ރާއްޖޭގެ ތާރީޚުގައި އެނގެން އޮތް ގޮތުން ދިވެހިންނަކީ އިސްލާމް ދީން ގަބޫލު ކުރުމުގެ ކުރިން ބުދު ދީނަށް އުޅުނު ބައެކެވެ. ރާއްޖޭގެ ރައްޔިތުން އިސްލާމް ދީން ގަބޫލު ކުރީ މީގެ 800 ވަރަކަށް އަހަރު ކުރިންނެވެ. ބުދު ދީނުން އިސްލާމް ދީނަށް ދިވެހިން ބަދަލުވި ބަދަލުވުމާ ގުޅޭ ވާހަކައެއް އެއްވެސް ތަފާތެއް ނެތް ގޮތުގައި ރިވާވެގެން އައިސްފައި އޮވެ އެވެ.
އެ ވާހަކައިގައި ކިޔާ ގޮތުން ރާއްޖޭގެ ރައްޔިތުން އިސްލާމް ދީނަށް ވަނުމަށް މެދުވެރިވީ ތަބުރޭޒްގެ ފާނު ނަމަކަށް ކިޔާ ބޭކަލެވެ. މިއީ ފެށުނީއްސުރެ އަދާ ހަމަޔަށް ވެސް ދިވެހީން ދުދޫ މަތިންނާއި ފަތްފުށްތަކުގައި ވާރިދުވެފައި އޮތް ގޮތެވެ. އެހެން ނަމަވެސް ވަކި ހިސާބަކުން ތަބްރޭޒުގެފާނުގެ ނަން ބަދަލުވެ ބަރުބަރީއަކަށް ވެއްޖެ އެވެ. ރާއްޖޭގެ ރަސްމީ ހުރިހާ ލިޔެ ކިޔުންތަކާއި މަދަރުސާތަކުގެ ފިލާވަޅުތަކުގައި އެގޮތަށް ކަނޑައެޅި ހަރުލައިފި އެވެ. ސުވާލަކީ މިފަދަ ބޮޑު ބަދަލެއް އައީ ކީއްވެގެން ހެއްޔެވެ؟
ރާއްޖޭގެ ބޯދާ ތާރީޚު ލިއުއްވި ހަސަން ތާޖުއްދީނާއި ތާރީޚީ ވާހަކަ ކިޔުމަށް މަޝްހޫރު ބުރާރު މުހައްމަދުފުޅުގެ ވާހަކަ އާއި ދިވެހި ތާރީޚު ދިރާސާ ކުރެއްވުމުގައި ދިވެއްސަކަށް އެންމެ ބުރަ މަސައްކަތެއް ކުރެއްވި އެއް ބޭފުޅެއް ކަމަށްވާ މުހައްމަދު އިބްރާހިމް ލުތުފީ އާއި ފަހުގެ އިލްމުވެރިންގެ ތެރެއިން ގިނަ ބަޔަކު ވެސް ބުރަ ވަނީ ރާއްޖެއަށް އިސްލާމް ދީނުގެ ހިދާޔަތުގެ އަލިކަން ފޯރުމުގައި މެދުވެރިޔަކަށްވީ ތަބްރޭޒުގެފާނު ކަމަށެވެ.
މި ހުރިހާ ކަމެއް މިހެން އޮތް ކަމަށް ވިޔަސް ރާއްޖޭގެ ރަސްމީ ނިންމުން މިވަނީ ބަދަލުވެފަ އެވެ. އެކަން އެގޮތަށް ހިނގަން މެދުވެރިވި ސަބަބުތަކާ މެދު ބަލައިލުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.
އިބުނު ބަތޫތާ
ރާއްޖޭގެ ރަސްގެފާނު އިސްލާމް ދީން ގަބޫލު ކުރެއްވީ މޮރޮކޯގެ ބޭކަލެއް ކަމަށްވާ އަބުލް ބަރަކާތު ޝަމްސުއްދީނުއް ތަބްރޭޒީގެ އަތް މައްޗަށް ކަމަށް ބުނި ހަމައެކަނި މީހަކީ މޮރޮކޯގެ ދަތުރުވެރިޔާ އިބުނު ބަތޫތާ އެވެ.
ބަތޫތާ އަކީ ރާއްޖޭގެ ރަސްކަމުގައި ކަނބާ އައިސާ ރަނި ކިލެގެފާނު ރެދަލި ކުރެއްވި ދުވަސްވަރު ރާއްޖެ އައި މީހެކެވެ. އޭނާ ރާއްޖެ އައީ ރާއްޖެ ރަސްމީ ގޮތުން މުސްލިމް ގައުމަކަށް ބަދަލުވިތާ 190 ވަރަކަށް އަހަރު ފަހުންނެވެ. އޭރު ރާއްޖޭގެ ހުކުރު މިސްކިތުގައި ލިޔެފައި އޮތް ފިލައެއް ފެނުނު ކަމާށާއި އެ ފިލާގައި އޮތީ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ކަމަށް ލިޔެފައި އޮތީ ބަތޫތާގެ ދަތުރު ނާމާގަ އެވެ.
އިބުނު ބަތޫތާއަކީ ލިއުންތެރިއެއް ނޫނެވެ. ތާރީޚީ އިލްމުވެރިއެއް ވެސް ނޫނެވެ. ހައްޖުގެ ފަރުޟު އަދާކުރުމަށް އޭނާގެ އުފަން ގައުމު މޮރޮކޯ އިން ނުކުތް ގޮތަށް ދުނިޔޭގެ އެތަން މިތާނގައި ދަތުރުކުރުމުގައި 30 އަހަރު ހޭދަ ކުރުމަށް ފަހު ގައުމަށް ދިޔަ މީހެކެވެ. އެ ދަތުރުގައި ނޯތު އެފްރިކާ އިން ފެށިގެން މެދުއިރުމައްޗާއި އޭޝިއާ އާއި ޗައިނާ އާއި އަންދަލޫސިއާ ހިމެނޭގޮތުން ގާތްގަނޑަކަށް 75،000 މޭލުގެ ރާސްތާ އޭނާ ކަޑައްތު ކުރި ކަމަށް ވެ އެވެ. އެ ދިގު ދަތުރުގައި ތަފާތު ތޫފާންތަކާ ކަނޑު ފޭރުމާއި މަގު އޮޅުމާއި ބަނޑުހައި ހޫނުކަން ފަދަ އެތައް އުނދަގޫތަކެއް ތަހައްމަލް ކުރި ކަމަށް ވެ އެވެ. އެ ދިގު ދަތުރުގައި ބަތޫތާ އޭނާގެ ދަތުރު ކުރި ތަންތަނާއި އެ ތަންތަނުން ފެނުނު ތަކެއްޗާއި ކަންތައް ހިނގައިދިޔަ ގޮތްތަކާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނޯޓުކޮށް ރައްކާކޮށް ނަހަދަ އެވެ. އެފަދަ ލިޔުމެއް ލިޔުމަކީ އޭނާގެ ވިސްނުނުގައި އޮތް ކަމެއް ވެސް ނޫނެވެ.
ބަތޫތާގެ ދަތުރު ނާމާ ލިއުނީ ކާކު؟
އަމިއްލަ ގައުމުން ނިކުތްތާ 30 އަހަރު ފަހުން އެނބުރި ގައުމަށް މީހަކު ވާސިލުވުމުން އެ ޒަމާނުގައި އެކަން ވާނީ ވަރަށް ބޮޑު ކަމަކަށެވެ. ގާތްތިމާގެ މީހުން ތިބޭނީ އެ މީހަކު މަރުވެ ދިޔައީ ކަމަށް ނިންމައިގެންނެވެ. އެފަދަ ހާލަތުގައި އޭނާގެ ވާހަކަ ވަރަށް ބޮޑަށް ވައިގައި ހިފާނެ އެވެ. ބަތޫތާގެ ވާހަކަ ވެސް އޭނާގެ ގައުމުގައި އެގޮތަށް ހޫނު ކަމާއެކު ފެތުރުނެވެ. އެ ހިސާބުން ރަސްގެފާނަށް އެ ޚަބަރު ލިބި ވަޑައިގެން ބަތޫތާ ގެންދަވައި އެ ވާހަކަ ކިއުއްވީ އެވެ. ބަތޫތާގެ އެ ދިގު 30 އަހަރުގެ ވާހަކަ އައްސަވާފައި ރަސްގެފާނު ކާތިބު މީހާއަށް އަމުރު ކުރައްވައިގެން އެ ވާހަކަ ލިއުއްވީ އެވެ. ރިހުލާ އިބުނު ބަތޫތާ އަކީ އެ ލިއުނު ފޮތެވެ.
އެފޮތުގައި ހުރި ވާހަކަތަކަކީ ބަތޫތާގެ 30 އަހަރު ދުވަހުގެ ހަނދާންތަކާއި އެނޫން ވެސް އޭނާ ކިޔަން ބޭނުން ވި ގޮތަކަށް ކިޔާފައި ހުރި ވާހަކަތަކެކެވެ. އެ ވާހަކަތަކުގެ ތެދު ދޮގު ބެލޭނެ އެއްވެސް ގޮތެއް އެ ޒަމާނުގައި ނޯންނާނެ އެވެ. ފަހުން ވެސް އެފަދަ ދުވަހެއް އައިސްދާނެ ކަމަށް ބަތޫތާގެ ހިތަށް ނުވެސް ގެނެވޭނެ އެވެ. އެހެންކަމުން ބަތޫތާ ދަތުރުގެ ވާހަކަ ދައްކާފައި ހުރީ ހިސާބަށް ވުރެ ބައެއް ކަންތައް ބޮޑުކޮށްގެން ކަމަށް އެ ފޮތް ދިރާސާ ކުރާ މީހުން ބުރަވެ އެވެ.
ޚާއްސަކޮށް ޗައިނާ އާ ބެހޭ ގޮތުން ލިޔެފައި ހުރި ވާހަކަތަކަށް ބަލާއިރު ބަތޫތާ ޗައިނާ އަށް ދިޔަކަމާ މެދުވެސް ގިނަ ބަޔަކު ޝައްކު ކުރެ އެވެ. އެފަދަ މީހުން ދެކޭގޮތުގައި ބަތޫތާގެ ފޮތުގައި ވަރަށް ގިނަ މައުލޫމާތު މަޝްހޫރު ލިޔުންތެރިޔާ އިދުރީސީގެ ފޮތުން ނަކަލު ކޮށްފައިވެ އެވެ. ރާއްޖެއާ ބެހޭ ގޮތުން ލިޔެފައި ހުރި ވާހަކަތަކުގައި އެފަދަ ހަމަނުޖެހޭ ކިތަންމެ ކަމެއް ހުރެ އެވެ. ބައެއް ރަސްރަސްކަލުންގެ ނަމާއި ތަންތަނުގެ ނަން ފަދަ އެންމެނަށް ފާޅުގައި އެނގޭ ނަންތައް ވެސް އޭނާ ވަނީ ނުބައިކޮށް ލިޔެފަ އެވެ. އެހެންކަމުން ހުކުރު މިސްކިތުގައި އޮތް ފިލާއިން ފެނުނު ތަބުރޭޒީގެ ނަން ބަރުބަރީގެ ގޮތުގައި ބަތޫތާގެ ފޮތަށް ބަދަލުވުމަކީ އެފޮތުގައި ހުރި ގިނަ އުނި ކަންތަކުގެ ތެރެއިން އެއް ކަމެވެ.
އެޗްސީޕީ ބެލް
އެޗްސީޕީ ބެލް އަކީ އިނގިރޭސިން، އިންޑިއާ އާއި ސިލޯނުގައި ވެރިކަން ކުރި ދުވަސްވަރު ސިލޯނުގައި އުޅުނު އިނގިރޭސިއެކެވެ. ތާރީޚު އިލްމުވެރިއެކެވެ. ބެލް ވަނީ ބަތޫތާގެ ދަތުރުނާމާ މުތާލިއާ ކޮށްފަ އެވެ. ރާއްޖޭގެ ތާރީޚު ދިރާސާކޮށް ގިނަ ކަންތައްތަކެއް ބެލް ހޯދި އެވެ. ރާއްޖެ އިސްލާމްވުމާ، މޮރޮކޯގެ ބަރުބަރީއާ ގުޅުވައި ދިވެހިންގެ ސަމާލުކަމަށް އެކަން ގެނައި މީހަކީ އެޗްސީޕީ ބެލް އެވެ.
މުހައްމަދު އަމީން
ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަކީ ހުރަވީ ދަރިކޮޅު ނުވަތަ އަތިރީގޭ ދަރިކޮޅުގެ އެންމެ ފަހުގެ ވެރި މީހާ އެވެ. އިނގިރޭސިން ރާއްޖޭގެ އެތެރޭގެ ކަންތަކާ ބެހި ރާއްޖޭގައި ހިންގި ޖަރީމާތަކެއް ހިނގީ އެ ދަރިކޮޅުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާއެކު އެވެ.
ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އަމީން ތުއްޕުޅު ބޭފުޅެއްގެ ގޮތުން އެންމެ ފުރަތަމަ ބައްދަލުވި ދޮން މީހުން ނުވަތަ އިނގިރޭސިންގެ ތެރޭގައި އެޗްސީޕީ ބެލް ހިމެނެ އެވެ. ބެލް ލިޔާނެ ގޮތަކަށް ދިވެހި ތާރީޚު ލިއުމަށްޓަކައި މަގުފަހިކޮށްދީ، ތާޖުއްދީނުގެ ތާރީޚު ފޮތާއި އޭރު ފެންނަން ހުރި ލޯމާފާނުތަކާއި ދެން ވެސް ލިބެންހުރި ހުރިހާ ލިއުމެއް ދިވެހި ސަރުކާރުން ވަނީ ބެލްއަށް ހަދިޔާ ކޮށްފަ އެވެ.
ރައީސް އަމީން ބޮޑުފުޅުވެގެން އައީ އިނގިރޭސިންނަށް ނުހަނު އިހުތިރާމް ކުރާ އިނގިރޭސިން ފަދަ ބައެއްގެ ހިމާޔަތުގައި ތިބުމަކީ ރާއްޖެއަށް ލިބުނު ނަސީބެއް ކަމަށް ގަބޫލުކުރައްވާ ހާލުގަ އެވެ. ނަތީޖާއެއްގެ ގޮތުން އިނގިރޭސި ލިޔުންތެރިޔާ އެޗްސީޕީ ބެލް ރާއްޖެއާ މެދު ލިޔުނު ލިޔުން އަމީން ގަބޫލު ކުރެއްވީ ހިތުގެ އެންމެ އަޑީންނެވެ. ދިވެހިންގެ ޒަމާންތަކެއްވީ ތާރީޚީ ވާހަތަކާއި ގަބޫލުކުރުންތަކާއި އާދަކާދަތަކާއި ތާރީޚީ ހެކިތަކާއި ލިޔުންތަކަށް ބެއްލެވުމެއް ނެތި އެވެ.
ރާއްޖެ އިސްލާމް ކުރެއްވި ބޭފުޅަކާ ބެހޭގޮތުން ރާއްޖެ އިސްލާމް ވީއްސުރެ، ބެލްގެ މޮނޮގްރާފާ ހަމަޔަށް ދިވެހިންނަށް އެއްވެސް ޝައްކެއް އުފެދިފައެއް ނުވެ އެވެ. ޝަމްސުއްދީނުއް ތަބްރޭޒީގެ ނަންފުޅު އަބުލް ބަރަކާތުލް ބަރުބަރީއަށް ވީ މޮރޮކޯގެ ދަތުރުވެރިޔާ އިބުނު ބަތޫތާގެ ފޮތުން އެޗްސީޕީ ބެލްއަށް ފެނުނު ވާހަކަ އަލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ގަބޫލުފުޅު ކުރެއްވުމުންނެވެ.
ލޯބީގެ ގޮތުން މީހަކާ ނުގުޅޭތާ 10 އަހަރު ވެއްޖެ: އެންޖެލީނާ
އިލެކްޝަންސް ކޮމިޝަނަށް ޕީއެންސީގެ ޝަކީލް އައްޔަންކޮށްފި
މެޑޯނާގެ ބައޮޕިކް ފިލްމުގެ މަސައްކަތް ހުއްޓުނީ ކީއްވެ؟