ތާރީހުގައި ބާއްވާ އެންމެ ބޮޑު ފީފާ މެންސް ވޯލްޑް ކަޕް އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ފެށިގެން ކުރިއަށް ދާއިރު، މުޅި އުތުރު އެމެރިކާ ބައްރު އޮތީ މުބާރާތުގެ ފޯރީގަ އެވެ.
ޖުމްލަ 48 ގައުމަކާއެކު ކުރިއަށްދާ މި މުބާރާތް ފެށުނީ މެކްސިކޯއިން 2-0 އިން ސައުތު އެފްރިކާ ބަލިކުރި މެޗުންނެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖް ނިމިގެން ދާއިރު، ދަނޑުމަތިންނާއި ދަނޑުން ބޭރުން ފާހަގަކޮށްލެވޭ ގިނަ ކަންތަކެއް މިހާތަނަށް ވެސް ވަނީ ފެނިފަ އެވެ.
ހާލަންޑްގެ "އެމެރިކާ ސަގާފަތް"ގެ ތަޖުރިބާ
ނޯވޭގެ ތަރި އާލިން ހާލަންޑް އޭނާގެ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަ ކުރަމުން ދާއިރު، އޭނާ ހުރީ އެމެރިކާގެ ކުޅިވަރު ސަގާފަތަށް ވަރަށް ބޮޑަށް ޝައުގުވެރިވެފަ އެވެ. ނޯވޭ ޓީމު ކޭމްޕް ޖަހައިގެން ތިބި ނޯތު ކެރޮލައިނާގެ ގްރީންސްބަރޯގައި ހުއްޓާ ހާލަންޑް ވަނީ އެމެރިކާގެ މަޝްހޫރު އެންއެޗްއެލް އައިސް ހޮކީ މެޗެއް ބަލަން ގޮސްފަ އެވެ. ކެރޮލައިނާ ހަރިކޭންސް ކުޅުނު އެ މެޗަށްފަހު ހާލަންޑް ބުނީ އެމެރިކާގެ ސަޕޯޓަރުންގެ ކިބައިން ގައުމީ ރޫހާއި ފަހުރުވެރިކަން ވަރަށް ބޮޑަށް ފެނިގެންދިޔަ ކަމަށެވެ. ނޯވޭ ވަނީ މިހާރު މުބާރާތުގެ ގަދަ 32 ގެ ބުރަށް ދަތުރު ކޮށްފަ އެވެ.
މެސީއަށް އުފަންދުވަހުގެ ސަޕްރައިޒެއް!
އާޖެންޓީނާގެ ސުޕަސްޓާރު ލިއޮނަލް މެސީގެ 39 ވަނަ އުފަންދުވަސް ފާހަގަކުރުމަށް އޭނާގެ ޓީމުގެ ކުޅުންތެރިން ވަނީ ޓްރެއިނިންގް ކޭމްޕުގައި ކޭކެއް ފަޅައި، ޚާއްސަ ސަޕްރައިޒެއް ދީފަ އެވެ. މެސީ ދަނީ މި ވޯލްޑް ކަޕްގައިވެސް އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކަމުންނެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުގައި އާޖެންޓީނާއިން ޖެހި ފަސް ގޯލުވެސް ކާމިޔާބު ކޮށްދިނީ މެސީ އެވެ. މީގެ އިތުރުން، އޭނާ ވަނީ ވޯލްޑް ކަޕް ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް 18 ލަނޑާއެކު މުގުރާލާފަ އެވެ.
ރޮނާލްޑޯގެ ރެކޯޑު އަދި ފާޑުކިޔުންތެރިންނަށް ރައްދު
ފުރަތަމަ މެޗުގައި ޑީއާރު ކޮންގޯއާ 1-1 އިން އެއްވަރު ވުމުން އަމާޒުވި ފާޑުކިޔުންތަކަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ވަރުގަދަ ރައްދެއް ދީފަ އެވެ. އުޒްބެކިސްތާން އަތުން 5-0 އިން ޕޯޗުގަލް މޮޅުވި މެޗުގައި ރޮނާލްޑޯ ވަނީ ދެ ގޯލު ޖަހާފައެވެ. މި ގޯލުތަކާއެކު އޭނާ ވަނީ ތަފާތު ހަ ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ރެކޯޑާއި، ޕޯޗުގަލްއަށް ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް (10 ލަނޑު)ގެ އިތުރުން ވޯލްޑް ކަޕް މެޗެއްގައި ދެ ގޯލު ޖެހި އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑް ހަދާފަ އެވެ. މެޗަށްފަހު ރޮނާލްޑޯ ބުނީ ފާޑުކިޔުންތަކާ ކުރިމަތިލާން އޭނާއަށް އެނގޭ ކަމަށާއި އެންމެ މުހިންމީ ޓީމުގެ އެއްބައިވަންތަކަން ކަމަށެވެ.
އަލަތު ދަރިފުޅުގެ ފެނިލުމަކަށް ޓީމާ ދުރަށް!
ބެލްޖިއަމްގެ ހުނަރުވެރި ފޯވާޑް ޖެރެމީ ޑޮކޫއަށް ވަނީ ދަނޑުމަތީގެ ފޯރީގެ އިތުރުން އޭނާގެ ދިރިއުޅުމުގެ އެންމެ އުފާވެރި އެއް ހަބަރު ލިބިފަ އެވެ. މުބާރާތުގެ މެޗުތައް ކުރިއަށް ދަނިކޮށް، އޭނާގެ އަލަތު ދަރިފުޅު އުފަންވާން ކައިރިވުމުން ޑޮކޫ ވަނީ ބެލްޖިއަމް ޓީމުގެ ހުއްދައާއެކު ވަގުތީ ގޮތުން ކޭމްޕް ދޫކޮށް އޭނާގެ އާއިލާ ކައިރިއަށް ދިއުމަށްފަހު އަނބުރާ ޓީމާ ގުޅިފަ އެވެ.
ޔަމާލްގެ ތާރީހީ ލަނޑު!
ސްޕެއިންއިން ސައޫދީ އަރަބިއްޔާ 4-0 އިން ބަލިކުރި މެޗުގައި އުމުރުން އެންމެ 18 އަހަރުގެ ލަމީން ޔަމާލް ވަނީ އޭނާގެ ފުރަތަމަ ވޯލްޑް ކަޕް ލަނޑު ކާމިޔާބު ކޮށްފަ އެވެ. މެޗު ފެށިގެން 10 މިނެޓު ނުވަނީސް އޭނާ ޖެހި މި ލަނޑާއެކު، މެޗަށްފަހު ހަނދާނީ ހަދިޔާއެއްގެ ގޮތުގައި މެޗު ބޯޅަ އޭނާއަށް ވަނީ ހަވާލު ކޮށްފަ އެވެ. މިއީ ފުޓްބޯޅައިގައި އޭނާގެ ކުރިމަގު އޮތް އުޖާލާކަން ދައްކުވައިދޭ ކަމެކެވެ.
އަނިޔާގެ ސަބަބުން ކުޅުމާ ދުރަށް!
- އިސްމާއީލް ކޯނޭ (ކެނެޑާ): ގަތަރާ ދެކޮޅަށް ކުޅުނު މެޗުގައި ކޯނޭގެ ފަޔަށް ލިބުނު ނުރައްކާތެރި އަނިޔާއެއްގެ ސަބަބުން (ކަނާތު ފައިގެ ކަށިގަނޑު ބިނދުމުގެ ސަބަބުން) އޭނާ ވަނީ ސާޖަރީއެއް ހަދާފައެވެ. ނަމަވެސް، މިހާރު އޭނާ ވަނީ އަނބުރާ ޓީމާ ގުޅިފަ އެވެ. އޭނާގެ ބަދަލުގައި ކުޅެން އެރި ސަލީބާ ވަނީ ގޯލު ޖެހުމަށްފަހު ވަނީ ކޯނޭގެ ޖާޒީ ދައްކާލައި، އެ ގޯލު އޭނާއަށް ހަދިޔާ ކޮށްފަ އެވެ.
- ރަފީނިއާ (ބްރެޒިލް): ހެއިޓީއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލްގެ ރަފީނިއާގެ ފަލަ މަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ކުރިއަށް އޮތް މެޗުގައި އޭނާއަށް ނުކުޅެވޭނެކަން ވަނީ ކަށަވަރުވެފަ އެވެ.
ކޮރެއާ ބަލިކޮށް ސައުތު އެފްރިކާ ފުރަތަމަ ފަހަރަށް ދެވަނަ ބުރަށް
ރާއްޖޭގެ ސަރަހައްދުގައި ބޭރުގެ ދެ މަސް ބޯޓެއް
ޓޭލާއާއި ޓްރެވިސްގެ ކައިވެނިން ބްލޭކް ފެނިދާނެތަ؟