އެމެރިކާ އާއި އީރާނާ ދެމެދު އޮތް ވަގުތީ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރައްވައިފި އެވެ.
ތުރުކީގެ އަންކާރާގައި ބޭއްވުނު ނޭޓޯގެ ސަމިޓުގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ހަމަލާތައް ބަދަލުކުރަން ފެށުމާއެކު އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ ކަމަށެވެ. ނަމަވެސް، މަޝްވަރާ ކުރާ ފަރާތްތަކަށް އީރާނާއެކު ވާހަކަދެއްކުމުގެ ފުރުސަތު އަދިވެސް އޮތްކަން އޭނާ ފާހަގަކުރެއްވި އެވެ.
އީރާނަށް އަމާޒުކޮށް އެމެރިކާއިން ދިން ވަރުގަދަ ހަމަލާތަކަށްފަހު، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ވަނީ ގަލްފުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފަ އެވެ. މި ހާދިސާތަކާ ގުޅިގެން ޓްރަމްޕް ވަނީ އީރާނުގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެއީ އިތުބާރު ކުރެވޭނެ ބައެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. ޓްރަމްޕްގެ މި ވާހަކަތަކާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ފަސް އިންސައްތައަށް އުފުލިފަ އެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ، އީރާނާއެކު އިތުރަށް މުއާމަލާތް ކުރަން ބޭނުންފުޅު ނުވާ ކަމަށާއި، އެމީހުންނަކީ ނުރައްކާތެރި އަދި އަނިޔާވެރި ބައެއް ކަމަށެވެ. އަދި އީރާނުގެ އަތުގައި ނިއުކްލިއާ ހަތިޔާރެއް އޮތްނަމަ، އެ ބޭނުންކުރަންވެސް އެމީހުން ފަސްނުޖެހޭނެ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. މަޝްވަރާތަކުގައި އިސްކޮށް އުޅުއްވާ ސްޓީވް ވިޓްކޮފް އާއި ޖެރެޑް ކުޝްނަރާ ވާހަކަދައްކަވާނެ ކަމަށް ވިދާޅުވި ނަމަވެސް، އަލުން މަޝްވަރާގެ މޭޒަށް އައުމުގެ އިސްނެގުން އޮތީ އީރާނުގެ އަތްމަތީގައި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ޖޫން 17 ގައި ދެ ގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުމާ އީރާނުން ހިލާފުވެފައިވާ ކަމަށް ޓްރަމްޕް ތުހުމަތު ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓާލުމަށް އެއްބަސްވުމަށްފަހު، އީރާނުން މީޑިއާގައި ދައްކަނީ މުޅިން ތަފާތު ވާހަކަތަކެކެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރޫޓާ ވަނީ އެމެރިކާއިން އީރާނަށް ދިން ހަމަލާތަކަށް ތާއީދުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އެއީ ދޭންޖެހޭ ވަރުގަދަ އަދި މުހިންމު ރައްދު ހަމަލާއެއް ކަމަށެވެ.
ނަމަވެސް، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ނޭޓޯގެ ގައުމުތަކުން އެކަށީގެންވާ އެއްބާރުލުން ނުދޭތީ ޓްރަމްޕް ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ. އިނގިރޭސިވިލާތާއި، ޖަރުމަނުވިލާތް އަދި ފަރަންސޭސިވިލާތުން މި ވަގުތު އެހީތެރިކަން ފޯރުކޮށްދޭން ދެކޮޅު ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ދެމުންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީރާނުގެ 80 އަށްވުރެ ގިނަ އަމާޒުތަކަށް ހަމަލާދީފަ އެވެ. މީގެ ތެރޭގައި އީރާނުގެ އަސްކަރީ ލޯންޗުތައްވެސް ހިމެނެ އެވެ.
ހުޅުދުއްފާރު ކޯޓުގެ އިސް މެޖިސްޓްރޭޓު ސަސްޕެންޑްކޮށްފި
އޭވިއޭޝަން މުވައްޒަފުންނަށް ހާއްސަކޮށް ފްލެޓް އަޅަނީ
އެންމެ ގިނައިން ބޭރަށް ފޮނުވަނީ ކެންސަރު ބަލީގެ ފަރުވާއަށް