އެމެރިކާއިން އީރާނުގެ ދެކުނުގެ ސަރަހައްދުތަކުގައިވާ މަދަނީ އުމްރާނީ ވަސީލަތްތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.
ވޭތުވެދިޔަ މަހު ދެގައުމުގެ ދެމެދުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރެވުނު ކަމަށް ވިޔަސް، އެމެރިކާ ސިފައިން މިހާރު ވަނީ އީރާނަށް އަމާޒުކޮށް އާ ހަމަލާތަކެއް ދޭން ފަށައިފަ އެވެ. ވޮޝިންޓަނާއި ތެހެރާނުން މިދިޔަ ހަފުތާއެއްހާ ދުވަހު އަންނަނީ ކޮންމެ ދުވަހަކު ވެސް އެއްގައުމު އަނެއް ގައުމަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި، މި ހަމަލާތަކަކީ އީރާނުގެ އަސްކަރީ ގާބިލުކަން ކުޑަކޮށް، ބަލިކަށިކޮށްލުމަށް ދެވޭ ހަމަލާތަކެކެވެ.
އީރާނުގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި، މިފަހުން ދިން ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 40 މީހުން މަރުވެ، 300 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.
އީރާނުގެ އެނާޖީ މިނިސްޓްރީން ބުނީ އެމެރިކާގެ އެންމެ ފަހުގެ ހަމަލާތަކުގައި ބަންދަރު އައްބާސް އާއި އެ ސަރަހައްދުގެ އަވަށްތަކުގެ ކަރަންޓު ވިއުގައަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް، މިހާރު ބައެއް ސަރަހައްދުތަކަށް އަލުން ކަރަންޓު ދީ، ހާލަތު އަންނަނީ ހަމައަކަށް އެޅެމުންނެވެ. މިގޮތުން ނޮބޮންޔާދު 1 ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލަ ވެސް މިހާރު ވަނީ ހައްލުކޮށްފަ އެވެ.
ކަރަންޓު ބޭނުންކުރުން އިތުރުވާ ވަގުތުތަކުގައި، އީރާނުގެ ދެކުނުގެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ކަރަންޓު އިގްތިސާދު ކުރުމަށް އޮފިޝަލުން ވަނީ އިލްތިމާސް ކުރައްވާފަ އެވެ. ހަމައެއާއެކު، އީރާނުގެ އިންޓީރިއާ މިނިސްޓްރީން ވަނީ ރައްޔިތުން ހާސް ނުވުމަށާއި، ރައްކާތެރިކަމަށްޓަކައި އެންމެ ގާތުގައި ހުރި ރައްކާތެރި ތަންތަނަށް ދިއުމަށް އިރުޝާދު ދީފަ އެވެ.
އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ބުނި ގޮތުގައި، ބަހްރޭންގައި ހުންނަ ސާހިރު އެއާބޭސްގައި ހުރި އެމެރިކާގެ ހެލިކޮޕްޓަރުތަކަށާއި ޖާސޫސީ މަތިންދާބޯޓުތަކަށް އީރާނު ސިފައިން ވަނީ ރައްދުގައި ހަމަލާދީފަ އެވެ.
ހޮރްމުޒް ކަނޑުއޮޅި ބަލަހައްޓާ މުހިންމު ސަރަހައްދެއް ކަމަށްވާ ސިރިކް ސިޓީއަށް އެމެރިކާއިން ދަނީ މެދުނުކެނޑި ވައިގެ ހަމަލާތައް ދެމުންނެވެ. އަދި ބުޝެހްރަށް ވެސް ހަމަލާތަކެއް ދީފައިވާ އިރު، ހަމީރު ބަނދަރު ކައިރީގައިވާ ދެ ފާލަމަކަށް ދިން ހަމަލާތަކެއްގައި ދެ މީހުން މަރުވެ ހަތަރު މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މީގެ އިތުރުން، ބަންދަރު އައްބާސްގެ އަވަށްޓެރި ސަރަހައްދެއް ކަމަށްވާ "ﷲ އަކްބަރު" އަށް ވެސް އެމެރިކާގެ ހަމަލާތައް ދަނީ މެދުނުކެނޑި އަމާޒުވަމުންނެވެ. ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި، އާންމުން ދިރިއުޅޭ ސަރަހައްދަކަށް ދިން ހަމަލާއެއްގައި އަށް މީހަކު ޒަހަމްވެ، އެކަކު ވަނީ މަރުވެފަ އެވެ. އަދި ބަންދަރު އައްބާސް ކައިރީގައިވާ ރޭލުވޭގެ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ދިން ހަމަލާތަކެއްގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މީގެ އިތުރުން އިރާން ޝަހަރުގެ އެއާޕޯޓަށް ދިން ހަމަލާގައި އެތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ވަނީ ކަށަވަރުވެފަ އެވެ.
އީރާނުގެ ފާސް ނިއުސް އެޖެންސީން ބުނި ގޮތުގައި، ހޮރުމުޒް ގާން ޕްރޮވިންސްގެ ބަންދަރު-އޭ ހަމީރު ފާލަމަށް އެމެރިކާއިން ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 7 އަށް އަރައިފަ އެވެ. އަދި މި ހަމަލާގައި ނުވަ މީހަކު ޒަހަމްވެފައިވާ އިރު، އެ މީހުންނަށް ކުއްލި ފަރުވާގެ ހިދުމަތްތެރިންނާއި ސިއްހީ މާހިރުން އަންނަނީ ފަރުވާ ދެމުންނެވެ.
12،000 އަށް ވުރެ ގިނަ ބިދޭސީން ފޮނުވާލައިފި
"އަލަތު ކައިވެންޏަށް ހިލޭ ޖާގަ ދޭނީ ތަނަވަސްކަން ނެތް މީހުންނަށް"
އާމިރުއާ ދެކޮޅަށް އާއްމުކުރި ފަތުވާއަށް އޭނާ ރައްދު ދީފި