ހޮލީވުޑްގައި ބޮޑު ކާމިޔާބީއެއް ހޯދަމުންދާ އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ހޮލީވުޑްގެ އެންމެ މަޝްހޫރު އެއް ތަރި ކަމަށްވާ އެންޖެލީނާ ޖޯލީއާއެކު އައު ޕްރޮޖެކްޓެއްގައި މަސައްކަތް ކުރަމުންދާކަން ކަށަވަރު ކޮށްދީފި އެވެ. "
ފޯޗުން އިންޑިއާ" އަށް ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ މި ހަބަރު ހިއްސާކުރި ނަމަވެސް، މިއީ ފިލްމެއް، އިޝްތިހާރެއް ނުވަތަ އިންސާނީ އެހީގެ ޕްރޮޖެކްޓެއް ކަމެއް ހާމައެއް ނުކުރެ އެވެ.
އޭނާ ބުނީ އެންޖެލީނާ ޖޯލީ އާއި ޕެނެލޮޕޭ ކްރޫޒް އަދި ސަލްމާ ހަޔެކް ފަދަ ތަރިންގެ ފަރާތުން އޭނާއަށް އަބަދުވެސް ވަރަށް ބޮޑު ހިތްވަރެއް ލިބޭ ކަމަށެވެ.
މީގެ އިތުރުން، ހޮލީވުޑްގެ މަސައްކަތްތަކުގެ ތެރެއިން ޕްރިޔަންކާ މިހާރު ތައްޔާރުވަމުންދަނީ ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ބޮލީވުޑް ފިލްމަކުން ފެނުމަށެވެ. އެއީ މަޝްހޫރު ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ އުފައްދާ ބޮޑު އެކްޝަން-އެޑްވެންޗާ ފިލްމު "ވަރާނަސީ" އިންނެވެ.
މިއީ އިންޑިއާގެ ތާރީހުގައިވެސް އުފައްދާ އެންމެ އަގުބޮޑު އެއް ފިލްމެވެ. ގާތްގަނޑަކަށް 1,200 އާއި 1,400 ކްރޯޑް ރުޕީސްގެ ބޮޑު ބަޖެޓަކުން ތައްޔާރުކުރާ މި ފިލްމުގެ މަންޒަރުތައް އެންޓާކްޓިކާ، އެފްރިކާ، ޖޯޖިއާ އަދި ހައިދަރުއާބާދުގައި ވަނީ ނަގާފަ އެވެ.
ފިލްމާ ބެހޭގޮތުން ޕްރިޔަންކާ ބުނީ މިއީ މުޅި ދުނިޔެ ސިއްސުވާލާނެ ފަދަ ބޮޑު އުފެއްދުމެއް ކަމަށާއި، ފާއިތުވި ތިން އަހަރު އެމީހުން ކުރި ބުރަ މަސައްކަތް މުޅި ދުނިޔެއަށް ދައްކާލަން ކެތްމަދުވެފައި ހުރި ކަމަށެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އެޕްރީލް 7، 2027ގަ އެވެ.
ޕްރިޔަންކާގެ ކުރިއަށް ހުރި އެހެން ހޮލީވުޑް ޕްރޮޖެކްޓްތަކުގެ ތެރޭގައި އޮރްލާންޑޯ ބްލޫމްއާއެކު ކުޅޭ ފިލްމަކާއި، މީރާ ނައިރްގެ ބަޔޮގްރަފިކަލް ޑްރާމާ "އަމްރީ" އަދި ވިލް ފެރެލް އާއި ޒެކް އެފްރޮންއާއެކު ފެންނާނެ "ޖަޖްމެންޓް ޑޭ" ހިމެނެ އެވެ.
އޭނާ ބުނި ގޮތުގައި، ކެރިއަރުގެ ކުރީކޮޅާ ހިލާފަށް، މިހާރު އޭނާއަކީ އަމިއްލައަށް ބޭނުންވާ ސްކްރިޕްޓްތައް ހޮވައި ފިލްމުތައް އުފެއްދުމުގެ މިނިވަންކަން ލިބިފައިވާ ފަންނާނެކެވެ.
ބުރަކަށީގެ ރިހުން ނުފިލަނީ ދިރިއުޅުމުގެ އާދަތަކުގެ ސަބަބުން؟
މޮޑެލް އީމާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް!