މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސުވިފްޓް އަކީ އަބަދުވެސް އޭނާގެ ފޭނުންނަށް ހީވެސް ނުކުރާފަދަ ސަޕްރައިޒްތައް ދިނުމުގައި ދެވަނައެއް ނެތް ފަންނާނެކެވެ.
އެގޮތުން، ޑިޒްނީ އަދި ޕިކްސާގެ ކާމިޔާބު އެނިމޭޓެޑް ފްރެންޗައިޒް "ޓޯއި ސްޓޯރީ 5" ގެ ވޯލްޑް ޕްރިމިއާގައި ބައިވެރިވެ، ޓޭލާ ވަނީ އެތަނަށް އެއްވި އެންމެން ސިއްސުވާލާފަ އެވެ.
ލޮސް އެންޖެލިސްގެ ޑޮލްބީ ތިއޭޓަރުގައި ބޭއްވުނު މި ރެޑް ކާޕެޓް އިވެންޓުގައި ޓޭލާ ބައިވެރިވުމުގެ އިތުރުން، މި ފިލްމަށް އޭނާ ހާއްސަކޮށް ތައްޔާރު ކޮށްފައިވާ އައު ލަވަ "އައި ނިއު އިޓް، އައި ނިއު ޔޫ" ވަނީ ފުރަތަމަ ފަހަރަށް ސްޓޭޖުގައި ލައިވްކޮށް ހުށަހަޅައިދީފަ އެވެ.
މިއީ މިދިޔަ އޮކްޓޯބަރު މަހު ނެރުނު "ދަ ލައިފް އޮފް އަ ޝޯގާލް"އަށް ފަހު ޓޭލާ ރިލީޒްކުރި ފުރަތަމަ އޮރިޖިނަލް ލަވަ އެވެ. މި ލަވަ އަކީ ޓޭލާ އާއެކު ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ ޖެކް އެންޓޮނޮފްއާ ގުޅިގެން ކޯ-ޕްރޮޑިއުސް ކޮށްފައިވާ ލަވަ އެކެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯތަކުން ފެންނަ ގޮތުގައި ރަން ކުލައިގެ ހެދުމެއްގައި ހުރި ޓޭލާ ވަނީ "ޓޯއި ސްޓޯރީ" ގެ މަޝްހޫރު މިއުޒިކް ކޮމްޕޯޒަރު ރޭންޑީ ނިއުމަންއާއެކު ސްޓޭޖަށް އަރާފަ އެވެ.
ރޭންޑީ ޕިއާނޯ ކުޅެމުން ދިޔައިރު ޓޭލާ ވަނީ އޭނާގެ އައު ލަވައިގެ އިތުރުން، 1995 ވަނަ އަހަރު ނެރުނު ފުރަތަމަ "ޓޯއި ސްޓޯރީ" ފިލްމުގެ އެންމެ މަގުބޫލު ލަވަ "ޔޫ ހޭވް ގޮޓް އަ ފްރެންޑް އިން މީ"ގެ ޑުއެޓެއް ރޭންޑީއާ އެކު ހުށަހަޅައިދީ، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދާފަ އެވެ.
އުމުރުން އެންމެ ފަސް އަހަރުން ފެށިގެން މި ފްރެންޗައިޒްގެ ބޮޑު ފޭނެއްގެ ގޮތުގައި ހުރިކަން ހާމަކުރަމުން ޓޭލާ ބުނީ، "މި ފިލްމުތަކުގެ ކުޑަ ނަމަވެސް ބައެއްގެ ގޮތުގައި ހިމެނުމަކީ އަހަންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް" ކަމަށެވެ.
އެއާއެކު ފިލްމުގެ ކުރީކޮޅުގެ މަންޒަރުތަކެއް ބަލާލުމަށްފަހު، ފިލްމުގައި ހިމެނޭ ކައުގާލް ކެރެކްޓާ "ޖެސީ" ގެ އިހުސާސްތަކާ ގުޅުވައިގެން މި ލަވަ ލިޔަން ވަގުތުން އިންސްޕިރޭޝަން ލިބުނު ކަމަށްވެސް އޭނާ ބުންޏެވެ.
މި ފިލްމުގެ ޑައިރެކްޓަރު އެންޑްރޫ ސްޓެންޓަން ވެސް ވަނީ ޓޭލާގެ މި މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި ޓޭލާގެ މި ލަވަ ފުރަތަމަ އެހި ފަހަރުވެސް، އެއީ އަބަދުވެސް "ޓޯއި ސްޓޯރީ"ގެ ދުނިޔެއަށް ހާއްސަ ވެފައިވާ ލަވައެއް ފަދަ އިހުސާސެއް ކުރެވުނެވެ.
ބެލުންތެރިން ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންދާ ޕިކްސާ އެނިމޭޝަން ސްޓޫޑިއޯސްގެ "ޓޯއި ސްޓޯރީ 5" ސިނަމާ ތަކަށް ނެރުމަށް ހަމަޖެހިފައިވަނީ މި ހިނގާ ޖޫން މަހުގެ 19 ވަނަ ދުވަހު އެވެ.
އަޒާނާ ގުޅޭގޮތުން ލިޔެފައިވާ ރިޕޯޓެއް ނަގަން އަމުރެއް
ރައީސް މުއިއްޒާއެކު ގަދަކޮށް ހުންނެވި ކަމަށް ޒަމީރު ވިދާޅުވެއްޖެ
އީރާނަށް ބޮން އެޅުން: ކަނޑުއޮޅި އެއްކޮށް ބަންދުކޮށްފި