ރާއްޖެއަށް ބިދޭސީން ގެންނަން ނަގާ ކޯޓާ ފީން ވައްކަންކުރި ކަމަށް ބުނެ އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޖެނެރަލް މުޙައްމަދު ޝަމްއާން ވަހީދު ކުރެއްވި ތުހުމަތުތައް ދޮގުކުރައްވައި، އެ މައްސަލައިގައި ކަން ހިނގި ގޮތް ރައްޔިތުންނަށް ސާފުކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައިވާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެ އެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ، ފޭރުމުގައި ބައިވެރިވުމާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގެ ދައުވާތައް ސާބިތުވެ، ޝަމްއާންގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްޔެ އިއްވާފައި ވަނިކޮށެވެ.
ހުކުމް އިއްވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ޝަމްއާން ވަނީ މިނިސްޓަރު އިހްސާނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަ އެވެ. އެގޮތުން، ބިދޭސީންގެ ކޯޓާ ފީއާއި މަސައްކަތު ހުއްދަ ސައްހަކުރުމުގެ ނަމުގައި ކޮންމެ ކޯޓާއަކުން 8,000 ރުފިޔާ އަދި ކޮންމެ ބަންގްލަދޭޝް މީހަކަށް 1,800 ޑޮލަރު ނަގާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. މި ޖަރީމާ ގެ މައުލޫމާތާއި ހެކި މިދިޔަ އަހަރުގެ ޖަނަވަރީ 16 ގައި ރައީސް މުހައްމަދު މުއިއްޒާ ހިއްސާކުރެއްވި ކަމަށްވެސް ޝަމްއާން ވިދާޅުވި އެވެ.
ޝަމްއާން ވިދާޅުވި ގޮތުގައި، މިކަމާ ގުޅިގެން ރައީސް ދެއްވި ޖަވާބަކީ މިނިސްޓަރު އިހްސާން އެފަދަ ކަމެއް ނުކުރައްވާނެ ކަމަށާއި، ޝަމްއާން އެ މަސައްކަތް ކުރައްވަނީ ޒާތީ ގޮތުން ކަމަށެވެ. އަދި ރާއްޖޭގެ ބޯޑާ ކޮންޓްރޯލް ސިސްޓަމް ވަކި ބަޔަކަށް ވިއްކާލުމަށް މިނިސްޓަރު އިހްސާނާއި ބަންޑާރަނައިބު އަހްމަދު އުޝާމް މަސައްކަތް ކުރައްވާ ކަމަށްވެސް ޝަމްއާން ވަނީ ތުހުމަތުކޮށްފަ އެވެ.
މި ތުހުމަތުތަކަށް ރައްދުދެއްވައި މިނިސްޓަރު އިހްސާން މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝަމްއާން ދައްކަވަނީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އޭނާ ފްރޭމްކޮށްފައިވާ ކަމަށް ބުނާ ވާހަކައަކީވެސް ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޝަމްއާންގެ މި ތުހުމަތުތައް ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފާއި، ބަންޑާރަނައިބު އަހްމަދު އުޝާމްވެސް ވަނީ ދޮގުކުރައްވާފަ އެވެ. މިނިސްޓަރު އިހްސާން ވިދާޅުވި ގޮތުގައި، މި މައްސަލައިގެ ހަގީގަތް ހާމަކުރުމަށްޓަކައި، ކަން ހިނގާފައިވާ ގޮތް ރައްޔިތުންނަށް އޮޅުންފިލުވައިދިނުމަށް މިހާރު ވަނީ ފުލުހުންގެ މުއައްސަސާގައި އެދިވަޑައިގެންފަ އެވެ.
އަސްމާގެ ކިބައިން ރައީސް މުއިއްޒު މާފަށް އެދިވަޑައިގެންނެވި
ކުޑަ ފީއަކާއެކު އަކްޝޭއަށް ބޮޑު މޮޅެއް!
ހަ އަހަރަށްފަހު އެރިއާނާގެ ފުރަތަމަ ކޮންސެޓް ޓުއާ ފަށައިފި