މުޅި ގައުމު ބަލިވެފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ދުވެލި މިހާރަށް ވުރެ އަވަސް ކުރަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކުރެއްވި ޓުވީޓްގައި ވިދާޅުވެފައި ވަނީ ދިވެހި ސަރުކާރުގެ ދުވެލި މިއަށް ވުރެ އަވަސް ކުރަން ޖެހިފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރި، މުޅި ގައުމު ނާޒުކު ހާލަތަކަށް ވެއްޓިފައި ވާތީ އެކަމާ ގުޅިގެން ސައީދު ވިދާޅުވީ މުޅި ގައުމު ބަލިވެފައިވާ ކަމަށާއި ވަކި ގައުމެއްގެ ރުހުމަށް މަޑުނުކޮށް ބައިނަލްއަގުވާމީ އެހީއަށް އެދެން ޖެހޭ ކަމަށެވެ. އަދި ދުނިޔޭގައި ދިވެހިރާއްޖޭގެ އެކުވެރި ގައުމުތައް މަދެއް ނުވާނެ ކަމަށާއި، އަދި އެ ގައުމުތަކަށް ކިތަންމެ ބާރުބޮޑު ހާލަތެއްގައި އޮތް ނަމަވެސް ދިވެހިންނަށް އެ ގައުމުތަކުން އެހީވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19ގެ ހާލަތު ވަރަށް ގޯސްވެފައިވާއިރު ސަރުކާރުން ކޮވިޑް ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅުތަކާ މެދުގައި އަންނަނީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮވިޑް ބަލިޖެހޭ މީހުންގެ އަދަދު 1،000 އަށް ވުރެ މަތީގައި ކޮންމެ ދުވަހަކު ހުންނައިރު މިހާރު މިބަލީގައި މަރުވި މީހުންގެ އަދަދު 130 އަށް ވުރެ ވަނީ މަތިވެފަ އެވެ.

އާބާދީގެ ނިސްބަތަށް ބަލާއިރު ކޮވިޑާ ދިމާކޮށް އެންމެ ގިނައިން ހަރަދު ކުރި އެއް ގައުމަށް ރާއްޖެ ވާއިރު މިކަމަށް ސަރުކާރުން ތައްޔާރުވެފައި ނުވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުނެވެ.

ކޮވިޑް ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް މިހާރު ވަނީ އިތުރަށް ހަރުކަށި ކޮށްފަ އެވެ. މިގޮތުން މާލޭ ސިޓީ އެއްކޮށް ލޮކްޑައުން ކުރުމަށް ވެސް އިއްޔެ ވަނީ ނިންމާފަ އެވެ.