ފީފާ ވޯލްޑް ކަޕް 2026 ގެ ފޯރި މުޅި ދުނިޔޭގައި ގަދަ ވަމުންދާއިރު، މީގެ ބަރާބަރު 60 އަހަރު ކުރިން ވޯލްޑް ކަޕްގެ ތާރީހުގައި ހިނގާދިޔަ އެންމެ އަޖައިބު ކުރުވަނިވި ހާދިސާއެއްގެ ހަނދާންތައް އާ ކޮށްލުން މުހިއްމެވެ.

އެއީ މުޅި އިނގިރޭސިވިލާތް ހާސްކަމެއްގެ ތެރެއަށް ވައްޓާލި ފީފާ ވޯލްޑް ކަޕް ތަށި ވަގަށް ނެގި ހާދިސާ އެވެ. އެ ތަށި ހޯދައިދީ، މުޅި މުބާރާތް ސަލާމަތް ކޮށްދިން ބަތަލުގެ ވާހަކަ އެވެ. އެއީ "ޕިކަލްސް"ގެ ނަމުން ނަންދެވިފައިވާ ކުޑަކުޑަ ކުއްތާ އެކެވެ.

ތަށި ވަގަށް ނެގުން: މުޅި ގައުމަށް ލިބުނު ލަދުވެތިކަމެއް

1966 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައި އޮތީ އިނގިރޭސިވިލާތުގަ އެވެ. މުބާރާތް ފެށުމުގެ ހަތަރު މަސް ކުރިން، ލަންޑަންގެ ސެންޓްރަލް ހޯލްގައި އާންމުންނަށް ދައްކާލުމަށް ބަހައްޓާފައި ހުއްޓާ، ޖޫލްސް ރިމެޓް ޓްރޮފީ (އޭރުގެ ވޯލްޑް ކަޕް ތަށި) ވަނީ ވަގަށް ނަގާފަ އެވެ.

ބޯޑަރާ ސެކިއުރިޓީ ވަރުގަދަ ނަމަވެސް، ވަގުން ވަނީ ސެކިއުރިޓީ ގާޑުންނަށް ނޭނގި ސިއްރުން ތަށި ހިފައިގެން ފިލާފަ އެވެ. މިއާއެކު، އިނގިރޭސި ފުލުހުންނަށް (ސްކޮޓްލޭންޑް ޔާޑް) ބޮޑު ޕްރެޝަރަކާ ކުރިމަތިވެ، މުޅި ގައުމު ލަދުވެތި ހާލަތަކަށް ވެއްޓުނެވެ.

ތަށި ގެއްލުނުތާ ހަފުތާއެއް ފަހުން، މާޗް 27, 1966 ގައި، ޑޭވިޑް ކޯބެޓް ނަމަކަށް ކިޔާ މީހަކު އޭނާގެ ކުއްތާ "ޕިކަލްސް" ގޮވައިގެން ލަންޑަންގެ ދެކުނުގައި އޮންނަ ނޮރްވުޑް ސަރަހައްދުގައި ހިނގާލަން ނުކުތެވެ.

ހިނގަމުން ދަނިކޮށް، މަގުމަތީގައި ހުރި ގަސްތަކެއްގެ ދަށުގައި ނޫސް ކަރުދާހުން އޮޅާފައި އޮތް އެއްޗަކަށް ޕިކަލްސް ވަރަށް ބޮޑަށް ޝައުގުވެރިވެ، އެ ދިމާއަށް ދަމަން ފެށި އެވެ.

ޑޭވިޑް ގޮސް އެ ނޫސް ކަރުދާސް ނިއުޅާލިއިރު، އޭގެ ތެރޭގައި އޮތީ ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ ތަށި ކަމަށްވާ ޖޫލްސް ރިމެޓް ޓްރޮފީ އެވެ. ވަގުން އެ ތަށި އެތަނަށް އެއްލާލާފައި ގޮސް ހުއްޓާ ޕިކަލްސްއަށް އެ ފެނުނީ އޭގެ ވަސް ދުވުމުންނެވެ.

ރެއަކާ ދުވަހުން މުޅި ދުނިޔޭގެ ސެލެބްރިޓީއަކަށް!

ތަށި ފެނުމާއެކު ޕިކަލްސް ވެގެން ދިޔައީ މުޅި ބައިނަލްއަގުވާމީ މީޑިއާގެ އެންމެ ބޮޑު ސަމާލުކަމެއް ލިބުނު ބަތަލަށެވެ. އޭނާއަށް އެތައް ޓީވީ ޝޯތަކަކުން ފުރުސަތު ލިބި، ފިލްމުތަކުގައިވެސް ބައިވެރިވި އެވެ. މީގެ އިތުރުން، "ޑޯގް އޮފް ދަ އިޔާ" ގެ ލަގަބު ލިބި، މުޅި އުމުރަށް ހިލޭ ކާނާ ލިބޭނެ ގޮތްވެސް ހަމަޖެހުނެވެ.

އެ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރީ އިނގިރޭސިވިލާތުންނެވެ. މުބާރާތުގެ ކާމިޔާބީ ފާހަގަ ކުރުމަށް ބޭއްވި ރަސްމީ ޖާފަތަށް ޕިކަލްސް އަދި އޭނާގެ ވެރިޔާ ޑޭވިޑަށް ހާއްސަ ދައުވަތެއް ދީ، ކުޅުންތެރިންނާއެކު އުފާ ފާޅުކުރުމުގެ ފުރުސަތު ދިނެވެ. ޑޭވިޑަށް ސަރުކާރުން 6،000 ޕައުންޑުގެ ފައިސާގެ އިނާމެއްވެސް ދިނެވެ.

މިއަދު ފުޓްބޯޅައިގެ ދުނިޔޭގައި އެތައް ބިލިއަން ޑޮލަރެއްގެ ސެކިއުރިޓީ ހުންނައިރު، މީގެ 60 އަހަރު ކުރިން މުޅި ވޯލްޑް ކަޕްގެ އަބުރާއި ތަށި ސަލާމަތް ކޮށްދިނީ ކުޑަކުޑަ ކުއްތާއެއްގެ ކިބައިން ފެނުނު ހުޝިޔާރު ކަމެވެ. ޕިކަލްސްގެ މި ވާހަކައަކީ ވޯލްޑް ކަޕްގެ ތާރީހުން ދުވަހަކުވެސް ފޮހެވިގެންދާނެ ވާހަކައެއް ނޫނެވެ.