ރައްޔިތުންގެ މަޖިލީހުން ކުރާ ކަންކަމަށް ހުރަސް ނޭޅިއަސް މިސަރުކާރު ދެމިއޮންނާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އިވާ އަބްދުﷲ ސަރުކާރަށް ނުރުހުން ފާޅުކޮށްފި އެވެ.

އީވާ މިހެން ވިދާޅުވީ 241 ކޮމިޓީއަށް ރައީސް މުހައްމަދު ނަޝީދު ފޮނުވި މައްސަލަ އެ ޕާޓީގެ ބައެއް މެމްބަރުން ބޭރުކޮށްލުމުން އެކަމާ ހިތްހަމަނުޖެހިގެން އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގަ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމެޓީއިން ސަލާމަތީ ބާރުތައް ހާޒިރުކޮށްގެން ކުރިއަށް ގެންދާ އިކުއަރީއަށް އެމްއެންޑީއެފްއިން ހުރަސް އަޅާކަމަށް މަޖިލީހުން ވަނީ މީގެ ކުރިން ބުނެފަ އެވެ. އަދި ވަކިވަކި ސިފައިން ހާޒިރުކޮށްގެން ސުވާލު ނުކުރެވޭނެ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން މަޖިލީހަށް ފޮނުއްވި ސިޓީއާއި ގުޅިގެން މިނިސްޓަރުގެ ނައިބު ހަސަން ޒަމީލު މަޖިލީހުގެ ކަރާމަތަށާއި އިމްތިޔާޒުތަކަށް ހުރަސް އަޅާފައިވާ ކަމަށް ބުނެ ރައީސް ނަޝީދު ހުށަހެޅި މައްސަލަ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން ވަނީ ބޭރުކޮށްލާފަ އެވެ.

މިމައްސަލަ ބޭރުކޮށްލުމާ ގުޅިގެން ރައީސް ނަޝީދަށް ތާއީދު ކުރައްވާ ގިނަ މަޖިލިސް މެމްބަރުން އަންނަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އެގޮތުން މަޖިލިސް މިހާރު ހިންގުމާ ހަވާލުވެ ހުންނެވި މަޖިލީހުގެ ނައިބް ރައީސް އިވާ ވަނީ ސަރުކާރުގެ ފަރާތުން މަޖިލިސް މެންބަރުންނަށް ގުޅުއްވައި ރައީސް ސޯލިހު އެދިވަޑައިގަންނަވާ ގޮތަށް އަމަލުކުރުމަށް ވިދާޅުވި މެމްބަރަށް ފާޑުވިދާޅުވެފަ އެވެ.

އެނގިފައިވާ ގޮތުގައި އެމެމްބަރަކީއަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. ބިގޭއަކީ ރައީސް ސޯލިހުގެ އަނބިކަނބަލުންނާ އެއްބަފާ ބޭފުޅަކާ ކާވެނިކުރައްވައިގެން އުޅުއްވާ ބޭފުޅެކެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި އީވާ ވިދާޅުވީ މަޖިލީހުގެ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ އިންކުއިރީ ނާކާމިޔާބުކޮށްލައްވަން ނޫޅުއްވަން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސް ނަޝީދުގެ އެދިވަޑައިގަތުމަށް ކޮމިޓީންކުރާ ކަންކަން ބިގޭ ކޮންމެ ފަހަރަކު ގޯސްކުރައްވަން އުޅުއްވަނީ ކީއްވެތޯ ވެސް އީވާ ސުވާލުކުރެއްވި އެވެ.

ސަރުކާރުން ބޭނުން ގޮތަށް މަޖިލީހުން އަމަލުކުރުމަށް ގުޅައިގެން ނޫޅުނަސް ސަރުކާރު ދެމި އޮންނާނެ ކަމަށް ވެސް އީވާ ދާޅުވި އެވެ.

ޑިފެންސް މިނިސްޓަރުގެ ނައިބު ޒަމީލު މަޖިލީހުގެ އިމްތިޔާޒަށް އަރާފައިވާ ކަމަށް ތުހުމަތުކުރައްވައި މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ރައީސް ނަޝީދު ފޮނުއްވި މައްސަލަ ބޭރުކޮށްލީ އެމްޑީޕީގެ ހަތަރު މެންބަރެއްގެ ވޯޓާއެކު އެވެ. އެ މައްސަލަ ބޭރުކޮށްލަން ހުށަހެޅުއްވީ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ.

ރައީސް ނަޝީދު ވިދާޅުވެގެން މި މައްސަލަ ވަނީ ރައްޔިތުންގެ މަޖިލީހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވާފަ އެވެ. އެ މައްސަލަ ފޮނުވާފައި ވަނީ މަޖިލީހުގެ ކަރާމަތާއި ގަދަރު ނެގެހެއްޓުމަށް ކަމަށް މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.