ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ގިނަ ކުންފުނިތަކުގެ މާލީ ހާލަތު ވަރަށް ދަށް ކަމަށާއި، ކުންފުނިތަކުގެ އަސްލު ހާލަތު އެނގޭނީ އޮޑިޓް ރިޕޯޓުތައް ނިންމުމުން ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް މުހައްމަދު ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވާހަކަދައްކަވަމުން ނިޒާރު ވަނީ ދައުލަތުގެ ބޮޑެތި ބައެއް ކުންފުނިތަކުގައި ހުރި އިދާރީ ބަލިކަށިކަމާއި މާލީ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައްވައި އެކަންކަން ހައްލުކުރުމަށް ބޯޑުން ގެންގުޅޭ ސްޓްރެޓެޖީތައް ހިއްސާކުރައްވާފަ އެވެ. އެގޮތުން ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ގަވާއިދުން އޮޑިޓްތައް ނިންމުންކަން އޭނާ ފާހަގަކުރެއްވި އެވެ.
ނިޒާރު ވިދާޅުވި ގޮތުގައި ބައެއް ކުންފުނިތަކުގެ އޮޑިޓް ރިޕޯޓުތައް 2002 ވަނަ އަހަރުން ފެށިގެން ނުލިބި އެބަހުއްޓެވެ. އެހެންކަމުން އޮޑިޓާ ޖެނެރަލްގެ އޮފީހާއެކު މަޝްވަރާކޮށްގެން ކުރިއަށް އޮތް އޭޕްރިލް މަހުގެ ކުރިން ހުރިހާ ކުންފުނިތަކެއްގެ އޮޑިޓްތައް އެއްކޮށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ފެނަކަ ފަދަ ކުންފުނިތަކުގައި އެއް ޑިޕާޓްމަންޓް އަނެއް ޑިޕާޓްމަންޓާ ގުޅުމެއް ނެތުމާއި، ގާނޫނީ ލަފާ ނުހޯދާ އެއްބަސްވުންތައް ހެދުން ފަދަ ދޯދިޔާ ހިންގުންތައް ރަނގަޅުކުރުމަށް ކުންފުނިތަކުގެ އެމްޑީންނާއެކު މިހާރު ދަނީ މަޝްވަރާ ވެސް ކުރެވެމުންނެވެ.
މިދިޔަ އޭޕްރިލް 30 ގައި މަގާމާ އަލުން ހަވާލުވެވަޑައިގެންނެވި ނިޒާރަށް، މަޖިލީހުގެ އެސްއޯއީ ކޮމިޓީން މިއަދު ވަނީ ރުހުން ދިނުމަށް ފާސްކޮށްފަ އެވެ. ޕީސީބީގެ އަމާޒަކީ މިހާރު ހުރި އިދާރީ ބަލިކަށިކަންކަން ނައްތާލައި ކުންފުނިތަކަކީ ދައުލަތަށް ބަރޯސާނުވެ ހިންގޭނެ ތަންތަނަށް ހެދުމެވެ.
ހިމަބިހީގެ ކޭސްތަކުގެ އަދަދު 22 އަށް އަރައިފި
ޗައިނާގެ ފުރަތަމަ ކްރޫޒް ލައިނާ ރާއްޖެ އަތުވެއްޖެ
އީރާނުގެ ތެލާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް މެދުކަނޑާލައިފި