ބޭންކް އޮފް މޯލްޑިވްސް އިން މޯލްޑިވްސް ސަރފިން އެސޯސިއޭޝަން (އެމްއެސްއޭ)ގެ ޑިވެލޮޕްމެންޓް ޕާޓްނަރުގެ ގޮތުގައި ވެފައިވާ އެއްބަސްވުން އާކޮށްފި އެވެ.

މި ޕާޓްނާޝިޕްގެ ދަށުން، ގައުމީ ޖޫނިއާ އަދި ސީނިއާ ސާފިން ޓީމުތަކުގެ ސްޕޮންސަރުގެ ގޮތުގައި ބޭންކުން ދޭ އެހީތެރިކަން ދަމަހައްޓާނެއެވެ. އަދި ރާއްޖޭގެ ޒުވާން ރާޅާ އެޅުންތެރިންގެ ހުނަރު ކުރިއަރުވައި ތަރައްގީކުރުމުގެ މަގްސަދުގައި ބާއްވާ އަހަރީ "ނޭޝަނަލް ޖޫނިއަރ ސާފިންގ ޗެމްޕިއަންޝިޕް" އަށް ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން އެމްއެސްއޭ އާއެކު ފުރަތަމަ ޕާޓްނަރޝިޕް ގާއިމުކުރީ 2022 ވަނަ އަހަރުގައެވެ. އަދި 2024 ވަނަ އަހަރު އެއްބަސްވުމުގެ މުއްދަތު، އިތުރު ދެ އަހަރަށް އިތުރުކޮށްފައި ވެއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ކުޅިވަރު ހަރަކާތްތަކާއި ގައުމީ އެސޯސިއޭޝަންތަކާއެކު ގާއިމުކުރާ ސްޓްރެޓީޖިކް ޕާޓްނަރޝިޕްތަކުގެ ޒަރިއްޔާއިން، މުޅި ރާއްޖޭގައި ކުޅިވަރުގެ ހުނަރުތައް ތަރައްގީކުރުމަށް މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން، ބޭންކުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން "ސްޕޯޓްސް ސްކޮލަރޝިޕް" ޕްރޮގްރާމެއް ވެސް ހިންގަ އެވެ. މި ސްކޮލާޝިޕް އެންމެ ފަހުން ލިބިފައިވަނީ ސާފިން ދާއިރާގެ އެތްލީޓަކަށެވެ. މި ސްކޮލަރޝިޕްގެ ދަށުން، ބައިނަލްއަގުވާމީ ފެންވަރުގައި އިންޑޮނޭޝިއާ، ޖަޕާން އަދި ފިލިޕީންސްގައި މަތީ ފަންތީގެ ތަމްރީނުތައް ފުރިހަމަކުރާނެ އެވެ.