ހިތުގެ ބަލިތަކަކީ ދުނިޔޭގައިވެސް އަދި ރާއްޖޭގައިވެސް އެންމެ ގިނައިން މީހުންގެ ފުރާނަ ގެއްލޭ އެއް ސަބަބެވެ. އެހެންކަމުން ހިތުގެ ސިއްހަތު ހުރިގޮތް ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ.
ކާޑިއޮލޮޖިސްޓުން (ހިތުގެ ހާއްސަ ޑޮކްޓަރުން) ވިދާޅުވާ ގޮތުގައި، ގޭގައި ހުރެގެންވެސް އެންމެ މިނެޓެއްގެ ތެރޭގައި ހިތުގެ ދުޅަހެޔޮކަން ހުރި މިންވަރު ދެނެގަނެވިދާނެ 3 ޓެސްޓެއް ވެ އެވެ.
1. 60 ސިކުންތުގެ ތެރޭގައި 60 ހަރުފަތަށް އެރުން
މިއީ ހިތުގެ ބާރު ހުރި މިންވަރު ބެލުމަށް ކުރެވިދާނެ ވަރަށް ފަސޭހަ ކަމެކެވެ. ޑޮކްޓަރުން ލަފާ ދެއްވާ ގޮތުގައި، 60 ސިކުންތު ތެރޭގައި ދުވެފައި ނޫން ގޮތަކަށް، އާދައިގެ ހިނގުމެއްގައި 60 ހަރުފަތަށް (ގާތްގަނޑަކަށް 4 ބުރިއަށް) އެރޭނަމަ، އެއީ ހިތުގެ ސިއްހަތު ރަނގަޅު ކަމުގެ ނިޝާނެކެވެ. މިކަމަށް 1.5 މިނެޓަށްވުރެ ގިނަ ވަގުތު ނަގާނަމަ، ނުވަތަ ނޭވާލާން މާބޮޑަށް އުނދަގޫވާނަމަ، އެއީ ހިތުގެ ސިއްހަތާމެދު ވިސްނާލަން ޖެހިފައިވާ ކަމުގެ އިންޒާރެކެވެ.
2. ރެސްޓިން ހާޓް ރޭޓް ބެލުން
ހަމަހިމޭނުން އިށީނދެގެން އިންނަ ވަގުތު، 60 ސިކުންތުގެ ތެރޭގައި ހިތް ތެޅޭ މިންވަރު ނުވަތަ އަތުގެ ކުޑަހުޅާ ހިސާބުން ވިންދު ޖަހާ މިންވަރު ގުނާށެވެ. ޢާންމު ގޮތެއްގައި ބޮޑެތި މީހުންގެ ހިތުގެ ވިންދު ހުންނަންވާނީ މިނެޓަކު 60 އާއި 100 އާ ދެމެދުގަ އެވެ. ކަސްރަތުކުރާ ދުޅަހެޔޮ މީހުންގެ މި ޢަދަދު 60 އަށްވުރެ ދަށްވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ވިންދު ޖަހާ މިންވަރު މާބޮޑަށް މަތިނަމަ، އެއީ ހިތަށް ބާރުބޮޑު ވެފައިވާކަން އަންގައިދޭ ކަމެކެވެ.
3. ކަސްރަތަށްފަހު ހިތުގެ ވިންދު ހަމައަކަށް އެޅޭ މިންވަރު ބެލުން
ކަސްރަތު ކުރުމަށްފަހު، ނުވަތަ ސިޑިން އެރުމަށްފަހު، ހިތުގެ ވިންދު އަވަސްވެފައި ހުއްޓާ ކުއްލިއަކަށް މަޑުކޮށްލާށެވެ. އަދި ފުރަތަމަ 60 ސިކުންތުގެ ތެރޭގައި ވިންދު ޖަހާ މިންވަރު ދަށްވާ ވަރު ބަލާށެވެ. ހިތުގެ ސިއްހަތު ރަނގަޅުނަމަ، ކަސްރަތު ހުއްޓާލާތާ އެއް މިނެޓު ތެރޭގައި ހިތުގެ ވިންދު ވަރަށް ބޮޑަށް ދަށްވެ، އާދައިގެ ހާލަތަކަށް އަންނަން ފަށާނެ އެވެ. ވިންދު ދަށްވާން މާގިނަ ވަގުތު ނަގާނަމަ އެއީ ސަމާލުވާންޖެހޭ ކަމެކެވެ.
ސަމާލުވުމަށް: މި ތިން ޓެސްޓަކީ ގޭގައި ހުރެގެން އަމިއްލައަށް ކޮށްލެވިދާނެ ފަސޭހަ ކަންތައްތަކެއް ނަމަވެސް، މިއީ ފުރިހަމަ މެޑިކަލް ޑައިގްނޯސިސްއެއް ނޫނެވެ. މެޔަށް ތަދުވުން ނުވަތަ ނޭވާ ހާސްވުން ފަދަ ކަމެއް ދިމާވާނަމަ ލަސްނުކޮށް ސިއްހީ މާހިރެއްގެ ލަފާ ހޯދަންވާނެ އެވެ.
2 އަހަރަށްފަހު ފުރަތަމަ ފަހަރަށް ސެލީން ޑިއޯންގެ ފެނިލުމެއް!
ތިލަފުށީ އާ ޕޯޓުގެ އިމާރާތްތައް ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދަނީ
"ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުން ވިޔަފާރިތައް ބަނގުރޫޓުވެދާނެ"