އީރާނުގެ ކަނޑުގެ ސަރަހައްދުގައި އޮތް ތެޔޮ ޓޭންކަރަކަށް އެމެރިކާގެ ސިފައިން ހަމަލާދިނުމާ ގުޅިގެން، އެމެރިކާގެ މަނަވަރުތަކަށް ރައްދު ހަމަލާދީފައިވާނޭ ކަމަށް އިރާނުގެ އަސްކަރިއްޔާއިން ބުނެފި އެވެ. މިއީ ވޮޝިންޓަނާއި ތެހެރާނާ ދެމެދު ގާއިމުކޮށްފައިވާ ނާޒުކު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިވެ، މަސްރަހު އިތުރަށް ގޯސްވެގެންދިޔަ ކަމެކެވެ.
އީރާނުގެ ހާތަމުލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓާޒުން ބުރާސްފަތި ދުވަހު ބުނި ގޮތުގައި، ސަރަހައްދީ ބައެއް ގައުމުތަކާ ގުޅިގެން ގޭޝްމް އައިލެންޑް ހިމެނޭހެން އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ވައިގެ މަގުން ހަމަލާދީ، އެމެރިކާއިން ވަނީ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެފަ އެވެ. ނަމަވެސް އެމެރިކާއަށް އެހީތެރިވި ގައުމުތަކުގެ ނަމެއް އެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އިސްތިއުމާރީ، ޓެރަރިސްޓް އަދި ފޭރުމުގެ އަމަލުތައް ހިންގާ އެމެރިކާގެ އަސްކަރިއްޔާއިން، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފަށް އިރާނުގެ ތެޔޮ ޓޭންކަރަކަށް ހަމަލާދީފައިވާ ކަމަށެވެ. އަދި އީރާނުން ދިން ރައްދު ހަމަލާތަކުގައި އެމެރިކާގެ މަނަވަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އީރާނުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، އެމެރިކާއާއި އެ ގައުމަށް ވާގިވެރިވާ ގައުމުތަކުން ދަންނަންޖެހޭނެ ހަގީގަތަކީ، އީރާނަށް ދޭ ކޮންމެ ހަމަލާއަކަށް، ކުރިއެކޭވެސް އެއްފަދައިން އެއްވެސް ފަސްޖެހުމެއްނެތި ވަރުގަދަ ރައްދެއް ދޭނެ ކަމެވެ.
އައިއާރުޖީސީ ކަނޑުގެ ސިފައިން ބުނީ، އެމެރިކާއިން އެއްބަސްވުމާ ހިލާފުވުމާ ގުޅިގެން ދިން ރައްދު ހަމަލާތަކުގައި، އެކި ބާވަތްތަކުގެ ބެލިސްޓިކް މިސައިލާއި، މަނަވަރުތަކަށް ހަމަލާދޭ ކްރޫޒް މިސައިލްގެ އިތުރުން، ގޮވާތަކެތި ހަރުކޮށްފައިވާ ނުރައްކާތެރި ޑްރޯންތައް ބޭނުންކޮށްފައިވާ ކަމަށެވެ.
ނަމަވެސް، އެމެރިކާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ބުނެފައިވަނީ، އީރާނުން ދިން ހަމަލާތައް ހުއްޓުވާފައިވާ ކަމަށާއި، އެމެރިކާއިން ހަމަލާދިނީ އަމިއްލަ ދިފާއުގައި ކަމަށެވެ. އަދި އެމެރިކާގެ އެއްވެސް އުޅަނދަކަށް ނުވަތަ މަނަވަރަކަށް ހަމަލާއެއް އަރާފައިނުވާ ކަމަށްވެސް އެ ފަރާތުން ބުނެއެވެ. ސެންޓްކޮމްއިން އިތުރަށް ބުނީ އެމެރިކާއިން ބޭނުންވަނީ މަސްރަހު ފިނިކުރަން ކަމަށާއި، އެހެންނަމަވެސް އެމެރިކާގެ ސިފައިންގެ ދިފާއުގައި އަބަދުވެސް ތައްޔާރީ ހާލަތުގައި ތިބޭނެ ކަމަށެވެ.
މި ކުރިމަތިލުންތަކަކީ އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކުރުމާ ގުޅިގެން، އެކަމަށް ރައްދުދިނުމުގެ ގޮތުން އީރާނުގެ އަސްކަރިއްޔާއިން ހިންގި ފުރަތަމަ ހަރަކާތެވެ. ވޭތުވެދިޔަ ހަފުތާތަކުގައި އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީރާނުގެ ބައެއް އުޅަނދުތައް ހިފަހައްޓައި، އިތުރު އެތައް އުޅަނދަކަށް އެނބުރި ދިޔުމަށް އަމުރުކޮށްފަ އެވެ. ކަނޑުގެ މަގުން ދަތިކުރުމުގެ މި ފިޔަވަޅުތަކަކީ، މިދިޔަ މަހު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށީއްސުރެ، ރައީސް ޓްރަމްޕް އީރާނަށް ދެމުންދާ ޕްރެޝަރުގެ މައިގަނޑު އެއް ބައެވެ.
އީރާނުގެ ދައުލަތާ ގުޅުންހުރި ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގޭޝްމް އައިލެންޑް، ބަންދަރު އައްބާސް އަދި ދެކުނުގެ އައްސޭރިފަށުގެ ރަށެއް ކަމަށްވާ މިނާބްގެ ބަނދަރުތަކުން ގޮވުންތަކުގެ އަޑު އިވިފައިވެއެވެ. އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން އިސް އޮފިޝަލަކާ ހަވާލާދީ ބުނި ގޮތުގައި، އެމެރިކާގެ ތިން މަނަވަރަކަށް އީރާނުން ހަމަލާދިނުމުން، އެ އުޅަނދުތައް ވަނީ އޮމާން ކަނޑާ ދިމާލަށް ފިލައިގެން ގޮސްފަ އެވެ.
މި ކުރިމަތިލުންތައް ހިނގާފައި މިވަނީ، ހަނގުރާމަ ހުއްޓާލުމަށްޓަކައި ވޮޝިންޓަނާއި ތެހެރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތައް އެންމެ ފަހުގެ މަރުހަލާއަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނަމުންދާ ދަނޑިވަޅެއްގަ އެވެ. މި ހަފުތާގެ ކުރީކޮޅު، ހޮރްމޫޒް ކަނޑުއޮޅި ކައިރީގައި އީރާނުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލުމަށް ރައީސް ޓްރަމްޕް އަމުރުކުރެއްވުމާ ގުޅިގެން މަސްރަހު ވަނީ ނުތަނަވަސްވެ، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އުވުމުގެ ބިރު ބޮޑުވެފަ އެވެ. ހޯމަ ދުވަހު އެމެރިކާއިން ބުނީ އީރާނުގެ ކުދި ހަތް ޑްރޯން ވައްޓާލާފައިވާ ކަމަށެވެ. އަދި އީރާނުން ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް އަމާޒުކޮށް ޑްރޯން އަދި މިސައިލް ހަމަލާތައް އަލުން ފަށާފަ އެވެ.
ދިފާއުގައި ވާހަކަ ދައްކަން އީޝާއަކަށް ފުރުސަތެއް ނުދިން: ވަކީލު
"މައިކަލް": ފާޑުކިޔުންތެރިންނާއި ސަޕޯޓަރުން ބައިބައި ވެފައި!
ބޭނުންނުކުރާ ނޫޓުން ކްރާފްޓް ހެދުމުގެ މުބާރާތެއް ބާއްވަނީ