މާވެލް ސިނެމެޓިކް ޔުނިވާސް (އެމްސީޔޫ)ގައި ފާއިތުވި ދިހަވަރަކަށް އަހަރު ސްޕައިޑަ މޭންގެ ގޮތުގައި ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ އެކްޓަރު ޓޮމް ހޮލޭންޑް އެ ރޯލުން ވަކިވުމުގެ އިޝާރާތެއް ދީފި އެވެ.
އޭނާގެ ހަތަރުވަނަ ސޯލޯ ފިލްމު "ސްޕައިޑަ-މޭން: ބްރޭންޑް ނިއު ޑޭ" ސިނަމާ ތަކަށް އަންނަން ތައްޔާރު ވަމުން ދާއިރު، އެމްޕަޔާ މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ޓޮމް ބުނީ މި ފިލްމަށްފަހު އުފަލާއެކު މި ދައުރު ނިންމާލަން އޭނާ ތައްޔާރަށް ހުރި ކަމަށެވެ.
އިންޓަވިއުގައި ޓޮމް ވަނީ އޭނާގެ މާވެލް ދަތުރު އަޔަން މޭންގެ ރޯލު ކުޅުނު ރޮބަޓް ޑައުނީ ޖޫނިއަރއާ އަޅާކިޔާފަ އެވެ. ރޮބަޓް ޑައުނީ އޭނާގެ ކެރިއަރު ނިންމާލަމުން ޓޮމް ފަދަ އާ އެކްޓަރުންނަށް ފުރުސަތު ދީ އެހީތެރިވި ފަދައިން، ކުރިއަށް އޮތް ޖީލަށް މަގު ދައްކައިދީފައި ވަކިވާން އޭނާ ބޭނުންވެ އެވެ.
"ދެން އަންނާނެ މީހަކު، އެއީ މައިލްސް މޮރާލެސް ކަމުގައިވިޔަސް، ނުވަތަ ސްޕައިޑާ ގްވެން ނުވަތަ ސްޕައިޑާ ވުމަން ކަމުގައި ވިޔަސް، އެ އާ ބާބު ފެށުމުގައި އެހީތެރި ވެދޭން އަހަރެން ބޭނުން. ރޮބަޓް ޑައުނީ އަހަންނަށް ކޮށްދިން ކަންތައް ދެން އަންނާނެ އެކްޓަރަކަށް ކޮށްދެވިއްޖެ ނަމަ، އަހަރެން ވަރަށް އުފަލާއެކު މި ރޯލުން ވަކިވާނަން" ޓޮމް ބުންޏެވެ
2016 ވަނަ އަހަރު 'ކެޕްޓަން އެމެރިކާ: ސިވިލް ވޯ' އިން ޕީޓަރ ޕާކާގެ ރޯލުން ފެނުނު ޓޮމް ހޮލޭންޑަކީ ތާރީހުގައިވެސް ސްޕައިޑަ މޭންގެ ހަތަރު ސޯލޯ ފިލްމު ކުޅުނު ފުރަތަމަ އެކްޓަރެވެ.
މީގެ ކުރިން މަގުބޫލުކަން ހޯދި ޓޯބީ މެގުއަޔަރ ކުޅުނީ 3 ފިލްމެވެ. އަދި އެންޑްރޫ ގާފީލްޑް ކުޅުނީ 2 ފިލްމެވެ. އޭގެ އިތުރުން އެވެންޖާސްގެ ފިލްމުތަކުގައިވެސް ޓޮމް ވަނީ މި ރޯލު ވަރަށް ފުރިހަމައަށް ދައްކުވައިދީފަ އެވެ.
މި އަހަރުގެ ޖުލައި 31 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ސްޕައިޑަ މޭން: ބްރޭންޑް ނިއު ޑޭ" އަކީ 'ނޯ ވޭ ހޯމް'ގެ ހާދިސާތަކަށްފަހު ހިނގާ ވާހަކަ އެކެވެ.
އެގޮތުން މުޅި ދުނިޔެ (އަދި އޭނާގެ ލޯބިވެރިޔާވެސް ހިމެނޭގޮތަށް) ޕީޓާ ޕާކަރަކީ ކާކުކަން ހަނދާން ނެތިފައިވާއިރު، އޭނާ އެކަނިވެރި ކަމާއެކު ނިއު ޔޯކް ސިޓީ ހިމާޔަތް ކުރަން ކުރާ މަސައްކަތް ފިލްމުން ފެންނާނެ އެވެ.
ޓޮމް ހާމަކުރި ގޮތުގައި އޭނާ ސްޓޫޑިއޯއަށް ހުށަހެޅި "ސްޕައިޑަ ޕިއުބަޓީ" (ޕީޓަރ ޕާކަރަށް އަންނަ ބަދަލުތަކާއި ކޮންޓްރޯލް ގެއްލުން) ކޮންސެޕްޓުގެ މައްޗަށް މި ފިލްމުގެ ބައެއް ބިނާވެފައިވެ އެވެ.
މާވެލްގެ ފޭނުންނަށް މި ހަބަރަކީ އުފާވެރި ހަބަރަކަށް ނުވިޔަސް، "ބްރޭންޑް ނިއު ޑޭ" ވެގެންދާނީ ޓޮމްގެ ސްޕައިޑަ މޭން ދަތުރުގެ އެންމެ އަސަރުގަދަ އަދި އެންމެ ވަރުގަދަ ނިންމުމަށެވެ.
މިއީ ލައިވް އެކްޝަން ސިނަމާއަށް މައިލްސް މޮރާލެސް (އާ ސްޕައިޑަ މޭން) ތައާރަފުވާނެ މަގުކަމަށްވެސް ބެލެވެ އެވެ.
ޓޮމްގެ މި ފިލްމުގެ އިތުރުން، ޖުލައި 17 ގައި ރިލީޒްކުރާ ކްރިސްޓޮފާ ނޯލަންގެ "ދަ އޮޑިސީ" (The Odyssey) އިންވެސް އޭނާ ފެނިގެންދާނެ އެވެ.
ބްރެޑްއަށް ހަމަ ޖެހުމެއް ނެތް: މުޅިން އާ ދަައުވާއަކާއެކު ކޯޓަށް!
ކްރޮއޭޝިއާގެ ޕްލިޓްވިސޭ ލޭކްސް ތަފާތުވަނީ ކިހިނެއް؟
ފޯބްސް '30 އަންޑާ 30'އިން ރާއްޖޭގެ ރާޔާ ޖާގަ ހޯދައިފި