މިހާރު ކެބިނެޓްގައި ތިއްބެވި ހުރިހާ މިނިސްޓަރުން ވެސް ވަރަށް ރަނގަޅަށް މަސައްކަތް ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވިއިރު ބައެއް މިނިސްޓަރުންގެ ނަންފުޅު ރައީސްގެ ލިސްޓްގައި ހިމެނިފައި ނުވާތީ އެކަމާ ސުވާލުތަކެއް އުފެދިއްޖެ އެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތާއި އެކަމާ ގުޅިގެން މިހާރު ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ކެބިނެޓްގައި ތިއްބަވާ ހުރިހާ މިނިސްޓަރުން ވެސް ރަނގަޅަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ހަވާލުކުރައްވާ މަސައްކަތްތައް ބަރާބަރަށް ނިންމަވުން ގެންދަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ މިނިސްޓަރުންގެ ނަށްތައް ހިމެނޭ ލިސްޓެއް ރޭގެ ބައްދަލުވުމުގައި ވިދާޅުވިއިރު ބައެއް މިނިސްޓަރުގެ ނަންތައް ހިމެނިފައިނުވާކަން ފާހަގަ ކޮށްލެވެ އެވެ. މިނިސްޓަރުންގެ ލިސްޓްގައި ހުރިހާ މިނިސްޓަރުގެ ނަންތައް ވިދާޅުވެއްޖެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެންވެސް ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

"އަޅުގަނޑުމެން ހަވާލުކުރާ ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ކުރައްވަމުން ގެންދަވާ. އެގޮތުން ފިނޭންސް މިނިސްޓްރީ ކަމަށްވިޔަސް ހެލްތް މިނިސްޓްރީ ކަމަށްވިޔަސް އިކޮނޮމިކް މިނިސްޓްރީ ކަމަށްވިޔަސް ޓޫރިޒަމް މިނިސްޓަރު ކަމަށްވިޔަސް އެޑިއުކޭޝަން މިނިސްޓަރު ކަމަށްވިޔަސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ކަމަށްވިޔަސް ފިޝަރީޒް މިނިސްޓްރީ ކަމަށްވިޔަސް އަދި ޕްލޭނިން މިނިސްޓްރީ ކަމަށްވިޔަސް އަދި އެންވައިމަންޓް މިނިސްޓްރީ ކަމަށްވިޔަސް އެ ތިއްބެވި ހުރިހާ ބޭފުޅުން މިކަމުގައި ވަރަށް ބޮޑަށް ބައިވެރިވެވަޑައިގެން އެބަ މަސައްކަތް ކުރައްވާ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ލިސްޓްގައި ކޮވިޑްގެ ހާލަތުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވާ ތިން މިނިސްޓްރީއެއްގެ ނަށް ހިމެނިފައިނުވާތީ ގިނަ ބަޔަކު އަންނަނީ އެކަމާ ސުވާލު އުފައްދަމުންނެވެ. ކޮވިޑް ބަލި ރާއްޖޭގައި ފެތުރެއް ފެށި ފަހުން އެއް އަހަރު ވެގެން ގޮސްފައިވާއިރު ޑިފެންސް މިނިސްޓަރީ އާއި ހޯމް މިނިސްޓްރީ އަކީ އެންމެ ބުރަކޮށް މަސައްކަތް ކުރާ މިނިސްޓްރީތައް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި ބޭރުގެ އެހީތައް ހޯދުމަށް ފޮރިން މިނިސްޓްރީ ވެސް މިމަސައްކަތުގައި ބުރަކޮށް މަސައްކަތް ކުރެ އެވެ.

އެގޮތުން ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އާއި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާއި ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދާއި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އާއި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތެވެ

ނުވަ މިނިސްޓްރީއަކާއި އެ މިނިސްޓްރީގެ މިނިސްޓަރުންގެ ނަން ރައީސް ފާހަގަ ނުކުރެއްވީ ހަނދުމަފުޅު ނެތިގެން ނުވަތަ ގަސްތުގައި ކަމަށްވީ ނަމަވެސް އެކަމާއި ގުޅޭގޮތުން އުފެދޭ ސުވާލުތައް އެބަހުއްޓެވެ. ރައީސް އެ އިޝާރާތް ކުރެއްވީ ކޮވިޑްގެ މެނޭޖް ކުރުމުގައި އެކުލަވާލި ކަމަށް ސަރުކާރުން އިއުލާނުކުރި މިނިސްޓަރު ލެވެލްގެ ބޭފުޅުން ކަމަށްވާ ނަމަވެސް ރައީސްގެ އެ ލިސްޓުން ތިން މިނިސްޓަރެއްގެ ނަން ހަނދާން ނެތިގެން ނުވާނެ އެވެ.

ކޮވިޑްގައި ރާއްޖެ ހޭދަކުރި މުއްދަތުގައި ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީ އަދި ފުލުހުންގެ މެންޑޭޓް އޮތް ހޯމް މިނިސްޓްރީގެ ދައުރު ވަަރަށް ބޮޑެވެ. އަދި ބޮޑު ބަޖެޓަކާއެކު ޖެންޑާ މިނިސްޓްރީއަށް ވެސް ބޮޑު މެންޑޭޓެއް އޮތީ ދީފައެވެ. މިހާރުވެސް އެންމެ ބޮޑު އަދި އެންމެ މުހިންމު ދައުރެއް އޮތް މިނިސްޓްރީތަކުގެ ތެރޭގައި މި މިނިސްޓްރީތައް ހިމެނެ އެވެ.

ކެބިނެޓްގެ 18 މިނިސްޓަރުންގެ ތެރެއިން ނުވަ މިނިސްޓަރެއްގެ ނަން ވިދާޅުވެ ކެބިނެޓްގެ ހުރިހާ ބޭފުޅުން ވިދާޅުވެވުނީ ކަމަށް ދެންނެވުން ވީ އެތައް ބަޔަކަށް ގޯހަކަށެވެ. ނުވަތަ ރައީސް ގަސްތުގައި ކުރެއްވި ކަމަކަށެވެ. ބައެއް މީހުން އެކަން ސިފަކުރީ ކެބިނެޓްގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ރައީސް އެންމެ ހިތްހަމަޖެހިވަޑައިގަންނަވާ ބޭފުޅުން ފާހަގަ ކުރެއްވުމުގެ ގޮތުގަ އެވެ.

މިހާރު ކޮވިޑް ހާލަތު އިތުރަށް ގޯސްވެފައިވާތީ އެކަންތައް ރަގަޅު ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަން ރައީސް ވަނީ ހާމަކުރައްވާފަ އެވެ. ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނަ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.