ފީފާ ވޯލްޑްކަޕް ބާއްވާ އެއް ގައުމު ކަމުގައިވާ ކެނެޑާއިން ރޭ ސްވިޒަލޭންޑާއި ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކެނެޑާ ބަލިކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސްވިޒަލޭންޑް ދެވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.
ވެންކޫވާގެ ބީސީ ޕެލަސް ސްޓޭޑިއަމްގައި. 52،000 އަށް ވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ މިނިޓެއް ވެސް ނުވަނީސް ސްވިޒަލޭންޑްގެ ރުބެން ވަރުގާސް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ 11 މިނިޓު ފަހުން ބްރީލް އެމްބޯލޯ ދިން އެސިސްޓަކުން ޔޮޖާން މަންޒަމްބީ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މި މެޗުގައި ކެނެޑާއިން ޖެހި ލަނޑަކީ މެޗުގެ 76 ވަނަ މިނިޓުގައި ޕްރޮމިސް ޑޭވިޑް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މި ލަނޑު އޭނާ ޖެހި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރިތާ ދެވަނަ މިނިޓުގަ އެވެ.
ކެނެޑާ މި މެޗުން ބަލިވި ނަމަވެސް އެ ޓީމަށް ވަނީ ގްރޫޕްގެ ދެވަނަ މަގާމް ލިބިފަ އެވެ. އެއީ މި ގްރޫޕްގައި ދެން ހިމެނޭ ބޮސްނިއާ އާއި ގަތަރު ބައްދަލުކުރި މެޗުން 3-1 ގެ ނަތީޖާއަކުން ބޮސްނިއާ މޮޅުވި ނަމަވެސް ފައިދާ ގޯލުގެ ތަފާތުންނެވެ.
ބޮސްނިއާ އާއި ކެނެޑާއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު ކެނެޑާ އަށް ފައިދާ 5 ގޯލު ލިބިފައިވާއިރު ބޮސްނިއާއަށް ފައިދާ ގޯލެއް ނެތެވެ.
ބީއެމްއެލް އިން އިތުރު 30 ވީލްޗެއާ ހަދިޔާކޮށްފި
ކޮރެއާ ބަލިކޮށް ސައުތު އެފްރިކާ ފުރަތަމަ ފަހަރަށް ދެވަނަ ބުރަށް