއި މަހުލޫފް އާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް މަހުލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީޚްތަކާއި ގުޅުވުމުން، މަހުލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އެ ފައިސާއަކީ، އަދީބު، މަހުލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގޭ ކަމަށް ވެސް އޭސީސީން ބުންޏެވެ.

މިނިސްޓަރު މަހްލޫފު. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި އޭސީސިއިން ވަނި ޕީޖީއަށް ދައުވާ ކުރުމަށް ފޮނުވާފައި.

އެ ކޮމިޝަނުން ބުނީ މަހުލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ 33،000 ޑޮލަރަކީ، ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެއް ކަމަށް ބުނެ އެސްއޯއެފް ނަމުގައި ތައްޔާރުކޮށްފައިވާ "ޕޭމަންޓް ރިސީވްޑް" ލިޔުމެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މަހުލޫފްގެ ފަރާތުން ހުށަހަޅާފައި އޮތް ނަމަވެސް، ތަހުގީގުން ބެލިބެލުމުން އެ ފައިސާއަކީ ޑޮލަރު ގަތުތަށް ދީފައިވާ ފައިސާކަން އެނގޭކަށް ނެތް ކަަމަށެވެ. އަދި މިއީ އަދީބު ކިބައިން ރިޝްވަތުގެ ގޮތުގައި މަހުލޫފް ހޯދާފައިވާ ފައިސާކަން ހެކިންގެ ބަހުންނާއި، ތަހުގީގަށް ލިބިފައިވާ ހެކި ގަރީނާއިން އެނގެން އޮތަތީ، މި މައްސަލައިގައި ކޮރަޕްޝަން ހުއްޓުވުމާ މަނާ ކުރުމުގެ ގާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން، މަހުލޫފްގެ މައްޗަށް ދައުވާ ކޮށްދިނުން އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ ކަމަށެވެ.

މި މައްސަލައިގައި ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވުމުން މީގެ ކުރިންވެސް މިނިސްޓަރ މަހްލޫފް ގޭގައި މަޑުކުރުމަށް ރައީސް ވަނީ އަންގަވާފައެވެ. އެފަހަރު މިނިސްޓަރ މަހްލޫފް މަސައްކަތަށް ނިކުމެވަޑައިގެންނެވީ ކުރެވުނު ތުހުމަތުތަކާ ގުޅިގެން އޭސީސީއާއި ފުލުހުންގެ ތަހްގީގު އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނުމުންނެވެ.

މަޚްލޫފްގެ އެކައުންޓަށް އެސްއޯއެފް ކުންފުނިން 33،000 ޑޮލަރު ޖަމާކުރި މައްސަލައިގައި މަޚްލޫފް ވިދާޅުވެފައިވަނީ، އޭނާ އެކުންފުންޏާއެކު ހިންގާފައިވަނީ އާއިލީ ވިޔަފާރިއަކަށް ބޭނުންވާ ޑޮލަރު ގަތުމުގެ މުޢާމަލާތެއްކަމަށެވެ. އަދި މިކަމާބެހޭ ލިޔެކިއުންތައްވެސް އޭނާ ވަނީ ސޯޝަލް މީޑިއާގައި ޢާންމުކުރައްވާފަ އެވެ. އެހެން ނަމަވެސް އޭސީސިއިން ބުނެފައިވަނީ އެއީ އޮޅުވާލުމުގެ ގޮތުން މަހްލޫފު ކުރައްވާފައިވާ ކަމެއް ކަމަށެވެ.

އެމްއެމްޕީއާރުސީގެ މައްސަލާގައި ދައުވާ ކުރުމަށް ފޮނުވާ ހިސާބުން މިނިސްޓަރުގެ މަގާމުން އިސްތިއުފާދޭނެ ކަމަށް މަހްލޫފު ވިދާޅުވެފައިވާއިރުވެސް އަދިވެސް އޭނާ ޔޫތު މިނިސްޓަރުގެ މަގާމުން އިސްތިއުފާދީފައިނުވެ އެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި މިނިސްޓަރު މަހްލޫފުގެ އިސްތިއުފާގެ އަޑު ވަނީ ގަދަ ވެފަ އެވެ.