ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު ދަށަކަށް ނުދާނެ ކަމަށާއި، އެއީ ސަރުކާރަށް ވެސް ހައްލުކުރެވޭނެ މައްސަލައެއް ނޫން ކަމަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު އުއްޗު ވިދާޅުވީ، ޑޮލަރުގެ އަގު އުފުލެން ދިމާވާ އެންމެ ބޮޑު ސަބަބަކީ ދިވެހި އިގްތިސާދުގެ ތެރޭގައި ދައުރުވާ ދިވެހި ރުފިޔާގެ މިންވަރު އިންތިހާއަށް އިތުރުވުން ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އެއްޗެއް މާބޮޑަށް ގިނަވެއްޖެ ނަމަ އޭގެ އަގު ދަށަށްދާ އުސޫލުން، ދިވެހި ރުފިޔާ ގިނަވުމަކީ އޭގެ އަގު ދައްވެ، ޑޮލަރުގެ ކުރިމަތީގައި ރުފިޔާގެ އަގު ވެއްޓެން މެދުވެރިވާ ސަބަބެވެ.
"ޑޮލަރު ލިބެން ހުރި ވަރު ދަށްވެއްޖެ، ދިވެހި ރުފިޔާ އެހާ ގިނަ ވެއްޖެ. އެހެންވީމާ ވެގެން ދާނެ ގޮތް މިވަނީ،" ގިނަ ރިސޯޓުތަކެއް ހިންގާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ އެއް ހިއްސާދާރު އުއްޗު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ޑޮލަރުގެ އަގު ކޮންޓްރޯލް ކުރުމަކީ މި ސަރަހައްދުގެ އެއްވެސް ގައުމެއްގެ ސަރުކާރަކަށް ވެސް ކުރެވިފައިވާ ކަމެއް ނޫން ކަމަށެވެ. މިސާލެއްގެ ގޮތުން އިންޑިއާ، ބަންގްލަދޭޝް އަދި ސްރީލަންކާގައި ވެސް ޑޮލަރުގެ އަގު މައްޗަށް ދާ މައްސަލަ އޭނާ ފާހަގަކުރެއްވިއެވެ. އޭނާގެ ނަޒަރުގައި ރާއްޖޭގައި ހިންގާ ބޮޑެތި މަޝްރޫއުތަކަށާއި މުސާރަ ދިނުމަށް ގިނަ އަދަދެއްގެ ރުފިޔާ ނެރެފައިވީ ނަމަވެސް، އެއާ އެއްވަރަށް ޑޮލަރުގެ ދައުރުވުން އިތުރުވެފައެއް ނުވެ އެވެ.
ތަކެތީގެ އަގު ބޮޑުވާ މައްސަލައަށް އަލިއަޅުއްވާލައްވަމުން އުއްޗު ވިދާޅުވީ، ހަގީގަތުގައި އަގު ބޮޑުވަނީ ތަކެތީގެ ނޫން ކަމަށާއި، އެއީ ފައިސާގެ އަގު ދަށަށް ދިއުމުގެ ނަތީޖާ ކަމަށެވެ. މިކަމަށް އޮތް ހަމައެކަނި ހައްލަކީ އިގްތިސާދުގެ ތެރޭގައި ދައުރުވާ ރުފިޔާގެ މިންވަރު މަދުކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ފޮރިން އެކްސްޗޭންޖް ގާނޫނަށް ބަދަލުތަކެއް ގެނެސް، ރިސޯޓުތަކުން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ބޭންކަށް މާރުކުރަން މަޖުބޫރުކޮށްފަ އެވެ. ސަރުކާރުން އުއްމީދު ކުރަނީ މި ފިޔަވަޅާއެކު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ތިރިވާނެ ކަމަށެވެ. ނަމަވެސް، އުއްޗު ވިދާޅުވާ ގޮތުގައި ޑޮލަރުގެ އަގު އަދިވެސް ދާނީ މައްޗަށެވެ.
މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރަސްމީ ރޭޓަކީ 15.42 ރުފިޔާ ކަމަށް ވިޔަސް، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ވަނީ 21.80 ރުފިޔާއަށް އުފުލިފަ އެވެ. މިއީ ސަރުކާރުގެ އާ ސިޔާސަތުތަކާއެކު ވެސް ހައްލު ނުލިބި އޮތް ބޮޑު ގޮންޖެހުމެކެވެ.
40ގެ އަހަރުތަކުގައި ދަރިމައިވާ އަންހެނުންގެ އަދަދު ގިނަ ވަނީ!
ފަވަރަ އާއި ޔޫޕީއައި ގުޅާލައިފި