ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ލިބުމުގައި ހުރި ދަތިތަކަށް ދާއިމީ ހައްލެއް ގެނެސްދެވޭނެ ކަމުގެ ޔަގީންކަން ރައީސް މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ރައީސް މިޔަގީންކަން ދެއްވީ ލަންކާގައި ދިރިއުޅޭ ދިވެހީންނާ އިއްޔެ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ސްރީލަންކާއަށް ކުރެއްވި މި ދަތުރުފުޅުގައި ދެ ގައުމުގެ ރައްޔިތުންނަށްވެސް ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމާއި، ގުޅުންތައް ވަރުގަދަ ކުރުމަށްޓަކައި މަސައްކަތް ކުރެވުނު ކަމަށެވެ. ހާއްސަކޮށް ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، ތަރައްގީގެ އެކި ކަންކަން ކުރިއަށް ގެންދިޔުމަށް އެއްބަސްވެވޭނެ ގޮތްތައް ބައްލަވާފައިވާ ކަމަށް ވިދާޅުވި އެވެ.

ސްރީލަންކާގެ ރައީސްއާއެކު ބޭއްވި ބައްދަލުކުރެއްވުންތަކުގައި ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ލިބުމުގައި ހުރި ދަތިތަކަށް ދާއިމީ ހައްލެއް ގެނައުމަށް މަޝްވަރާކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ. ނިމިދިޔަ ދެ އަހަރުގެ ތެރޭގައި ވިސާގެ ކަންކަމަށް ލުޔެއް ހޯދުމަށް މަސައްކަތް ކުރެއްވިކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

"ވިސާ ލިބުމުގައި ހުރި ކަންކަން ހައްލުވެގެން ގޮސް މުޅި މައްސަލައަށް ދާއިމީ ހައްލެއް އަންނާނެކަމުގެ އުންމީދު ބޮޑު. މީގެ ކުރިން އޮތް ހާލަތަށްވުރެވެސް ރަނގަޅު ޙައްލެއް ލިބޭނެކަމުގެ ޔަޤީންކަން އެބައޮތް. އެކަން ކުރުމަށް އަމަލީ މަސއްކަތް ކުރެވިގެންދާނެ." ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ލަންކާގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވުމުގެ އުންމީދީ މަގެއް ފެނިފައިވާ ކަމަށާއި، ލަސްތަކެއްނުވެ އެކަންވެސް ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. މިކަމުގެ ސަބަބުން ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށާއި ރާއްޖޭގައި ދިރިއުޅޭ ސްރީލަންކާގެ ރައްޔިތުންނަށްވެސް ފަސޭހަތަކެއް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ، ސްރީލަންކާގައި ހުންނަ ދިވެހިންގެ ސަޤާފީ މަރުކަޒު ނުވަތަ ސޯސަންވިލާގެ ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަންޖެހޭކަންވެސް ފާހަގަކުރައްވާފައެވެ. އެގޮތުން އެތަނުގެ އިމާރާތަށް ބަދަލުތައް ގެނައުމަށާއި، ވަޞީލަތްތައް ރަނގަޅު ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.