ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޯލީ، ލޮސް އެންޖެލިސް (އެލްއޭ) ދޫކޮށް އެހެން ގައުމަކަށް ދިރިއުޅުން ބަދަލުކުރަން އުޅޭތީ، އޭނާގެ ބައްޕަ އަދި ތަޖުރިބާކާރު އެކްޓަރު ޖޯން ވޮއިޓް ނުހަނު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އުމުރުން 85 އަހަރުގެ ވޮއިޓް މިހާރު ދަނީ އޭނާގެ ދަރިފުޅު ސިޓީ ދޫކޮށް ދިއުމުގެ ކުރިން "ފަހު ފަހަރަށް" ނަމަވެސް ބައްދަލުކޮށްލުމުގެ ފުރުސަތަކަށް އެދި އާދޭސް ކުރަމުންނެވެ.
އެންޖެލީނާއާއި އޭނާގެ ބައްޕައާ ދެމެދު އޮތް ގުޅުން ގޯސްވެފައި އޮންނަތާ ގިނަ އަހަރުތަކެއް ވެފައިވާއިރު، ވޮއިޓް ބޭނުންވަނީ ޖޯލީ ދިއުމުގެ ކުރިން އެ ގުޅުން ރަނގަޅު ކުރުމަށެވެ.
އެންޖެލީނާ ޖޯލީ މީގެ ކުރިން ދީފައިވާ އިންޓަވިއުތަކުގައި ބުނެފައިވަނީ، ބްރެޑް ޕިޓްއާ ދެމެދު ހިނގަމުންދާ ގާނޫނީ ހަނގުރާމައާއި، އެލްއޭގެ ދިރިއުޅުމުގެ ސަބަބުން އޭނާއަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.
އޭނާ އިތުރަށް ބުނީ އެލްއޭ އަކީ "ސިއްހަތަށް ރަނގަޅު މާހައުލެއް ނޫން" ކަމަށާއި، ދަރިން ބޮޑުވުމުން ކެމްބޯޑިއާ ފަދަ ގައުމަކަށް ދިރިއުޅުން ބަދަލުކުރަން އޭނާ ބޭނުންވާ ކަމަށެވެ.
ޖޯންއާ ގާތް ފަރާތަކުން މީޑިއާއަށް މައުލޫމާތު ދެމުން ބުނީ، އެންޖެލީނާ އެހާ ދުރަށް ބަދަލުވެއްޖެނަމަ ދެން ދުވަހަކުވެސް ބައްދަލުނުވެދާނެ ކަމުގެ ބިރު ވޮއިޓްގެ ހިތުގައި އެބައޮތް ކަމަށެވެ.
ވޮއިޓް ގަބޫލުކުރާ ގޮތުގައި އެންޖެލީނާ މަސައްކަތް ކުރަނީ އަމިއްލަ ނަފްސު މުޅި ދުނިޔެއާ އެކަހެރި ކުރާށެވެ. މިކަމުގެ ސަބަބުން އޭނާގެ ކާފަ ދަރިންނާ ބައްދަލުވުމުގެ ފުރުސަތުވެސް މުޅިން ގެއްލިގެން ހިނގައިދާނެތީ އޭނާ ހުރީ ވަރަށް ދެރަވެފަ އެވެ.
އެންޖެލީނާއާއި ވޮއިޓްގެ ގުޅުމަކީ އަބަދުވެސް މައްސަލަ ބޮޑު ގުޅުމެކެވެ. ސިޔާސީ ހިޔާލު ތަފާތުވުންތަކާއި، އަމިއްލަ ދިރިއުޅުމުގެ ކަންކަމުގައި ދެމީހުންގެ މެދުގައި އޮންނަ ނުތަނަވަސްކަމުގެ ސަބަބުން، ގިނަ ފަހަރަށް އެކަކު އަނެކަކާ ވާހަކަ ނުދައްކާ އެތައް އަހަރެއް ފާއިތުވެ އެވެ. ނަމަވެސް، އުމުރުން ދުވަސްވަމުން ދިއުމާއެކު، ވޮއިޓް މިހާރު ބޭނުންވަނީ ދަރިފުޅުގެ މައާފް ހޯދައި، އާއިލީ ގުޅުން ރަނގަޅު ކުރާށެވެ.
އެންޖެލީނާ މިކަމާ މެދު އަދި އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު އޭނާގެ ގާތް މީހުން ބުނާ ގޮތުގައި އެންޖެލީނާ މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާގެ ދަރިންގެ ކުރިމަގަށާއި އަމިއްލަ ސިއްހަތަށެވެ.
ނާޒިމް މަގާމުން ވަކިކުރަނީ މަސްލަހަތު ގެއްލުވާލިކަމަށް ބުނެ
30 މުވައްޒަފުންނާއެކު ޗާޓާޑް ބޭންކާ ޕްރޮގްރާމް ފަށައިފި
މަޖިލީހުގެ ދައުރު މެއި 31 އަށް ދަންމާލައިފި