އދ. ހަންޏާމީދޫ ބަނދަރު ސަރަހައްދުގައި އިއްޔެ ހަވީރު ހިނގި ހިތާމަވެރި ހާދިސާއެއްގައި، ބަގީއަކާއެކު މޫދަށް ވެއްޓުނު ކުޑަކުއްޖަކު ނިޔާވެއްޖެ އެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ އެ ރަށު ޑެއިޒީވިލާ، އުމުރުން 13 އަހަރުގެ އަލީ އަނަސް ބިން މުޙައްމަދު އަރީޝް އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ، ތަޅުދަނޑި ޖަހާފައި އޮތް ބަގީއަކަށް އެ ކުއްޖާ އަރައި ބަގީ ސްޓާޓްކޮށް ދުއްވާލި ވަގުތު ކޮންޓްރޯލުން ނެއްޓިގެން ގޮސް މޫދަށް ވެއްޓިގެންނެވެ. އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، ބަގީއާއެކު ކުއްޖާ މޫދަށް ވެއްޓުނު ވަގުތު އެ ސަރަހައްދުގައި އޮތް ދޯންޏެއްގައި ޖެހި، ކުއްޖާއަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ.

އަނަސް ނިޔާވެފައިވަނީ ހާދިސާއަށްފަހު ވަގުތުން ހަންޏާމީދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށެވެ. އަދި ކުއްޖާ ނިޔާވި ފަހުން، މި ހާދިސާގެ ތަހުގީގަށް ބޭނުންވާ ބައެއް ޓެސްޓުތައް ހެދުމަށްޓަކައި އޭނާގެ ހަށިގަނޑު އދ. މަހިބަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ވެސް ގެންގޮސްފައިވެ އެވެ.

މި ހިތާމަވެރި ހާދިސާގައި ނިޔާވި އަލީ އަނަސްގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 12:00 ގައެވެ.