ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވާ މީހުންގެ އަދަދު ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި އިތުރުވެފައިވާކަން އެންސްޕާގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އެންމެ ފަހުން އާންމުކުރި ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް މި ދަފްތަރުގައި ހިމެނޭ މީހުންގެ ޖުމްލަ އަދަދަކީ 15,403 އެވެ. މިއީ މިއަހަރުގެ ފެބްރުއަރީ މަހު ދަފްތަރުގައި އޮތް 15,236 މީހުންނާ އަޅާބަލާއިރު 167 މީހުންގެ އިތުރުވުމެކެވެ.
ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތަފްސީލަށް ބަލާއިރު، ޖުމްލަ އަދަދުގެ ތެރޭގައި ހިމެނެނީ 8,915 ފިރިހެނުންނާއި 6,488 އަންހެނުންނެވެ. އުމުރުފުރާތަކަށް ބަހާލާއިރު، 18 އަހަރުން ދަށުގެ 5,226 ކުދިން ތިބި އިރު، އޭގެ ތެރޭގައި ގިނައީ ފިރިހެން ކުދިންނެވެ. އެއީ 3,636 ފިރިހެން ކުދިންނާއި 1,590 އަންހެން ކުދިންނެވެ. މީގެ އިތުރުން 10 އަހަރާއި 64 އަހަރާ ދެމެދުގެ 7,773 މީހުން އަދި 65 އަހަރުން މަތީގެ 2,404 މީހުން މި ދަފްތަރުގައި އެބަތިއްބެވެ.
ނުކުޅެދުންތެރިކަމުގެ ބާވަތްތަކުގެ ތެރެއިން އެންމެ ގިނަ މީހުން ރަޖިސްޓްރީވެފައިވަނީ ޖިސްމާނީ ނުކުޅެދުންތެރިކަމުގެ ބައިގަ އެވެ. އެއީ 4,287 މީހުންނެވެ. އެހެނިހެން ބައިތަކަށް ބަލާއިރު:
- މަލްޓިޕްލް ޑިސެބިލިޓީސް: 3,489 މީހުން
- ނަފްސާނީ ނުކުޅެދުންތެރިކަން: 2,284 މީހުން
- ސިކުނޑީގެ ނުކުޅެދުންތެރިކަން: 1,841 މީހުން
- އަޑުއިވުމާއި ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން: 1,828 މީހުން
- ފެނުމުގެ ނުކުޅެދުންތެރިކަން: 1,025 މީހުން
- އޯޓިޒަމް: 590 މީހުން
- އުނގެނުމުގެ ނުކުޅެދުންތެރިކަން: 58 މީހުން
މާލީ އެހީތެރިކަމުގެ ގޮތުން އެންސްޕާއިން ވަނީ ނުކުޅެދުންތެރިކަން ހުންނަ 15,146 ފަރާތަކަށް ޖުމްލަ 55.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފަ އެވެ. އަދި ތެރަޕިއުޓިކް ފަރުވާގެ އެހީގެ ދަށުން އޭޕްރީލް މަހު އެކަނިވެސް 253 މީހަކަށް 7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މީގެ އިތުރުން ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ތެރެއިން 80 މީހަކަށް 5.2 ލައްކައަށް ވުރެ ގިނަ ރުފިޔާގެ އެހީ ފޯރުކޮށްދީފައިވާ ކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެއްވެސް ރަށެއްގެ ހެޑްލީސް ވިއްކާލަން ނިންމާފައިނުވާނެ:އެމްޓީޑީސީ
އެމްޕީއެލްގައި އިތުރު 600 މުވައްޒަފުން، މަހަކު 20 މިލިއަން ރުފިޔާ