އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ފުރަތަމަ ފަހަރަށް، މޭވާގެ ރަހަތައް އެކުލެވޭ ވޭޕް ނުވަތަ އިލެކްޓްރޯނިކް ސިނގިރޭޓް 21 އަހަރުން މަތީގެ މީހުންނަށް ވިއްކުމުގެ ހުއްދަ ދީފި އެވެ. މިއީ ވޭޕްގެ ވިޔަފާރިތައް ސަލާމަތްކުރާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވައުދުވެވަޑައިގެންފައިވާ ދަނޑިވަޅެއްގައި ނިންމި ނިންމުމެކެވެ.
އެފްޑީއޭ އިން ހުއްދަ ދީފައިވަނީ ލޮސް އެންޖެލިސްގެ "ގްލާސް" ކުންފުނިން އުފައްދާ މެންގޯ، ބްލޫބެރީ އަދި މެންތޯލްގެ ދެ ބާވަތެއްގެ ވޭޕް އުފެއްދުމަށެވެ. ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓްރަމްޕް ވަނީ މޭވާގެ ރަހަ އެކުލެވޭ ވޭޕްތަކަށް ހުއްދަ ދިނުމަށް އެފްޑީއޭގެ ކޮމިޝަނަރު މާޓީ މަކަރީއަށް ބާރުއަޅުއްވާފަ އެވެ.
މި ނިންމުމަކީ އެފްޑީއޭގެ ސިޔާސަތަށް އައި ބޮޑު ބަދަލެކެވެ. ވޭތުވެދިޔަ އަހަރުތަކުގައި އެ އިދާރާއިން ވަނީ ކުޑަކުދިންނަށް ކަމުދާފަދަ މޭވާ އާއި ފޮނިކާތަކެތީގެ ރަހަ ހުންނަ މިލިއަނަކަށްވުރެ ގިނަ އުފެއްދުންތަކަށް ހުއްދަ ނުދީ ހިފަހައްޓާފަ އެވެ. ނިކޮޓީން އުފައްދާ ކުންފުނިތަކުން މިކަމާ ގުޅިގެން ދައުވާކުރި ނަމަވެސް، މިދިޔަ އެޕްރީލް މަހު އެމެރިކާގެ ސުޕްރީމް ކޯޓުން ވަނީ އެފްޑީއޭގެ ނިންމުމަށް ތާއީދުކޮށްފަ އެވެ.
2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ޓްރަމްޕް ވަނީ ވޭޕް އިންޑަސްޓްރީ ހިމާޔަތްކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާގެ "ޓްރުތު ސޯޝަލް" އެކައުންޓުގައި ލިޔުއްވާފައިވާ ގޮތުގައި، 2019 ވަނަ އަހަރުވެސް އޭނާ ވަނީ މި އިންޑަސްޓްރީ ސަލާމަތްކޮށްފަ އެވެ. ނަމަވެސް، ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ކުޑަކުދިން ވޭޕް ބޭނުންކުރާ މިންވަރު އިތުރުވުމާ ގުޅިގެން، ދުންފަތުގެ އިސްތިއުމާލުކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައަޅައި ގާނޫނުގައި ސޮއިކުރެއްވީވެސް އޭނާ އެވެ.
ކުޑަކުދިން ދުންފަތުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން މި ނިންމުމާ މެދު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. "ކެމްޕޭން ފޯ ޓޮބެކޯ-ފްރީ ކިޑްސް" ގެ ރައީސް ޔޮލަންޑާ ސީ ރިޗަޑްސަން ވިދާޅުވި ގޮތުގައި، މި ނިންމުމުގެ ސަބަބުން ކުޑަކުދިންގެ މެދުގައި އަލުން ވޭޕް ބޭނުންކުރުން އިތުރުވެގެންދާނެ އެވެ. އަދި މިއީ ސައިންޓިފިކް ހޯދުންތަކާއި އެފްޑީއޭ އިން މީގެ ކުރިން ނިންމާފައިވާ ނިންމުންތަކާ ފުށުއަރާ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
އާންމުކޮށް ވޭޕަކީ އާދައިގެ ސިނގިރޭޓަށްވުރެ ގެއްލުން ކުޑަ އެއްޗެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، އޭގެ ސަބަބުން ސިއްހީ ނުރައްކާތައް ކުރިމަތިވެއެވެ. މި އާލަތްތަކުން ނިކޮޓީން އެކުލެވޭ ދިޔާ އެއްޗެއް ހޫނުކޮށްގެން އުފައްދާ ދުން، ފުއްޕާމެޔަށް ދަމަ އެވެ.
އެފްޑީއޭ އިން ބުނާ ގޮތުގައި، މި އުފެއްދުންތަކަށް ހުއްދަ ދިނީ "ޑިވައިސް އެކްސެސް ރިސްޓްރިކްޝަން" ނުވަތަ ބޭނުންކުރާ މީހާގެ އުމުރު ކަށަވަރުކުރާ ޓެކްނޮލޮޖީއެއް ހިމަނާފައިވާތީ އެވެ. މި ޓެކްނޮލޮޖީގެ ސަބަބުން، ސަރުކާރުން ދޫކޮށްފައިވާ އައިޑީ ކާޑަކުން އުމުރު ކަށަވަރުކުރުމަށްފަހު މެނުވީ ސްމާޓްފޯނާ ގުޅުވައިގެން ވޭޕް ބޭނުން ނުކުރެވޭނެ އެވެ. މިއީ ކުޑަކުދިން މިފަދަ ތަކެތި ބޭނުންކުރުން ހުއްޓުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ އިދާރާއިން ދެކެއެވެ.
މިއީ އެމެރިކާގައި މޭވާގެ ރަހަ ހުންނަ ވޭޕަކަށް ހުއްދަ ދިން ފުރަތަމަ ފަހަރެވެ. މީގެ ކުރިން ހުއްދަ ދީފައިވަނީ ހަމައެކަނި ދުންފަތުގެ ރަހަ ނުވަތަ މެންތޯލް ރަހަ ހުންނަ ވޭޕްތަކަށެވެ. "ޓްރުތު އިނިޝިއޭޓިވް" ގެ ސީއީއޯ ކެތީ ކުރޮސްބީ ވިދާޅުވީ، މިއީ އާންމު ސިއްހަތަށް އޭގެ އަސަރުކުރާނެ މިންވަރު ބެލުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށާއި، މި ތަކެތި މާކެޓްކުރާ ގޮތް ވަރަށް ގާތުން ބަލަންޖެހޭނެ ކަމަށެވެ.
ވޭޕްގެ ސަބަބުން ސިނގިރޭޓް ބުއިން ހުއްޓާލުމަށް އެހީތެރިވެދޭނެ ކަމަށް އެފްޑީއޭ އިން ގަބޫލުކުރި ނަމަވެސް، ޗައިނާ ފަދަ ގައުމުތަކުން އުފައްދާ ގަވާއިދާ ހިލާފު ވޭޕްތައް އެމެރިކާގެ ބާޒާރުގައި އިތުރުވަމުންދާތީ، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އީރާނާއެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް
މެޓް ގާލާ 2026: ކަރަންގެ ފުރަތަމަ ފެނިލުމަށް ތައުރީފު އޮހެނީ!
ރިތިކްގެ އެންމެ ފުރަތަމަ މުސާރައަށް ގަތީ ކުޅޭ ކާރެއް!