އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފޮޓޯ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ހާއްސަ ޕާސްޕޯޓެއް ޓްރަމްޕް ދައްކަވާލައްވައިފި އެވެ.
ޖޫން 26 ވަނަ ދުވަހު ޓްރުތު ސޯޝަލްގައި ޓްރަމްޕް އާންމުކުރެއްވި މި ޕާސްޕޯޓުގެ ކުރެހުމާއެކު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، "މިއީ އެމެރިކާގެ އާ ޕާސްޕޯޓު، މީގައި އޮންނާނީ 'މަރުހަބާ، އެކަމަކު ރަނގަޅަށް އުޅޭތި!' މިހެން،" ކަމަށެވެ.
މި ޕާސްޕޯޓުގެ ސަފުހާއެއްގައި ފެންނަން ހުރީ ޓްރަމްޕް މޭޒުކޮޅު ކައިރީގައި ހަރުކަށިކޮށް ބައްލަވަން ހުންނަވާ ފޮޓޯއަކާއި އެމަނިކުފާނުގެ ސޮޔެވެ. އަދި އޭގެ ފަހަތުން އެމެރިކާގެ މިނިވަންކަމުގެ އިއުލާނުގެ ލިޔުންތައް ފެންނަން ހުރެ އެވެ. ބެލެވޭ ގޮތުގައި މި ފޮޓޯއަކީ ވައިޓް ހައުސްގެ ފޮޓޯގްރާފަރު ޑެނިއަލް ޓޮރޮކް ނަގާފައިވާ ފޮޓޯއެއްގެ މައްޗަށް ބިނާކޮށްފައިވާ ފޮޓޯއެކެވެ.
މީގެ އިތުރުން، ޖެހިގެން އިންނަ ސަފުހާގައި 1776 ވަނަ އަހަރު މިނިވަންކަމުގެ އިއުލާނުގައި ސޮއިކުރި މަންޒަރު ދައްކުވައިދޭ ކުރެހުމަކާއެކު "ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ 250" މިހެން ލިޔެފައިވެ އެވެ. ވައިޓް ހައުސްއިން ވެސް މި ޕާސްޕޯޓުގެ ކުރެހުން ހިއްސާކޮށްފައިވާއިރު، އެއަށް ދީފައިވާ ނަމަކީ "ޕޭޓްރިއޮޓް ޕާސްޕޯޓް" އެވެ.
ހާއްސަ ފަރުމާއަކާއެކު ހަނދާނީ ޕާސްޕޯޓެއް ޖުލައި 6 އިން ފެށިގެން ލިބޭނެ ކަމަށް މީގެ ކުރިން ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވީ ނަމަވެސް، މިކަމާ ގުޅޭގޮތުން އެ އިދާރާއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، އެޕްރީލް މަހު އެ އިދާރާގެ އޮފިޝަލަކު ވިދާޅުވެފައިވަނީ، ޓްރަމްޕްގެ ފޮޓޯ ހިމެނޭ ޕާސްޕޯޓުތައް ލިބޭނީ ހަމައެކަނި ވޮޝިންޓަނަށް ގޮސް އެޕޮއިންޓްމަންޓް ހަދައިގެން ކަމަށާއި، އެއީ ވެސް ވަކި މިންވަރަކަށް ކަމަށެވެ.
ރައީސް ޓްރަމްޕް ގެންދަވަނީ ސަރުކާރުގެ އެކި މުއައްސަސާތަކުގައި އެމަނިކުފާނުގެ އަމިއްލަ ނަންފުޅާއި ފޮޓޯ ބޭނުންކުރައްވަމުންނެވެ. އެގޮތުން ސަރުކާރުގެ ބައެއް އިމާރާތްތަކުގެ ބޭރުގައި ރައީސްގެ ބެނާތައް ހަރުކޮށްފައިވާއިރު، އެމެރިކާގެ އެއް ޑޮލަރުގެ ނޫޓުގައި ވެސް އެމަނިކުފާނުގެ ސޮއި ވަރަށް އަވަހަށް ހިމެނޭނެ ކަމަށް ޓްރެޜަރީ ޑިޕާޓްމަންޓުން ބުނެފައިވެ އެވެ.
މީގެ އިތުރުން، "ޖޯން އެފް ކެނެޑީ ސެންޓާ ފޯ ދަ ޕާފޯމިންގް އާޓްސް" ގެ ނަމަށް އެމަނިކުފާނުގެ ނަންފުޅު އިތުރުކުރެއްވި ނަމަވެސް، ކޯޓުން ވަނީ އެ ނަން އުނިކުރުމަށް އަމުރުކޮށްފަ އެވެ.
މިއީ އެމެރިކާގެ ރައްޔިތުން ދަތުރުފަތުރުކުރުމަށް ބޭނުންކުރާ ރަސްމީ ލިޔުމެއްގައި، މަގާމުގައި ހުންނެވި ރައީސެއްގެ ފޮޓޯ ޖަހާ ފުރަތަމަ ފަހަރެވެ.
ފުވައްމުލަކު އެއާޕޯޓުގެ ލައިޓް ނުދިއްލޭތީ އެއާޕޯޓު ބަންދު
ޒެންޑޭޔާގެ އަސްލު ނަމަކީ ކޮބާ؟
"އޮބްސެޝަން"ގެ ޑިޖިޓަލް ރިލީޒް ތާރީހު ހާމަކޮށްފި