އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދުގެ މައްސަލައަކީ ސިޔާސީ މައްސަލައެއް ނޫން ކަމަށް ސަރުކާރުން ބުނަމުންދިޔަ ނަމަވެސް، އެއީ ސިޔާސީ ދައުވާއެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވަނީ ޝަމްއާނަށް އިއްވާފައިވާ 25 އަހަރުގެ ދިގު ޖަލު ހުކުމަކީ އޭނާ މީޑިއާތަކާ ހިއްސާކުރި މައުލޫމާތުތަކުގެ ސަބަބުން އައި ހުކުމެއް ކަމަށް ތުހުމަތުކުރައްވައިފަ އެވެ. އެގޮތުން ބަންޑާރަ ނައިބު އަހުމަދު އުޝާމާއި ހޯމް މިނިސްޓަރު އަލީ އިހުސާނަށް އަމާޒުކޮށް ޝަމްއާން ދެއްކެވި ވާހަކަތަކުން ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އޮތް މިންވަރު ހާމަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ފުލުހުންގެ މައްޗަށް ނުފޫޒު ފޯރުވައިގެން މައްސަލައިގެ މިސްރާބު ސަރުކާރުން ބަދަލުކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ގާނޫނުގެ ކުރިމަތީގައި އެންމެންނަކީ ވެސް ހަމަހަމަ ބައެއްކަން ފާހަގަކުރައްވަމުން، ޝަމްއާން ވަނީ ފްރޭމްކޮށްފައި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ޚުދު އެމަނިކުފާނުގެ މައްޗަށް ސާބިތުވި މަނީ ލޯންޑަރިންގެ މައްސަލައިގައި ވެސް އިއްވާފައި ވަނީ 15 އަހަރުގެ ހުކުމެއް ކަމަށާއި، ނަމަވެސް ޝަމްއާނަށް 25 އަހަރުގެ ހުކުމެއް އިއްވުމުން މި މައްސަލައިގައި ސިޔާސީ ނުފޫޒު އޮތް މިންވަރު ވަރަށް ރަނގަޅަށް ސާފުވާކަމަށް އެމަނިކުފާނު ބަޔާންކުރެއްވި އެވެ.
މީގެ އިތުރުން ޔާމީން ވަނީ ދައުލަތުގެ ބާރުތަކުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ފެއިލްވެފައިވާ ކަމަށް ވިދާޅުވެ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހާއި މުއައްސަސާތަކުން އެކަން ނުކުރުމުން އިދިކޮޅު ފަރާތްތަކާއި ނޫސްވެރިން ސަރުކާރު ޖަވާބުދާރީކުރުވުމުގެ ޒިންމާ ނަގަން ފެށުމުން، އެ ފަރާތްތަކަށް ބިރުދައްކައި ޖަލަށްލުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވި އެވެ. އަދި ގައުމަށް ދިމާވެގެން އުޅޭ މައިގަނޑު މައްސަލައަކީ ޒިންމާދާރު ދައުލަތެއް ނެތުން ކަމަށާއި، ޕީއެންއެފުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ދެމިއޮންނާނެ ކަން އެމަނިކުފާނު ވިދާޅުވި އެވެ.
މަރުވި ފުލުސް މީހާގެ އަގުވަޒަން ކުރުމަށް މަގާމުގެ ކުރިއެރުން ދީފި
އަތޮޅު ކައުންސިލްތަކުގެ އެސްޖީން ވަކިކޮށްފި
