ސްކޫބާ ޑައިވިންއަކީ ގިނަ ބަޔަކު ވަރަށް ޝައުގުވެރިކަމާއެކު ކުރާ ކަމެކެވެ. ކަނޑުއަޑީގެ ސިއްރުތަކާއި ރީތިކަން ހަ މަލޮލުން ދެކިލުމަށެވެ. އެ ތަޖުރިބާ އަމިއްލައަށް ކުރުމަށެވެ.

ނަމަވެސް މަދުން ނަމަވެސް މިކަމުގެ ތެރޭގައި ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. ގަވާއިދުތަކަށް ބޯނުލެނބުމުގެ ސަބަބުންނާއި އެ ނޫންވެސް ސަބަބުތަކާ ހެދި އެތައް ފުރާނައެއް ވަނީ ގެއްލިފަ އެވެ.

ވ. އަތޮޅު އަލިމަތާ ރިސޯޓު ކައިރީގައި އޮންނަ ދެވަނަ ކަނޑުގެ ކޭވްއަށް ޑައިވިންއަށް ފޭބި އިޓަލީ ވިލާތުގެ ފަސް މީހަކު ގެއްލި އެ މީހުން ސަލާމަތް ކުރަން ފަށާފައިވާ "ރެސްކިއު މިޝަން" ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވާއިރު، މި ހާދިސާ ވެފައިވަނީ ސްކޫބާ ޑައިވިންގެ ތާރީހުގައި ހިނގި އެންމެ ބޮޑު އެއް ހާދިސާއަށެވެ.

އެގޮތުން މި ލިޔުމުގައި މި ބަލާލަނީ ސްކޫބާ ޑައިވިންގެ ތާރީހުގައި ހިނގާފައިވާ އެންމެ ހިތާމަވެރި ހާދިސާތަކަށެވެ.

ވ. އަތޮޅު ދެވަނަ ކަނޑު، ދިވެހިރާއްޖެ - 2026

ކަނޑުއަޑީގެ ދިރާސާއެއް ކުރުމުގެ ބޭނުމުގައި ވެރިރަށް މާލޭގެ ދެކުނުން ގާތްގަނޑަކަށް 100 ކިލޯމީޓަރު ދުރުގައި އޮންނަ 60 މީޓަރު ފުން ކަނޑުއަޑީގެ ހޮހޮޅައަކަށް އިޓަލީވިލާތަށް ނިސްބަތްވާ ފަސް ޑައިވަރުން "ކޭވް ޑައިވިން" އަށް ފޭބީ މެއި މަހުގެ 14 ވީ ބުރާސްފަތި ދުވަހު އެވެ.

އެ ފަސް ޑައިވަރުންނަކީ ތަޖުރިބާކާރު ޑައިވަރުންތަކަކަށް ވާއިރު އޭގެ ތެރޭގައި ޔުނިވާސިޓީ އޮފް ޖެނޯއާގެ މެރިން ބައޮލޮޖިސްޓް ޕްރޮފެސަރެއް ވެސް ހިމެނެ އެވެ.

ޑައިވަރުން ގެއްލުމާއެކު ދިވެހި ރާއްޖޭގެ ސަލާމަތީ ބާރުތަކުން ރެސްކިއު މިޝަންއެއް ފެށިއިރު ފަސް މީހުންގެ ހަށިގަނޑު ވެސް މިހާރު ވަނީ ފެނިފަ އެވެ. މި ރެސްކިއުގައި ބައިވެރިވުމަށް ބައިނަލްއަގްވާމީ ޑައިވަރުންގެ ޓީމެއް ވެސް ރާއްޖެއަށް އައެވެ.

މި ހާދިސާއަށް ލިބުނު އިތުރު ހިތާމައަކީ ރެސްކިއުގައި ހަރަކާތްތެރިވި ދިވެހި ގައުމީ ދިފާއީ ބާރުގެ ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ޑީކޮމްޕްރެސްވެ، ހާލު ދެރަވެގެން މަރުވުމެވެ.

ބައިފޯޑް ޑޮލްފިން އެކްސިޑެންޓް (1983)

މިއީ ތާރީޚުގައި ހިނގި އެންމެ ބިރުވެރި އަދި އެންމެ މަޝްހޫރު އެއް ޑައިވިން ހާދިސާއެވެ. ނޯވޭގެ ކައިރީގައި އޮންނަ ތެޔޮ ކޮންނަ ރިގްއެއްގައި މަސައްކަތްކުރި ސެޗުރޭޝަން ޑައިވަރުންތަކެއް "ޑައިވިން ބެލް" އިން ނިކުމެ، ޑިކޮމްޕްރެޝަން ޗެމްބަރަށް ވަންނަން އުޅުމުގެ ތެރޭގައި މެކޭނިކަލް ގޮތުން ދިމާވި މައްސަލައެއްގެ ސަބަބުން ކުއްލިއަކަށް ޕްރެޝަރު ދަށްވި އެވެ.

މީގެ ސަބަބުން ޗެމްބަރުގެ އެތެރޭގެ ޕްރެޝަރު ނުވަ އެޓްމޮސްފިއާ އިން އެއް އެޓްމޮސްފިއާއަށް ސިކުންތެއްގެ ތެރޭގައި ވެއްޓި، އެތަނުގައި ތިބި ހަތަރު ޑައިވަރުންގެ ހަށިގަނޑު ވަގުތުން ގޮވައި، ވަރަށް ހިތްދަތި ގޮތަކަށް މަރުވި އެވެ.

ޔޫރީ ލިޕްސްކީގެ ހާދިސާ - މިސްރުގެ ބްލޫ ހޯލް (2000)

މިސްރުގެ ދަހަބްގައި އޮންނަ "ބްލޫ ހޯލް" އަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި ޑައިވިން ސައިޓެވެ. މިއީ އެތައް ސަތޭކަ ޑައިވަރުންގެ ފުރާނަ ގޮސްފައިވާ ތަނެކެވެ. 2000 ވަނަ އަހަރު، ރަޝިޔާގެ ތަޖުރިބާކާރު ޑައިވިން އިންސްޓްރަކްޓަރެއް ކަމަށްވާ ޔޫރީ ލިޕްސްކީ، މި ސައިޓުގައި ހުންނަ ނުރައްކާތެރި "ދަ އާކް" ކިޔާ ހޮހަޅައަކަށް އެކަނި ފީނަން އުޅުނެވެ.

ނަމަވެސް، ޕްރެޝަރުގެ ސަބަބުން ނައިޓްރޯޖަން ނާކޯސިސްވެ، އޭނާއަށް ދާނެ ދިމާ އޮޅި، 115 މީޓަރު ފުން ކަނޑުގެ އަޑިއަށް ދެވުނެވެ. މި ބިރުވެރި ހާދިސާގައި އޭނާ މަރުވި މަންޒަރު، އޭނާގެ ހެލްމެޓުގައި ހަރުކޮށްފައި ހުރި ކެމެރާއަށް ވަނީ ރެކޯޑުވެފަ އެވެ.

ކްރިސް އަދި ކްރިސީ ރައުސް - "ޔޫ-ބޯޓް" ހާދިސާ (1992)

ދެބަފައިން ކަމަށްވާ ކްރިސް އާއި ކްރިސީ އަކީ ހޮހަޅަތަކާއި ފެތިފައިވާ ބޯޓުފަހަރު ބަލަން ފީނާ ނުހަނު ތަޖުރިބާކާރު ދެ ޑައިވަރުންނެވެ. އެމެރިކާގެ ނިއު ޖާޒީގެ އައްސޭރިން 230 ފޫޓު އަޑީގައި އޮތް ދެވަނަ ބޮޑު ހަނގުރާމައިގެ ޖަރުމަނު ޔޫ-ބޯޓެއް ބަލަން އުޅުމުގެ ތެރޭގައި، ބޯޓުގެ ހަނި ގޯޅިއެއްގެ ތެރޭގައި އެމީހުން ތާށިވި އެވެ.

ބޯޓުގެ ތެރެއިން ނިކުމެވުނު އިރު އޮކްސިޖަން ހުސްވަމުން ދާތީ، ޑިކޮމްޕްރެޝަން ސްޓޮޕްތައް ފުރިހަމަނުކޮށް ކުއްލިއަކަށް މައްޗަށް އެރުމުގެ ސަބަބުން، "ދަ ބެންޑްސް" ޖެހި، ދެ މީހުން ވެސް މަރުވީ އެވެ.

މައުންޓް ގެމްބިއާ ކޭވް ޑައިވިން ހާދިސާ (1973)

އޮސްޓްރޭލިއާގެ މައުންޓް ގެމްބިއާ ސަރަޙައްދުގައި ހުންނަ "ދަ ޝާފްޓް" ކިޔާ ހަނި، އަދި ނުހަނު އަނދިރި ފެންގަނޑެއްގެ އަޑީގައި ހުރި ހޮހަޅައަކަށް 8 ޑައިވަރުންގެ ގްރޫޕެއް ފީނަން ދިޔަ އެވެ. މިއީ އެކަށީގެންވާ ތަމްރީނާއި ބެކްއަޕް އިކުއިޕްމަންޓް ނެތި ކުރި ދަތުރެކެވެ.

ނަތީޖާއަކަށްވީ ހޮހަޅައިގެ ތެރެއިން މަގުއޮޅި، އޮކްސިޖަން ހުސްވުމުގެ ސަބަބުން މި ގްރޫޕުގެ ތެރެއިން ހަތަރު ޑައިވަރުން ހޮހަޅައިގެ ތެރޭގައި ތާށިވެ މަރުވި އެވެ. އެމީހުންގެ ހަށިގަނޑުތައް ހޯދުމަށް އެތައް މަސްތަކެއް ހޭދަވި އެވެ.

ޑޭވިޑް ޝޯ - ބުޝްމަންސް ހޯލް ހާދިސާ (2005)

އޮސްޓްރޭލިއާގެ ތަޖުރިބާކާރު ޑައިވަރު ޑޭވިޑް ޝޯ، ދެކުނު އެފްރިކާގެ "ބުޝްމަންސް ހޯލް"ކިޔާ ފުން ހޮހަޅައެއްގެ 270 މީޓަރު އަޑިއަށް ދިޔައީ، މީގެ 10 އަހަރު ކުރިން އެތަނަށް ގެނބިގެން މަރުވި ޒުވާން ޑައިވަރެއް ކަމަށްވާ ޑިއޯން ޑްރެޔާގެ ހަށިގަނޑު ނެގުމަށެވެ.

ނަމަވެސް، އެހާ ފުންމިނެއްގައި ހަށިގަނޑު ކޮތަޅަކަށްލާން އުޅުމުގެ ތެރޭގައި، ހަށިގަނޑުގައި އޮތް ލައިންތަކެއް އޭނާގެ އަމިއްލަ އިކުއިޕްމަންޓްގައި އޮޅި، ނޭވާލާން އުނދަގޫވެ، ކާބަންޑައިއޮކްސައިޑް ވިހަވުމުގެ ސަބަބުން އޭނާ ވަނީ އަޑީގައި މަރުވެފަ އެވެ.

އޭގެ ތިން ދުވަސް ފަހުން ރެސްކިއު ޓީމުން އޭނާގެ ހަށިގަނޑު މައްޗަށް ނެގިއިރު، އޭނާ ސަލާމަތް ކުރަން އުޅުނު ޑިއޯންގެ ހަށިގަނޑު ވެސް އޮތީ އޭނާގެ ހަށިގަނޑާއެކު މައްޗަށް ފެންމަތިވެފަ އެވެ.

މި ހުރިހާ ހާދިސާތަކުން ވެސް އެނގެނީ ސްކޫބާ ޑައިވިން އަކީ ކިތަންމެ ހިތްގައިމު ކަމެއް ނަމަވެސް، ކަނޑުގެ ގާނޫނުތަކާއި، ފުންމިނުގެ ލިމިޓްތަކަށް އިހުތިރާމްކުރަން ޖެހޭނެ ކަމެވެ.

ހާއްސަކޮށް ކޭވް ޑައިވިން (ހޮހަޅައަށް ފީނުން) އަކީ ހާއްސަ ތަމްރީނާއި ވަސީލަތްތައް ނެތި ކޮށްގެންވާނެ ކަމެއް ނޫންކަން މި ހިތާމަވެރި ހާދިސާތަކުން ހަނދާންކޮށްދެ އެވެ.