ބޮލީވުޑްގެ ހުނަރުވެރި އަދި ޒުވާން އެކްޓަރު އިޝާން ޚައްތަރަށް އިންޑިއާގެ އަސްކަރިއްޔާއިން ވަރަށް ހާއްސަ ޝަރަފެއް ދީފި އެވެ.

2023 ވަނަ އަހަރު ނެރުނު ކާމިޔާބު ހަނގުރާމަ ފިލްމު "ޕިއްޕާ"ގައި އިންޑިއާ ސިފައިންގެ އޮފިސަރެއްގެ ރޯލު ކުޅުނު ފުރިހަމަ ކަމާއި، އަސްކަރިއްޔާގެ އަގުތަކަށް އޭނާ ކުރި އިހުތިރާމުގެ އަގު ވަޒަން ކުރުމުގެ ގޮތުން، އިންޑިއަން އާމްޑް ކޯޕްސްގެ "45 ކެވެލްރީ" ރެޖިމެންޓުން ވަނީ އިޝާންއަށް އޮނަރަރީ މެންބަރުކަން ދީފަ އެވެ.

މި ހާއްސަ ރަސްމިއްޔާތުގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން، މިއީ އޭނާގެ "ދިރިއުޅުމުގައި ލިބުނު އެންމެ ބޮޑު ޝަރަފު"ގެ ގޮތުގައި އިޝާން ވަނީ ސިފަކޮށްފަ އެވެ.

އިންޑިއާ ސިފައިންގެ ފަރާތުން އިޝާންއަށް ދިން ހަނދާނީ ފިލާގައި ލިޔެފައި ވަނީ، ފިލްމު "ޕިއްޕާ" ގައި 45 ކެވެލްރީގެ އޮފިސަރެއްގެ ރޯލު ހަގީގީ ގޮތެއްގައި ދައްކުވައިދިނުމާއި، އެ ރެޖިމެންޓްގެ އަސާސްތަކަށް އޭނާ ބެހެއްޓި ގާތްކަމުގެ ސަބަބުން މި ޝަރަފު ދޭ ކަމަށެވެ. އަދި އޭގައިވާ ރެޖިމެންޓުގެ މޮޓޯއަކީ "އެއްފަހަރު ކެވެލްރީއަކަށް ވެއްޖެނަމަ، އަބަދުވެސް ވާނީ ކެވެލްރީއަކަށް" އެވެ.

މިކަމާ ގުޅިގެން އިޝާން ބުނީ، ސިފައިންގެ ދިރިއުޅުމާ މާ ދުރު މާހައުލަކުން އައި މީހަކަށް މިފަދަ ބޮޑު ޝަރަފެއް ލިބުމަކީ ގަބޫލުކުރަން ވެސް ދަތި، އާދަޔާހިލާފު ކަމެއް ކަމަށެވެ.

އާޓިސްޓެއްގެ ގޮތުން އޭނާ ހަމައެކަނި ކުރި ކަމަކީ ރޯލަށް އިންސާފުވެރިވުން ކަމަށާއި، ނަމަވެސް މި ލިބުނު ހިތްވަރާއެކު ކުރިއަށް އޮތް ތަނުގައިވެސް ކޮންމެ ރޯލަކަށް ފުރާނަ ދޭނެ ކަމަށް އޭނާ ބުންޏެވެ.

ރާޖާ ކްރިޝްނާ މެނަން ޑައިރެކްޓްކުރި "ޕިއްޕާ" އަކީ 1971 ވަނަ އަހަރު އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގި ހަނގުރާމައިގެ ތެރޭގައި، ބަންގްލަދޭޝް މިނިވަންކުރުމަށް ކުރި "ބެޓްލް އޮފް ޣަރީބްޕޫރު" ހާދިސާގެ މައްޗަށް ބިނާކޮށް ހަދާފައިވާ ބަޔޮގްރަފިކަލް ފިލްމެކެވެ. މިއީ ބްރިގޭޑިއާ ބަލްރާމް ސިންގް މެހެތާ ލިޔުއްވާފައިވާ "ދަ ބާނިން ޗާފީސް" ފޮތުގެ މައްޗަށް ތައްޔާރުކުރި ފިލްމެކެވެ.

ފިލްމުގައި އިޝާން ކުޅެފައިވަނީ ކެޕްޓަން ބަލްރާމް ސިންގް މެހެތާގެ ރޯލެވެ. ފިލްމުގެ ނަން ކަމަށްވާ "ޕިއްޕާ" ނެގިފައި ވަނީ ހަނގުރާމައިގައި ބޭނުންކުރި، ފެންމަތީގައި ދުއްވޭ ރަޝިއާގެ "PT-76" ޓޭންކަށް ސިފައިން ކިޔާ އުޅުނު ނަމުންނެވެ. ޕަންޖާބީ ބަހުން "ޕިއްޕާ" ކިޔަނީ ފެންމަތީގައި ފަސޭހައިން އޮންނަ ހުސް ދަގަނޑު ދަޅަށެވެ.

އިޝާން ޚައްތަރަށް މި ބޮޑު ޝަރަފު ލިބިފައިވަނީ އޭނާގެ ކެރިއަރުގެ ވަރަށް ކާމިޔާބު ދުވަސްވަރެއްގަ އެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔަ "ހޯމްބައުންޑް" ފިލްމަކީ ކޭންސް ފިލްމު ފެސްޓިވަލްގައި ބޮޑު ތަރުޙީބެއް ލިބި، އޮސްކާ އެވޯޑަށް އިންޑިއާއިން ފޮނުވި ރަސްމީ އެންޓްރީ އެވެ.