އިނގިރޭސިވިލާތުގައި އުފަންވާ ފިރިހެން ކުދިންނަށް އެންމެ އާންމުކޮށް ކިޔާ ނަމުގެ މަގާމު، ޖެހި ޖެހިގެން ތިންވަނަ އަހަރުވެސް "މުހައްމަދު" ނަން ހޯދައިފި އެވެ.
އިނގިރޭސިވިލާތުގެ އޮފީސް ފޯ ނޭޝަނަލް ސުޓެޓިސްޓިކްސްއިން އާންމު ކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އިނގިރޭސިވިލާތުގައި އުފަންވާ ފިރިހެން ކުދިންގެ ނަންތަކުގެ ތެރެއިން އެންމެ ކުރީގައި އުޅެނީ އިސްލާމީ މާތް ނަންފުޅެއް ކަމަށްވާ "މުހައްމަދު" އެވެ.
މި ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި، އިނގިރޭސިވިލާތުގައި "މުހައްމަދު" މި ނަން ލިޔާ ތަފާތު ގޮތްތައް (އިނގިރޭސި އަކުރުން ލިޔެވޭ ތަފާތު ސްޕެލިންގްތައް) އެއްކޮށްލުމުން، އެހެން ނަންތަކަށްވުރެ މާ ބޮޑު ތަފާތަކުން މި ނަން ކުރި ހޯދަ އެވެ.
މީގެ ތެރޭގައި "Muhammad", "Mohammed", އަދި "Mohammad" ފަދަ ގޮތް ގޮތަށް ލިޔެވޭ ނަންތައް ހިމެނޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
އިންގްލޭންޑާއި ވޭލްސްގެ އާބާދީގެ ތެރޭގައި މުސްލިމުންގެ އާބާދީ އިތުރުވަމުން ދިއުމާއި، މުސްލިމް އާއިލާތަކުން އެމީހުންގެ ކުދިންނަށް ކީރިތި ރަސޫލާ ﷺ ގެ ނަންފުޅުން ނަންކިއުމަށް ދޭ އިސްކަން މިއީ މި ނަން އެންމެ އާންމު ނަމުގެ ގޮތުގައި ތަކުރާރުކޮށް ހޮވޭ މައިގަނޑު ސަބަބެވެ.
"މުހައްމަދު" ނަމުގެ ފަހަތުން އިނގިރޭސިވިލާތުގައި ފިރިހެން ކުދިންނަށް އެންމެ އާންމުކޮށް ކިޔާ ނަންތަކުގެ ތެރޭގައި "ނޯއާ" އަދި "އޮލިވާ" ފަދަ ނަންތައް ހިމެނެއެވެ.
މި ތަފާސް ހިސާބުތަކުން ހާމަވަނީ އިނގިރޭސިވިލާތުގެ އިޖުތިމާއީ އަދި ސަގާފީ މަސްރަހަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާއި، އެ ގައުމުގައި މުސްލިމް އާބާދީގެ ނުފޫޒާއި އަދަދު އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންދާ ކަމެވެ.
ބެލިންހަމް ދެ ލަނޑާއެކު ނޯވޭ ބަލިކޮށް އިންގްލެންޑް ކުރިޔަށް
ފިލްމު ކުޅުން ހުއްޓާލި ސަބަބު ހެމާ ހާމަކޮށްފި