ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ ބަލި ފެތުރުން ކޮންޓްރޯލްކުރަން އެޅި ހަރުކަށި ފިޔަވަޅުތައް އިތުރު އެއް ހަފްތާއަށް ދަންމާލައިފި އެވެ.

ދެ ހަފްތާ ކުރިން ފެށިގެން މާލެ ސަރަހައްދުގައި ހަވީރު ހަތަރަކުން ހެނދުނު އަށަކަށް ދަނީ ކާފިއު ހިންގަމުންނެވެ. އަދި ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ހުއްދަ ނެތި ބޭރުގައި އުޅުން ވަނީ މަނާކޮށްފަ އެވެ. އެ ވަގުތުތަކުގައި ބޭރަށް ނިކުމެ އުޅެވޭނީ ފުލުހުން ދީފައިވާ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އެ ހުއްދަ ދޫކޮށްފައި ވަނީ ވެސް ކޮންމެ ގޭބީސީއަކަށް ދެ މީހަކަށެވެ

ރައީސް އޮފީހުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދުު ސޯލިހު ވިދާޅުވީ، ބަލި ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށާ ނަމަވެސް އާންމު ހާލަތަށް ދިއުމަށް އަދިވެސް ފިޔަވަޅުތައް ދެމެހެއްޓުން މުހިންމު ކަމަށެވެ. އެހެން ކަމުން ދެ ހަފްތާގެ މުއްދަތަށް އެޅި ފިޔަވަޅުތައް އިތުރު ހަފްތާއަކަށް ދަންމާލުމަށް ނިންމާފައިވާ ކަމަށެވެ

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 68،502 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 18،462 ގައި މިހާރު ހުރިއިރު 49،844 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ. މި ބަލި ޖެހިފައިވާ 164 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 188 މީހަކު ވަނީ މަރުވެފަ އެވެ.