އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިޔުމެންޓްރީއާ ގުޅިގެން ފުލުހުންގެ ތަހުގީގަށް ހާޒިރުކުރި ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އައިޝަތު އީޝާ އަޝްރަފްއަށް ދިފާއުގައި އެއްވެސް ބަހެއް ބުނަން ފުލުހުން ފުރުސަތު ނުދިން ކަމަށް އޭނާގެ ގާނޫނީ ވަކީލު ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
އެ މައްސަލައިގެ ތަހުގީގަށް އީޝާ މިއަދު ވަނީ ހެންވޭރު ދަނޑު ކައިރީގައި ހުންނަ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް ހާޒިރުވެފަ އެވެ.
ފުލުހުން އީޝާއަށް ފޮނުވާފައިވާ ޗިޓުގައިވާ ގޮތުން، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ގަޒުފުކޮށް ހަދާފައިވާ ކަމަށް ބުނާ ޑޮކިއުމެންޓްރީގައި ބައިވެރިވުމެއް އޮތް ކަމަށް ކުރެވޭ ތުހުމަތެވެ.
ވަކީލު ޝަމީމް ވިދާޅުވީ ގަޒްގެ ތުހުމަތު ކުރަނީ އީޝާ އެ ވާހަކަ ގިނަބައެއްގެ ކައިރީ ދައްކާފައިވާތީ ކަމަށް ފުލުހުން ބުނި ކަމަށެވެ. ނަމަވެސް އެއީ މުޅިން އާ ތުހުމަތެއް ކަމަށް ޝަމީމް ވިދާޅުވި އެވެ.
ފުލުހުން ކުރާ ތުހުމަތަށް އީޝާ އިންކާރުކޮށްފައިވާ ކަމަށް ވަކީލު ވިދާޅުވި އެވެ. އަދި ފުލުހުން ދިފާއުގައި ބަހެއް ބުނަން ފުރުސަތު ނުދިންކަމަށް ބަޔާނުގައި ލިޔުމަށްފަހު އީޝާ ސޮއިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގަޒްފު ކުރިކަމަށް ތުހުމަތުކުރަނީ، އަޅުގަނޑުމެން ސާފުކުރަން އެހިން ކާކާތޯ އެކަމެއް ކުރީ. އެ ސުވާލަކަށް ފުލުހުން ޖަވާބެއް ނުދޭ،" ޝަމީމް ވިދާޅުވި އެވެ.
"ދެން އަޅުގަނޑުމެން ދިފާއުގަ ވާހަކަދައްކަން ފުރުސަތަކަށް އެދުނީމާ، ދިފާއުގައި ވާހަކަދައްކާކަށް ފުރުސަތެއް ނުއެއްދެއްވާ. ހަމަ އެއްގޮތަކަށް ވެސް ދިފާއުގައި ވާހަކަދައްކާކަށް ފުރުސަތެއް ނުއެއް ދެއްވާ!" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ އީޝާ އަކީ ވިކްޓިމެއް ކަމަށާއި ވަޒީފާގެ މާހައުލުގައި ކަން ހިނގި ގޮތް އޭނާ ކިޔައިދޭން ބޭނުންވާ ކަމަށެވެ. އަދި މިއީ މީގެ ކުރިން ތަހުގީގުތަކުގައި ފުލުހުން އަމަލުކުރާ ގޮތާ ހިލާފު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ނޭވީއިން ބޯޓުތަކަށް ދިން ހަމަލާގައި 5 މީހުން މަރުވި