ފީފާ ވޯލްޑް ކަޕްގެ ގުރޫޕް އީގައި މިރޭ ކުރަސާއޯ އަތުން 7-1 އިން މޮޅުވެ، ޖަރުމަނުން ފަސޭހަ މޮޅަކާއެކު މުބާރާތް ފަށައިފި އެވެ.

އެމެރިކާގައި މިރޭ ކުޅުނު މެޗުގެ ހަ ވަނަ މިނިޓުގައި ޖަރުމަނުން ލީޑު ނެގީ ފެލިކް އެންމެޗާ ޖެހި ލަނޑުންނެވެ.

އެހެން ނަމަވެސް ވޯލްޑް ކަޕެއްގައި މިހާތަނަށް ކުޅޭ އެންމެ ކުޑަ ގައުމު ކަމަށްވާ ކުރަސާއޯ އިން ވަނީ ޖަރުމަން ސިއްސުވާލައި، މެޗުގެ 21 ވަނަ މިނިޓުގައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް ކުޅެމުންދިޔަ ކުރަސާއޯއަށް ލަނޑު ޖަހައިދިނީ ލިވާނޯ ކޮމެންއެންސިއާ އެވެ.

އެހެން ނަމަވެސް، މެޗުގެ 38 ވަނަ މިނިޓުގައި ޖަރުމަނުން އަލުން ލީޑު ނެގީ ކޯނަރެއްގައި ނީކޯ ޝްލޮޓާބެކް ޖެހި ލަނޑުންނެެވެ. އަދި ފުރަތަމަ ހާފު ނިމެނިކޮށް ޖަރުމަނަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، ކައި ހަވާޓްޒް ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ.

ދެވަނަ ހާފުގައި ޖަރުމަނުން ވަނީ ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފައި، ފަރަގު ބޮޑުކޮށްފަ އެވެ. ދެވަނަ ހާފުގައި ޖަރުމަންގެ ކައި، ޖަމާލް މުސިއާލާ، ނެތޭނިއަލް ބްރައުން އަދި ޑެނިޒް އުންޑާވް ވަނީ ގޯލު ޖަހައިފަ އެވެ.