ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާގެ ތަހުގީގާ ބެހޭ މައުލޫމާތު ސީދާ ގޮތެއްގައި ނުލިބޭ ކަމަށާއި އެ މައުލޫމާތު ރައީސް އޮފީސް މެދުވެރިކޮށް ސާފުކުރަން ޖެހޭތީ ނަޝީދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދާ ގާތްގުޅުމެއް ބާއްވާ ހަލީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހަމަލާގައި ވެފައިވާ ޒަހަމްތަކަށް ފަރުވޯ ހޯއްދަވަން މިހާރު ޖަރުމަނުގައި ހުންނެވި ނަޝީދާ ވާހަކަ ދައްކާލުމުގެ ފުރުސަތު މިއަދު ލިބިވަޑައިގަތް ކަމަށެވެ. ދެކެވުނު ވާހަކައިގެ ކުޑަ ތަފްސީލެއް ހަލީމް ވަނީ ހިއްސާކުރައްވައިފަ އެވެ.

އެގޮތުން އޭނާ ހިއްސާކުރެއްވީ، ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާގެ ތަހުގީގު މައުލޫމާތު ސީދާ ނަޝީދަށް ނުލިބޭތީ އެ މައުލޫމާތު ހޯދަން ޖެހެނީ ރައީސް އޮފީހުން ކަމަށް ބުނެ ކުރި ޝަކުވާ އެވެ. ހަލީމް ވިދާޅުވީ އެކަމާ ގުޅިގެން ނަޝީދު ހުންނަވަނީ ވަރަށް ކަންބޮޑުވެފައި ކަމަށެވެ.

"ތަހުގީގުގެ މައުލޫމާތު ސީދާ އެ މަނިކުފާނަށް ނުލިބި، ރައީސް އޮފީސް މެދުވެރިވެގެން ސާފުކުރަން ޖެހުމަކީ ކަންބޮޑުވާކަމެއް ކަމަށް ވިދާޅުވި،" ހަލީމް ވިދާޅުވި އެވެ.

ހަލީމް އެގޮތަށް ވިދާޅުވިޔަސް މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ވަނީ ފުލުހުންގެ ތަހުގީގު ކުރިއަށްދަނީ ވަރަށް ރަނގަޅަށް، ހިތްހަމަޖެހޭ ގޮތަށް ކަމަށް ބުނެފަ އެވެ. މި މަހު ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގައި ނަޝީދު ވަރަށް ބޮޑަށް ޒަހަމްވެފައިވެ އެވެ. އެ ޒަހަމްތަކަށް ފަރުވާކުރުމަށް އޭޑީކޭ ހޮސްޕިޓަލްގައި ސާޖަރީތަކެއް ހެއްދެވުމަށް ފަހު އިތުރު ފަރުވާއަށް މިހާރު ވަޑަައިގެން ހުންނެވީ ޖަރުމަނުގަ އެވެ.

ނަޝީދަށް ހަމަލާދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.